Roadha Mihaaru
އަދީބުގެ ފޯނާއި ލެޕްޓޮޕް: ދައުލަތަށް ބޮޑު ޓެސްޓެއް!

އަދީބުގެ ފޯނާއި ލެޕްޓޮޕް: ދައުލަތަށް ބޮޑު ޓެސްޓެއް!

12 ޖެނުއަރީ 2022

ސަރުކާރުގެ އިސް ވެރިން ވެގެން ދައުލަތުގެ ބަޖެޓުން 3.3 ބިލިއަން ރުފިޔާ ލޫޓުވާލި ބޮޑު ހިޔާނާތް، ސަރުކާރަށް ތިން އަހަރުވި އިރު ވެސް ކޮޅެއްގައި ނުޖެއްސުނެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރުގެ އިސް ވެރިން ވެގެން ދައުލަތުގެ ބަޖެޓުން 3.3 ބިލިއަން ރުފިޔާ ލޫޓުވާލި ބޮޑު ހިޔާނާތް، ސަރުކާރަށް ތިން އަހަރުވި އިރު ވެސް ކޮޅެއްގައި ނުޖެއްސުނެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަށް ފައިސާ ރިކަވާ ކުރެވޭ އަދަދަށް ވުރެ މުސާރަ އަށް ކުރަން ޖެހޭ ހަރަދު އެތައް ގުނައެއް ބޮޑުވެ ނަތީޖާ ނުނެރެވޭތީ އޮތީ އުވާލަން ޖެހިފަ އެވެ. އޭސީސީއަށް ކުރި ތުހުމަތުތަކާ އެކު އުވާލަން ޖެހުނު އިރު ވެސް އެމްއެމްޕީއާރުސީގެ މައްސަލަތަކުގައި މާ ބޮޑު ކުރިއެރުމެއް ނުހޯދުނެވެ. އަނެއް ބިރަކަށް އޮތީ އޭސީސީން ކުރާ އެއްވެސް ތަހުގީގެއް ޕްރޮސިކިއުޓަ ޖެނެރަލަށް ކަމުނުދިއުމެވެ. ކޯޓުގައި ދައުވާ އުފުލޭ ވަރަށް ތަހުގީގަށް ހެކި ހޯދޭ ކަމަކަށް ވެސް ނުވެ އެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި ފުލުހުން ހިންގާ ޖޮއިންޓް އިންވެސްޓިގޭޝަންތަކުން ވެސް މިހާތަނަށް ދަށު ކޯޓެއްގައި ކާމިޔާބު ކުރެވުނު ހަމައެކަނި މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީލޯންޑަރިން ކޭސް އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބާތިލް ކުރީ ހެދިފައި ހުރި ބޮޑެތި ގޯސްތަކާއި ޔާމީނާ އެންމެ ގާތްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހުމަަދު އަދީބު ބޭނުން ކޮށްގެން ދައުލަތުން ކުރި "ޓެސްޓުތަކެއް" ފެއިލްވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމުން އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކި ބަހުގެ ބާރު ދަށްވެ އެ މީހުންގެ ބަސް އެހެން ކޯޓުތަކުގައި ވިކޭނެތޯ އޮތީ ސުވާލެއްގެ ތެރޭގަ އެވެ. އަދީބާއި ޒިޔަތާއި ޔާމީނާ މެދު ހުރި ޒާތީ މައްސަލަތަކާއި ހެކިބަހަށް ބާރު ލިބޭ އިތުރު ކަންކަން ހުށަހަޅާފައި ނެތީ އެވެ.

ނަމަވެސް ދައުލަތުން ދައުވާކޮށްފައިވާ ކުރީގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން އާއި އޭސީސީގެ އިންވެސްޓިގޭޓަރަކަށް އުޅުނު އަބްދުﷲ އާޒިމް އަދި މި ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އެމްއެމްޕީއާރްސީ ކޮރަޕްޝަން ދައުވާއަށް ބަލާއިރު ވެސް ދައުލަތަށް ލިބިފައިވާ އެންމެ ބޮޑު އެއް "އެސެޓަކީ" ހިޔާނާތް ހިންގުމުގެ ވެރިޔަކަށް އުޅުނު އަދީބު އިއުތިރާފުތަކާއި ފޯނާއި ލެޕްޓޮޕްތަކުން ނަގާފައިވާ މެސެޖުތައް ކަން އެނގެ އެވެ.

