Roadha Mihaaru
ނިހާން އަށް ދައުވާކުރަން އުޅޭތީ ޕާސްޕޯޓް ހިފަހައްޓައިފި

އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުވާކުރަން އުޅޭތީ ނިހާންގެ ޕާސްޕޯޓް ހިފަހައްޓައިފި

15 ޑިސެމްބަރ 2020

އެމްއެމްޕީއާރްސީ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން އަށް ދައުވާކުރަން ތައްޔާރުވަމުން އަންނާތީ އޭނާ ރާއްޖެއިން ބޭރަށް ފުރުން ހުއްޓުވައި ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

އެމްއެމްޕީއާރްސީ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން އަށް ދައުވާކުރަން ތައްޔާރުވަމުން އަންނާތީ އޭނާ ރާއްޖެއިން ބޭރަށް ފުރުން ހުއްޓުވައި ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 30 މީހެއްގެ މައްޗަށް ކުރާ ތުހުމަތުތައް އިސްކަންދީގެން ބަލަމުން އަންނަ އިރު އޭގެ ތެރޭގައި ނިިހާން ވެސް ހިމެނެ އެވެ. އޭނާގެ މައްޗަށް ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމުގައި ފައިސާއިން ރިޝްވަތު ހިފުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރާ ތުހުމަތުގެ އިތުރު ތަފްސީލެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ. ނިހާން އަކީ ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރެވެ. އެކަމަކު އޭނާ މިހާރު ހުންނެވީ ޖޭޕީގަ އެވެ.

އެނގިފައިވާ ގޮތުގައި މައްސަލައިގެ ތަހުގީގު ނިމި ދައުވާކުރަން ފޮނުވަން ކޮމިޝަނުން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. އަދި ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ވެސް އެ ސަބަބަށް ޓަކަައިކަން އެނގިފައި ވެއެވެ.

ނިހާން "މިހާރު" އަށް ވިދާޅުވީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން ފުލުހުން އެންގީ ރޭ ކަމަށެވެ. އިއްޔެ މެންދުރު ފަހު ފުލުހުން ހޯދާފައިވާ ކޯޓު އަމުރުގައި ވަނީ އެމްއެމްޕީއާރްސީ މައްސަލައިގައި އޭނާގެ މައްޗަށް ތަހުގީގު ހިނގަމުން ދާތީ އޭނާ ފިލައިގެން ދާން އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

ނަމަވެސް ނިހާން ވަނީ އެ ވާހަކަ ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

"އަޅުގަނޑު ފިލައިގެން ބޭރަށް ކީއްކުރަންތޯ އަތޮޅުތެރޭގެ ރަށަކަށް ޗުއްޓީ އަށް ދާން ވެސް ނުވިސްނަން. 2018 ވަނަ އަހަރުން ފެށިގެން މިހުރީ މިތާގައި. އަބަދުވެސް ތި ތަހުގީގުތަކަށް އެއްބާރުލުން ދިނިން އަދި ކުރިއަށް އޮތް ތަނުގައި ވެސް ދޭނަން،" ނިހާން ވިދާޅުވި އެވެ.

ނިހާންގެ މައްޗަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ކަންކަމުގެ ތަހުގީގަށް ނިހާން އާއި އޭނާގެ އާއިލާގެ ބައެއް މެމްބަރުން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. އަދި އެނގިފައިވާގޮތުގައި އޭނާގެ ބެންކު އެކައުންޓުތަކުގެ ތަފްސީލު ވެސް ކޮމިޝަނުން ނަގާފައި ވެއެވެ. އަދި އޭނާގެ ބައެއް އަގުބޮޑެތި މުދަލާއި ގުޅޭގޮތުން ވެސް ސުވާލުކޮށް މައުލޫމާތު ނަގާފައިވާކަން އެނގިފައި ވެއެވެ.