Roadha Mihaaru
އާފިޔާއަށް އިތުރު އެއް މަހާއި ހަ ދުވަހުގެ ހުކުމެއް

އިބްތިހާލަށް އަނިޔާކުރި މައްސަލާގައިި އާފިޔާއަށް އިތުރު އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި

28 ޑިސެމްބަރ 2020

ވ. ރަކީދޫގައި މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި 20 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދު އިތުރު އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. ރަކީދޫގައި މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި 20 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދު އިތުރު އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖެނުއަރީ، 2015 ގައި އިބްތިހާލްގެ ކަރުގައި ހިފައި އަދި ކޮޅުފައިން ތަޅައި، އަނިިޔާ ކުރުމުގެ ސަބަބުން މަރުވި މައްސަލާގައި އާފިޔާގެ މައްޗަށް ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެއް ދައުލަތުން ކުރި އެވެ. ކުއްޖަކު މެރުމުގެ ދައުުވާ ސާބިތުވެ، އާފިޔާ 20 އަހަރަށް ޖަލަށްލާން މިއަދު ވަނީ ހުކުމްކޮށްފަ އެވެ. އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާކުރީ އިބްތިހާލް މަރުވުމުގެ ކުރިން ވެސް އެކިފަހަރު މަތިން އޭނާއަށް އަނިޔާ ކޮށްފައިވާތީ އެވެ.

އާފިޔާއަށް 20 އަހަރުގެ ޖަލު ހުކުމް އިއްވިތާ އިރުކޮޅެއް ފަހުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގައި ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ އެކި ދުވަސް މަތިން އިބްތިހާލަށް އަނިޔާކުރި ކަމަށް އާފިޔާ އެއްބަސްވެފައިވާ ކަމަށާއި އަދި ފަހުން އޭނާ އެކަމަށް އިންކާރު ކުރިޔަސް، ހުށަހެޅިފައިވާ ހެކިތަކުން އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އެއް މަހާއި ހަ ދުވަހަށް އާފިޔާ ޖަލަށްލާން ހުކުމްކުރީ ކަމަށް ގާޒީ ވިދާޅުވި އެވެ.

އާފިޔާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާކުރީ ކުރީގެ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުންނެވެ. އޭރު އެ ކުށަށް އޮންނަ އެންމެ ބޮޑު އަދަބަކީ ގިނަވެގެން ހަ މަހަށް ޖަލަށްލުމެވެ. އެކަމަކު ގާނޫނު އަސާސީގެ 59 ވަނަ މާއްދާ ބުނާގޮތުން ކުށްކުރުމާއި ހުކުމް ކުރުމާ ދެމެދު ގާނޫނަށް ގެންނަ ބަދަލަކުން ކުށުގެ އަދަބަށް ލުޔެއް ދީފައިވާ ނަމަ، ކުށްވެރިޔާއަށް ދޭން ޖެހޭނީ ފަހުން އަންނަ ގާނޫނުގައި ބުނާ ލުއި އަދަބެވެ.

އާފިޔާ 20 އަހަރަށް ޖަލަށްލާން ހުކުމްކުރީ އޭނާ އެ ކުށްކުރުމުގައި އަނިޔާވެރިކަން ހުރުމާއި ކުޑަކުއްޖަކަށް އަނިޔާ ލިބުން ފަދަ ހާލަތްތަކަށް ރިއާޔަތްކޮށް، އަދަބުގެ ހަތަރު ދަރަޖަ މަތި ކުރުމަށް ފަހު އެވެ. އެކަމަކު ކުރިން ބަންދުގައި އޭނާ ހޭދަކުރި ފަސް އަހަރާއި 11 މަސް ހުކުމުގެ މުއްދަތުން އުނި ކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 15 އަހަރުގެ އަހަރުގެ ޖަލު ހުކުމެކެވެ.