Roadha Mihaaru
އިބްތިހާލް މަރު: މަންމައަށް 20 އަހަރުގެ ޖަލުހުކުުމެއް

އިބްތިިހާލްގެ މަރު: މަންމަ އާފިޔާ 20 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

28 ޑިސެމްބަރ 2020

ވ. ރަކީދޫގައި މަންމަ ކުރި އަނިޔާތަކެއްގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާ މުހައްމަދު 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. ރަކީދޫގައި މަންމަ ކުރި އަނިޔާތަކެއްގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާ މުހައްމަދު 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

ޖެނުއަރީ، 2015 ގައި އުމުރުން ތިން އަހަރުގެ އިބްތިހާލަށް އާފިޔާ ކުރި އަނިޔާތަކުގެ ސަބަބުން އޭނާ މަރުވި މައްސަލައިގައި އާފިިޔާގެ މައްޗަށް ކުރި ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އަށް އާފިޔާ ކުރިން އެއްބަސް ވިޔަސް، ފަހުން އޭނާ ބުނަމުން ދަނީ އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށާއި ކުރިން އެކަމަށް އެއްބަސްވީ ބަޔަކު ބިރު ދެއްކުމުން ކަމަށެވެ.

އިބްތިހާލްގެ މަރަށް ފަސް އަހަރާއި 11 މަސް ފުރުނު ދުވަހު، މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން، އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ އިބްތިހާލް މަރައިލި ކަމަށް ކުރިން އެއްބަސްވީ ޖަލުގައި ތިބި ބަޔަކު ބިރު ދެއްކުމުން ކަމަށް އާފިޔާ ފަހުން ބުންޏަސް، ވަކީލެއްގެ ހާޒިރުގައި ތަހުގީގުގައި އާފިޔާ އެކަމަށް އެއްބަސްވިއިރު، އެފަދަ ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ. އިބްތިހާލް ނިދާފައި އޮއްވައި އެ ކުއްޖާގެ ކަރުގައި ހިފައި، ކޮޅުފައިން ގައިގައި ތަޅައި، އަނިޔާކުރި ގޮތް 14 ސޮފްހާގެ ބަޔާނެއްގައި ތަހުގީގުގައި ތަފްސީލުކޮށް އާފިޔާ ކިޔައި ދީފައިވާ ކަން ފާހަގަކޮށް، އާފިޔާ ބުނާ ބުނުމެއް ފިޔަވައި އޭނާ އަށް މަޖުބޫރު ކުރި ކަމަށް ގަބޫލު ކުރެވޭ ސަބަބެއް އާފިިޔާގެ ފަރާތުން ދައްކާފައި ނުވާ ކަމަށް ގާޒީ ސަމީރު ވިދާޅުވި އެވެ.

އެކަން ތަފްސީލުކޮށް ކިޔައި ދިނުމުގެ އިތުރުން އިބްތިހާލަށް އަނިޔާކުރި ގޮތް ޕްލާސްޓިކް ބުދެއް ބޭނުން ކޮށްގެން ތަހުގީގުގައި އާފިޔާ ދައްކާފައިވާ ކަމަށް ގާޒީ ސަމީރު ވިދާޅުވި އެވެ. ބަންދުގެ މުއްދަތު މަޖިލީހުގައި ވެސް އާފިޔާ ކުށަށް އެއްބަސްވެފައި ވާތީ އެއީ ޝަރީއަތުގެ މަޖިލީހެއްގައި ވެފައިވާ އިއުތިރާފެއް ކަމަށް ބަލަން ޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި އެހެން މީހެއްގެ ހައްގެއް އެކުލެވޭ ކުށެއްގެ މައްޗަށް އެއްބަސްވުމަށް ފަހު، އެ އިއުތިރާފް އަނބުރާ ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާއިރު، އާފިޔާ ވެފައިވާ އިއުތިރާފު އަނބުރާ ގެންދެވޭނެ ސަބަބެއް ދެއްކިފައެއް ނުވެ އެވެ. އިބްތިހާލަށް އަނިޔާކުރީ އައި ރުޅިވެރިކަމެއްގެ ސަބަބުން މެރުމުގެ ގަސްދު އޮޮވެގެން ކަމަށް އާފިޔާ އެކި މަރުހަލާތަކުގައި އެއްބަސްވެފައިވާ ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

