Roadha Mihaaru
ނިހާންގެ މައްޗަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި

ނިހާންގެ މައްޗަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި

16 ޑިސެމްބަރ 2020

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާންގެ މައްޗަށް ދައުވާ އުފުލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާންގެ މައްޗަށް ދައުވާ އުފުލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 30 މީހެއްގެ މައްޗަށް ކުރާ ތުހުމަތުތައް އެސެޓް ރިކަވަރީ ކޮމިޝަނުން އިސްކަންދީގެން ބަލަމުން އަންނަ އިރު އޭގެ ތެރޭގައި ނިިހާން ވެސް ހިމެނެ އެވެ. އޭނާގެ މައްޗަށް ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމުގައި ފައިސާއިން ރިޝްވަތު ހިފުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ކޮމިޝަނުން ހިއްސާކޮށްފަ އެއް ނުވެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް "މިހާރު" އަށް މިއަދު ވިދާޅުވީ ނިހާންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތަހުގީގު ނިމި އޭނާގެ މައްޗަށް ދައުވާ އުފުލަން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

"ދެ ދުވަހެއް ވެއްޖެ ފޮނުވިތާ. އެކަމަކު އޭގައި ބަލަން ޖެހޭ ބައެއް އިތުރު ކަންތައްތަކެއް ހުރުމުން އެކަން އަޅުގަނޑުމެން މިހާރު މި ކުރަނީ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އެ މައްސަލަ ޕެންޑިން މައްސަލައެއްގެ ގޮތުގައި ގިނަ ދުވަސް ނުކުރައްވާނެ ކަމަށާއި މިހާރު ވެސް މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ދައުވާ އުފުލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި ނިހާންގެ މައްޗަށް ދައުވާކުރަން އެދި ޕީޖީ އަށް ހުށަހަޅާފައިވާއިރު އޭނާ ރާއްޖެއިން ބޭރަށް ދިއުން ހުއްޓުވައި އޭނާގެ ޕާސްޕޯޓު ވެސް ހޯމަ ދުވަހު ވަނީ ހިފަހައްޓާފަ އެވެ. ޕާސްޕޯޓު ހިފަހައްޓަން ކޯޓުން ނެރުނު އަމުރުގައިވާގޮތުން އޭނާ ރާއްޖެއިން ބޭރަށް ފިލައިގެންދާން އުޅޭ ކަމަށް ފުލުހުން ތުހުމަތުކޮށްފައި ވެއެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި އެސެޓް ރިކަވަރީ ކޮމިޝަނުގެ ތަހުގީގަށް ނިހާން އާއި އޭނާގެ އާއިލާގެ ބައެއް މެމްބަރުން ވެސް ހާޒިރުކޮށްފައި ވެއެވެ. އެނގިފައިވާގޮތުގައި ކޮމިޝަނުން ވަނީ އޭނާގެ ބައެއް އަގުބޮޑެތި މުދަލާއި ގުޅޭގޮތުން ސުވާލުކޮށް ބޭންކް އެކައުންޓްތަކުގެ ތަފްސީލްތައް ވެސް ނަގައިފަ އެވެ.

މި މައްސަލައިގައި ކުރީގެ ސަރުކާރާއި މި ސަރުކާރުގެ ވެސް އިސް ބޭފުޅުންނާއި ބައެއް މަޖިލިސް މެމްބަރުންގެ މައްޗަށް ވެސް ތުހުމަތު ކުރެ އެވެ. އެގޮތުން ކުރީގެ ސަރުކާރުގެ އިސްކޮށް ތިއްބެވި 30 ބޭފުޅުންނާއި، މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުންގެ މައްޗަށް މި މައްސަލައިގައި ތުހުމަތު ކުރެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކާއި މިހާރުގެ 16 މެމްބަރުންގެ އިތުރަށް ފަސް ފަނޑިޔާރެއްގެ މައްޗަށް ވެސް ތުހުމަތު ކުރެ އެވެ.

ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ހުކުމްކޮށްފައި ވަނީ ތިންް މީހެއްގެ މައްޗަށެވެ. އެއީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބައި ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އިތުރުން ހިޔާނާތް ހިންގި ދުވަސްވަރު އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިޔަތެވެ. ޒިޔަތަށް 11 އަހަރުގެ ޖަލު ހުކުމެއްކޮށްފައިވާއިރު އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި ވެއެވެ.

ޔާމިންގެ މައްޗަށް އިތުރު ދެ ދައުވާއެއް ކުރަން ތައްޔާރުވަމުން އަންނަ އިރު ކުރިން އިއްވި ހުކުމް އެމަނިކުފާނު ވަނީ އިސްތިއުނާފް ކުރައްވާފަ އެވެ. އެ މައްސަލަ މިހާރު ހައި ކޯޓުގައި އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.