Roadha Mihaaru
ސަފާރީ ކޭސް: ދައުވާކޮށްދޭން އެދުނީ ތިން މީހަކަށް

ސަފާރީ ކޭސް: ދައުވާކޮށްދޭން ޕީޖީގައި އެދުނީ ތިން މީހަކަށް

15 ޑިސެމްބަރ 2020

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ތިން މީހަކަށް ދައުވާކޮށްދޭން އެދި ފުލުހުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ތިން މީހަކަށް ދައުވާކޮށްދޭން އެދި ފުލުހުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އަލުން ޕީޖީ އަށް ފޮނުވީ ޑިއުޓީ ޕްރޮސިކިއުޝަންގައި މަޝްވަރާކޮށް، ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމަށް އެއްބަސްވެވުނު ކަންކަން ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "މިހާރު" އަށް ވިދާޅުވީ ތިން މީހެއްގެ މައްޗަށް ދައުވާކޮށްދޭން ހުށަހެޅި މައްސަލަ އެ އޮފީހުން ބަލައިގެންފައިވާ ކަމަށެވެ. ދައުވާކޮށްދޭން އެދޭ މައްސަލަތައް ކޯޓަށް ހުށަހެޅުމާ މެދު ގޮތެއް ނިންމަން ނަގާ އެވްރެޖް މުއްދަތަކީ 10 ދުވަސް ކަަމަށާއި ހަތަރެއް ނުވަތަ ފަސް ދުވަހުގެ ތެރޭގައި ވެސް ބައެއް މައްސަލަތައް ނިންމާ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރި ކެންޔާގެ އުމުރުން 27 އަހަރުގެ އަންހެންމީހާގެ ރައްޓެއްސެއްގެ ދައުވަތަކަށް ޕާޓީކުރަން ސަފާރީ އަކަށް ދިއުމުން ޖިންސީގޯނާކުރަން އުޅުނު މައްސަލައިގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު، ހައްޔަރުނުކޮށް ދެ މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒާ އެކުގައި ކަމަށާއި މުޅި މި މައްސަލައިގައި ވެސް ފުލުހުން އަމަލުކުރި ގޮތާ މެދު ފާޑުކިއުން އަމާޒުވި އެވެ.

ކެންޔާގެ އަންހެންމީހާ "މިހާރު"އަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ އޭނާގެ "ޖިންސީ ގުނަވަންތަކުގައި އަތްލި" ކަމަށެވެ. ސަފާރީގެ ޑެކުގައި ހުރެފައި މޫދަށް ފުންމައިލީ، އުރަމައްޗާއި ފޫކޮޅުގައި އަތްލުމުން، އެފަދަ ކަމެއް އިތުރަށް ކުރިމަތިވިޔަ ނުދޭން ކަމަށް ބުނެފައިވެ އެވެ. ފަހުން އޭނާގެ ވަކީލުން ވިދާޅުވެފައި ވަނީ ތަހުގީގަށް މުވައްކިލު މިހާތަނަށް ދީފައިވާ ބަޔާންތަކުގައި، ކެންޔާގެ އަންހެންމީހާ މަރައިލާނެ ކަމަށް ބިރު ދައްކައި އެ ފަރާތުގެ ޖިންސީ ގުނަވަނުގައި ދަމައި ހިފައިގަނެ، ޖިންސީ އަނިޔާކުރި ފަރާތުގެ ޖިންސީ ގުނަވަނުގައި ހިފުމަށް އަންގައި ސަފާރީގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ގެންދިއުމަށް މަސައްކަތް ކޮށްފައިވާ ކަން ހާމަވާން އޮތް ކަމަށެވެ.

ރާއްޖޭގައި އޭނާ އަށް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ، ތަހުގީގު ކުރިއަށް ދަނިކޮށް އަންހެންމީހާ ވަނީ އެނބުރި ކެންޔާ އަށް ގޮސްފަ އެވެ.

ފުލުހުން ބުނެފައި ވަނީ ސަފާރީ ކޭސްގައި ފުލުހުންގެ އަމަލުތަކާ މެދު ތުހުމަތުތައް ކުރިޔަސް އެ މައްސަލައިގެ ތަހުގީގުގައި ނުފޫޒެއް ނެތް ކަމަށެވެ. މި މައްސަލައިގައި ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ޖަވާބުދާރީވާން ޖެހުނެވެ. އެންއައިސީން ވެސް މައްސަލަ ބެލި ނަމަވެސް ފަހުން ތަފްސީލެއް އާއްމެއް ނުކުރެ އެވެ.