"ކުއްޖަކު މެރުމުގެ ދައުވާ އަށް ވެފައިވާ އިއުތިރާފަކީ އިއުތިރާފް ސައްހަވުުމުގެ ޝަރުތުތައް ފުރިހަމަވާ ސައްހަ އިއުތިރާފެއް." އާފިޔާ ވެސް ހާޒިރުވެ އިން އެ މަޖިލީހުގައި ގާޒީ ސަމީރު ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި އާފިޔާގެ އިއުތިރާފުގެ އިތުރުން ދައުލަތުން ހުށަހެޅި ހެކިންގެ ބަހުންނާއި ގުޅުވައިލެވޭ ގަރީނާތަކުން އާފިޔާގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެ ކުށް ސާބިތުވާ ކަމަށެވެ. އެހެންވެ، 20 އަހަރަށް އޭނާ ޖަލަށްލުމަށް ހުކުމް ކުރުމާ އެކު، ވިދިވިދިގެން ދެ މަހުގެ ރޯދަ ހިފަން އާފިޔާ އަށް އަންގާ ކަމަށް ހުކުމުގައިވެ އެވެ.

އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުގެ ވަކީލާ އައިޝަތު މުހަައްމަދު އެދިވަޑައިިގަތީ ގާނޫނުލްއުގޫބާތުގެ ދަށުން އެ ކުށުގެ އަދަބުގެ ހަތަރު ދަރަޖަ މަތިކޮށް، އާފިޔާ 20 އަހަރަށް ޖަލަށްލުމަށެވެ. އެއީ ކުޑަކުއްޖަކަށް އަނިޔާ ލިބުމާއި ކުށުގެ ސަބަބުން ލިބުނު ގެއްލުން ބޮޑުވުމާއި ފަރުވާލެއް ނެތި އަދި އަނިޔާވެރިކަން ދެއްކުމާއި އިންސާނެއްގެ ފުރާނައަށް ފަރުވާލެއް ނެތި އެ އަމަލު ހިންގާފައިވާތީ ކަމަށް ދައުލަތުން ބުންޏެވެ.

އާފިިޔާ އަށް ދައުލަތުގެ ޚަރަދުގައި ހަމަޖައްސައިދިން ދިފާއީ ވަކީލު ހުސްނީ މުބާރަކް ވިދާޅުވީ ކުށް ސާބިތުވީ އާފިޔާގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް ކަމަށް ވާތީ އޭނާގެ އިއުތިރާފްގެ ސަބަބުން އަދަބުގެ ދަށް ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމާ ބެހޭގޮތުން އާފިޔާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ދައުލަތުން އެކަަމަށް ދެކޮޅު ހެދި އެވެ. ދައުލަތުން ބުނީ އާފިޔާ އިއުތިރާފުވުމަށް ފަހު، ފަހުން އެކަމަށް އިންކާރުކޮށް، އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފައިވާތީ އަދަބު ލުއި ކުރަން ނުޖެހޭނެ ކަމަށެވެ.

އާފިޔާގެ މައްޗަށް މަރުގެ އަދަބެއް ނުދެވޭނެ

ގާޒީ ސަމީރު ވިދާޅުވީ އިސްލާމީ ޝަރީއަތުގެ ޖުމްހޫރު އިލްމުވެރިންގެ ރައުޔަށް ބަލާއިރު އެ މައްސަލާގައި އާފިޔާގެ ކިބައިން މަރަށް މަރު ނުހިފޭނެ ކަމަށެވެ. ސަބަބަކީ ދަރިން މަރައިގެން މައިންބަފައިންގެ މައްޗަށް ގިސާސް (މަރުގެ އަދަބު) ނުހިފޭނެ ކަމަށް ޖުމްހޫރު އިލްމުވެރިން ވިދާޅުވާތީ ކަމަށާއި އެގޮތަށް ސުންނަތް ޖަމާއަތުގެ މަޒްހަބުތަކުގައި އަމަލުކުރާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެއީ ދަރިިން ދުނިޔެއަށް އަންނަނީ މައިންބަފައިންގެ ފުށުން ކަމަށް ވާތީ ކަމަށް ގާޒީ ސަމީރު ވިދާޅުވި އެވެ.

"އާފިޔާގެ ކިބައިން ގިސާސްގެ ހިފަން ޝަރުތު ފުރިހަމައެއް ނުވޭ." ގާޒީ ވިދާޅުވި އެވެ.

