Roadha Mihaaru
ބާސެލޯނާ އާއި ޕީއެސްޖީގެ ކުރިމަތިލުމެއް

ޗެމްޕިއަންސް ލީގު: ބާސެލޯނާ އާއި ޕީއެސްޖީގެ ކުރިމަތިލުމެއް

14 ޑިސެމްބަރ 2020

ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ބައްދަލުކުރަން ޖެހިއްޖެ އެވެ.

މިއީ މީގެ ތިން އަަހަރު ކުރިން 2016-2017 ވަނަ އަހަރުގެ ސީޒަނުގެ ދެ ވަނަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި ފަހުން މި މުބާރާތުގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. އެ ފަހަރު ފުރަތަމަ ލެގުގައި ޕީއެސްޖީ ދަނޑުގައި އެ ޓީމުން ބާސެލޯނާ އަތުން 4-0 އިން މޮޅުވި އެވެ. އެކަމަކު ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގެ ފަހު އަށް ވަރަކަށް މިނިޓް ތެރޭ ތިން ގޯލު ޖަހައި 6-1 އިން މޮޅުވެގެން ބާސެލޯނާ ވަނީ މުބާރާތުގެ ކުއާޓާ އިން ފުރުސަތު ހޯދައިފަ އެވެ.

އެ ފަހަރު ޕީއެސްޖީ ކަޓުވާލުމުގައި ބާސެލޯނާގެ ތަރި އަކީ ނޭމާ އެވެ. އެ ސީޒަނަށް ފަހު ނޭމާ ވަނީ ދުނިޔޭގެ ރެކޯޑް އަގަކަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. މިއީ ޕީއެސްޖީ އަށް ނޭމާ ބަދަލުވި ފަހުން ބާސެލޯނާއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅޭނީ 20 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މި މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދި އިޓަލީގެ ލާޒިއޯއާ ދެކޮޅަށެވެ. ބަޔާނަކީ މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ގޯލު ޖެހި ޓީމެވެ.

ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ކުޅޭ ޗެލްސީން ދެ ވަނަ ބުރުގައި ނުކުންނާނީ ސްޕެނިޝް ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޑިއޭގޯ ސިމިއޯނީގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އެތުލެޓިކޯ އިން ވަނީ މިދިޔަ ސީޒަނުގެ ދެ ވަނަ ބުރުގައި ލިވަޕޫލް ކަޓުވާލައިފަ އެވެ. ޗެލްސީ މިިދިޔަ ފަހަރު ކެޓީ ބަޔާން އަތުންނެވެ.

އިންގްލެންޑްގެ ޗެމްޕިއަން ލިވަޕޫލް ދެ ވަނަ ބުރުގައި ކުޅޭނީ ޖަރުމަނުގެ އާރްބީ ލައިޕްޒިގާ ދެކޮޅަށެވެ. މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނު ލަައިޕްޒިގު މި ފަހަރުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލުމަށް ފަހު އެވެ.

ރަނގަޅު ރެކޯޑަކާ އެކު ދެ ވަނަ ބުރުން ފުރުސަތު ހޯދި މެންޗެސްޓާ ސިޓީ ދެ ވަނަ ބުރުގައި ބައްދަލުކުރާނީ މި މުބާރާތުގެ ނަން ޗެމްޕިއަންސް ލީގަށް ބަދަލުކުރި ފަހުން ފުރަތަމަ ފަހަރަށް ދެ ވަނަ ބުރުގައި ވާދަކުރާ ބޮރޫޝިއާ މުންޗެންގްލަޑްބެކްއާ އެވެ. އެ ޓީމު އެންމެ ފަހުން ދެ ވަނަ ބުރުގައި ކުޅުނީ 1978 ވަނަ އަހަރު އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔުވެންޓަސް ދެ ވަނަ ބުރުގައި ކުޅޭނީ 2004 ވަނަ އަހަރުގެ ޗެމްޕިއަން ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށެވެ. މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާ މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅޭނީ 1997 ވަނަ އަހަރުގެ ޗެމްޕިއަން ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ދެ ވަނަ ބުރުގައި ކުޅޭނީ އިޓަލީގެ އެޓަލަންޓާއާ ދެކޮޅަށެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް ފަށާނީ އަންނަ ފެބްރުއަރީ މަހު 16 ގަ އެވެ. މި ސީޒަނުގެ ފައިނަލް ކުޅެން ހަމަޖެހިފައިވަނީ ތުރުކީގެ އިސްތަންބޫލްގަ އެވެ. މިދިޔަ ސީޒަނުގެ ފައިނަލު ކުޅެން ފުރަތަމަ ހަމަޖެއްސީ އިސްތަންބޫލުގައި ނަމަވެސް ކޮވިޑް-19އާ ހެދި ދަތުރުފަތުރުކުރެވެން ނެތުމުން ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ކުޅުނީ ޕޯޗުގަލްގެ ލިޒްބަންގަ އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް:

ޕީއެސްޖީ - ބާސެލޯނާ

ރެއާލް މެޑްރިޑް - އެޓަަލަންޓާ

ޗެލްސީ - އެތުލެޓިކޯ މެޑްރިޑް

ލިވަޕޫލް - ލައިޕްޒިގު

ބަޔާން މިއުނިކް - ލާޒިއޯ

ޑޯޓްމަންޑް - ސެވިއްޔާ

ޕޯޓޯ - ޔުވެންޓަސް

މެންޗެސްޓާ - ސިޓީ - ބޮރޫޝިއާ މުންޗެންގްލަޑްބެކް