އާފިޔާ --- ފޮޓޯ/މިހާރު

އާފިޔާ --- ފޮޓޯ/މިހާރު

އެކަމަކު، ތައުޒީރީ އަދަބެއްގެ ގޮތުން މައިންބަފައިންގެ މައްޗަށް ވެސް އަދަބު ދެވިދާނެ ކަމަށާއި އެކަމަށް ގާނޫނުލްއުގޫބާތުގެ ދަށުން ހުރަހެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އަމިއްލަ ނަފްސު ދިފާއު ނުކުރެވޭ ހާލަތެއްގައި ހުރި އިބްތިހާލާ މެދު ކޮންމެ ފަދަ ރުޅިވެރިކަމެއް އޮތަސް، އެއީ އޭނާގެ ލޭ ހުއްދަ ކުރެވޭނެ ސަބަބެއް ނޫން ކަމަށް ގާޒީ ސަމީރު ވިދާޅުވި އެވެ.

"ކުއްޖާ އަށް ޝަރުއީ ގޮތުން ބަފައަކު ނެތުމުން މީހުންގެ ކިތަންމެ މަލާމާތެއް ކުރިމަތިވިޔަސް، އަދި ކުއްޖާ ދެކެ ރުޅި އަޔަސް ކުއްޖާއަކީ މަރައިލުމުގެ ހުއްދަ ދެވިފައިވާ ނުވަތަ މަރައިލުމުގެ ހައްގު ދެވިފައިވާ ކުއްޖެއް ނޫން. ކުއްޖާއަކީ ނަފްސު ދިފާއު ނުކުރެވޭނެ ވަރުގެ އަދި އެއްވެސް ކަމެއްގެ ޒިންމާ ޝަރުއީ އަދި ގާނޫނީ ގޮތުން އުފުލަން ނުޖެހޭނެ ކުއްޖެއް." ގާޒީ ވިދާޅުވި އެވެ.

މަރަށް މަރު ހިފޭނީ ހުރިހާ ވާރިސުން އެކަމަށް ބޭނުންވާ ނަމަ ކަމަށާއި އެކަމަކު އިބްތިހާލްގެ ވާރިސުންގެ ގޮތުގައި ތިބީ އާފިޔާ އާއި އޭނާގެ ބާލިޣުނުވާ އެއްބަނޑު ދެ ކޮއްކޮ ކަމަށް ގާޒީ ވިދާޅުވި އެވެ. މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް އިބްތިހާލްގެ މަންމަ ފަރާތު މާމަ ބުނެފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

"އިބްތިހާލް އަދި އާފިޔާ އަށް ވެސް އިންސާފު ލިބެންޖެހޭ"

އާފިޔާ އަށް އޭނާގެ ދޮންބައްޕަގެ ފަރާތުންނާއި އެކި މީސްމީހުންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް އޭނާ ބުނާ ބުނުމާއި އެކި ގޮތްގޮތުން އެކަން އާފިޔާގެ މަންމަ ސިއްރު ކުރިކަމަށް އާފިޔާ ބުނާ ކަން ހުކުމުގައި ގާޒީ ފާހަގަ ކުރެއްވި އެވެ. ފަހުން ހަށިވިއްކައިގެން ފައިސާ ހޯދަން އާފިޔާ އަށް މަންމަ އާއި ދޮންބައްޕަ މަޖުބޫރު ކުރި ކަމަށަށް އޭނާ ބުނެފައިވާ ކަން ފާހަގަ ކުރައްވައި، އާފިޔާ އަށް ރައްކާތެރިކަން ދޭނެ އެއްވެސް މީހަކު ނެތި އޭނާ އުޅެން ޖެހުނު ކަމަށް ގާޒީ ވިދާޅުވި އެވެ.

"އަދިއަދަށް ދާންދެން ވެސް އާފިޔާގެ ނަފްސަށް ލިބުނު އަނިޔާތަކަށް އިންސާފު ލިބިފައެއް ނެތް." ގާޒީ ވިދާޅުވި އެވެ.

ތިން ގަޑިއިރައަށް ވުރެ ދިގު ދެމިގެންދިޔަ ޝަރީއަތުގެ މިއަދުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ އިބްތިހާލަށް އެކި ފަހަރު މަތިން އާފިޔާ އަނިޔާކުރި ކަން އެނގޭއިރު ރަށުގެ މީހުން އެކަން ރިޕޯޓް ނުކޮށް، ސިއްރުކުރި ކަން އެ މީހުންގެ ބަޔާންތަކުން އެނގޭ ކަމަށެވެ. އެކަން ދައުލަތުގެ އިދާރާތަކަށް އެނގުމުން އެއި އިބްތިހާލް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ހާލަތެއް ކަމަށާއި އެކަން ނުކޮށް ތިއްބާ އޭނާ މަރުވީ ކަން ގާޒީ ފާހަގަ ކުރެއްވި އެވެ. އަދި "ދެވަނަ އާފިޔާއެއް އުފަންވިޔަ" ނުދޭން، ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލު ކަމެއް ދޭން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

"އާފިޔާ އަށް ކުޑައިރުއްސުރެން ފެށިގެން ލިބުނު އަނިޔާތައް ބެލި، އިންސާފު ލިބިފައި ނެތުމަކީ އާފިޔާގެ ފުށުން މުހައްމަދު އިބްތިހާލަށް ލިބުނު އަނިޔާތަކަށް އިންސާފު ނުލިބެންވީ ސަބަބެއް ވެސް ނޫން." ގާޒީ ސަމީރު ވިދާޅުވި އެވެ.

ގާޒީ ސަމީރު ވިދާޅުވީ އިބްތިހާލަށް އަނިޔާ ކުރެވުނީތީ މިހާރު ދެރަވާ ކަމަށާއި އެގޮތަށް އަމަލުކުރީ އިބްތިހާލަކީ ބަައްޕަ ނެތް ކުއްޖަކަށް ވާތީ ރަށު މީހުން އޭނާއާ ދިމާކުރާތީ އެކަމާ ރުޅި އާދެވޭތީ ކަމަށް އާފިޔާ ނަފްސާނީ ހާލަތާ ބެހޭގޮތުން ހަދާފައިވާ ރިޕޯޓުގައި ބުނެފައިވާ ކަމަށެވެ. އެކަމަކު އިބްތިހާލްގެ މަރުގެ ބަދަލުގައި އަމިއްލަ އަށް އަދަބު ލިބިގަންނަން އާފިޔާ ބޭނުންވާ ކަމަށް އެ ރިޕޯޓުގައިވާ ކަމަށް ގާޒީ ސަމީރު ވިދާޅުވި އެވެ.

އާފިޔާގެ ނަފްސާނީ ހާލަތާ ބެހޭގޮތުން ގާޒީ ވިދާޅުވީ އިބްތިހާލަށް އަނިޔާކުރީ އަމިއްލަ އިހްތިޔާރުގައި އަދި ހޭ ބުއްދި ސަލާމަތުން ހުރެގެން ކަމަށް އާފިޔާގެ ނަފްސާނީ ހާލަތު ބަޔާންކޮށް، ތައްޔާރުކުރި ރިޕޯޓުގައި ބުނެފައިވާ ކަމަށެވެ. އާފިޔާގެ ކިބައިން އާދަޔާ ޚިލާފު ރުޅިވެރި ވިސްނުން ހުރުމުން އެހެން މީހެއްގެ ފުރާނަ އަށް އޭނާގެ ފަރާތުން އިތުރަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެކަހެރި ކުރަންޖެހޭ ކަމަށް އެ ރިޕޯޓުގައި ބުނާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އާފިޔާ 20 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި ފަސް އަހަރާއިި 11 މަސް ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ އިތުރަށް ޖަލުގައި ހޭދަ ކުރަން ޖެހޭނީ 15 އަހަރުގެ މުއްދަތެކެވެ. ގަސްދު މަރުގެ މައްސަލަތަކުގައި ކުށްވެރިންނަށް މާފު ނުދެވުނަސް، އެ މީހުންގެ އަދަބު ލުއިކޮށް ދިނުމަށް ގާނޫނީ ގޮތުން ހުރަހެއް ނޯވެ އެވެ.

ވަކީލެއްގެ އެހީތެރިކަން ބޭނުންނުވާ ކަމަށް ބުނަމުން ދިއުމަށް ފަހު، ވަކީލަކު ބޭނުންވާ ކަމަށް އާފިޔާ ބުނީ އެ މައްސަލައިގެ އަޑުއެހުންތައް ނިމި، މިދިޔަ މަހުގެ ފަހުކޮޅު ހުކުމް އިއްވަން ހަމަޖައްސާފައި ވަނިކޮށެވެ. އެހެންވެ، މިއަދު އޭނާގެ މައްޗަށް ހުކުމް އިއްވީ ވަކީލަކާ އެކު ޚުލާސާ ބަޔާން ހުށަހެޅުމުގެ ފުރުސަތު އާފިޔާ އަށް އަލުން ދިނުމަށް ފަހު އެވެ.