އެމްއެމްޕީއާރުސީގެ މުޅި ތަހުގީގު ބޮޑު ފެއިލްއަކަށް ވަނީ އެންމެ މީހެއްގެ އިއުތިރާފާއި، ވުޖޫދުގައި ނެތް ފޯނަކާއި، މަނީ ލޯންޑަރިން ގާނޫނުގައި އޮތް މާއްދާއެއް ނުބައިކޮށް މާނަކޮށްގެން ދައުވާ ކުރީމަ. ހުރިހަ ކަމެއް ގޯހުން ދަނީ ފުރަތަމަ ވެސް ނުބައި ނިޔަތެއްގައި މީގެ ބިންގާ އެޅުމުން. -- ވަކީލް

ދައުލަތަށް "ލިބިފައިވާ" ފޯނާއި ލެޕްޓޮޕަކީ ކިހާ ބާރުގަދަ ހެކިތަކެއް ހެއްޔެވެ؟ އަދީބުގެ އިއުތިރާފުން މި މައްސަލަތައް ކޮޅެއްގައި ޖެއްސިދާނެ ހެއްޔެވެ؟ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގި މީހުން އިންސާފާ ހަމަޔަށް ގެނައުމަކީ މި ސަރުކާރުގެ ބޮޑު ވައުދު ކަމަށްވާއިރު ޔާމީންގެ މަނީ ލޯންޑަރިން މައްސަލައަށް ވީހެން އެމްއެމްޕީއާރްސީގެ އެހެން ބޮޑެތި މައްސަލަތައް ވެސް ތަހުގީގުގެ ގޯސްތަކާ ހެދި ފަނުފުލުން ގޮސްދާނެ ހެއްޔެވެ؟

ހިޔާނާތް ސާބިތު ކުރަން މެސެޖުތައް ފުދޭ؟

މީގެ އެއް މިސާލަކީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްޗަށް ކުރި ދައުވާ އެވެ. އޭސީސީގެ ތަހުގީގުން ކަށަވަރު ކުރެވެނީ މަނީ ލޯންޑްރިން ހިންގި، އެސްއޯއެފް އިން ސީދާ މަހުލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާ ކުރި ކަމެވެ. މަހުލޫފް ބުނަނީ އެއީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށެވެ.

އޭސީސީން ގަބޫލު ކުރަނީ އެ 33،000 ޑޮލަރަކީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމަށް އަދީބު މަހުލޫފަށް ދިން ރިޝްވަތުގެ ފައިސާ އެވެ. އެކަން ސާބިތުވާ ގޮތް ކަމަށް އޭސީސީން ބުނަނީ މަހުލޫފްގެ އެކައުންޓަށް ފައިސާ ޖަމާވި ތާރީހާއި އެ ދުވަސްވަރު އަދީބު ފޯނުގައި މަހުލޫފްއާ އެކު ވާހަކަ ދައްކާފައިވާ މެސެޖުތައް ބެލުމުން އެއީ ރިޝްވަތެއް ކަމަށް ބެލެވޭތީ އެވެ.

އަދި އެ ދުވަސްވަރު މަހުލޫފް ޕީޕީއެމް އިން ވަކިވާން އުޅުނު ކަމާއި މަހުލޫފަށް ދިން ފައިސާ އަކީ އޭނާ ޕާޓީގައި ދެމިހުރުމަށާއި އެ ބިލަށް ވޯޓު ދިނުމަށް ދިން ރިޝްވަތުގެ ފައިސާއެއް ކަން ވެސް އެ މެސެޖުތަކުން އެނގޭ ކަމަށް އޭސީސީން ތުހުމަތު ކުރެ އެވެ.

ޒިޔަތަށް އަދީބު ފޮނުއްވި ކަމަށް ބުނާ މެސެޖް

ޒިޔަތަށް އަދީބު ފޮނުއްވި ކަމަށް ބުނާ މެސެޖް

ނަމަވެސް އެސްއީޒެޑް ބިލު ފާސް ކުރީ އޮގަސްޓް 27، 2014 ގައި އެވެ. އޭރު މަހުލޫފަކީ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ވަރުގަދަ މެންބަރެކެވެ. އެ ބިލަކީ ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ މެންބަރަކު ހުށަހެޅި އަދި ޕީޕީއެމްގެ މެންބަރުން އެކަމަށް ތާއީދުކޮށް ވާހަކަ ވެސް ދައްކާފައިވާ ބިލެކެވެ.

އަދި އެ ޕާޓީގެ ހުރިހާ މެންބަރުން ވެސް އެ ބިލަށް ތާއީދު ކުރަން މަޖުބޫރު ކޮށް، ތްރީ ލައިން ވިޕެއް ވެސް ޕީޕީއެމް އިން ނެރުނެވެ. އެހެންވެ އެ ބިލަށް މަހުލޫފް ވޯޓު ނުދޭންވީ ކީއްވެތޯ ކަށަވަރުވާ ވަރަކަށް އޭސީސީގެ ތަހުގީގަކުން ނުބުނެ އެވެ. ބޮޑަށް ބަރޯސާ ވަނީ އަދީބުގެ ފޯނުގައި ދެ މީހުން ބަދަލުކޮށްފައިވާ މެސެެޖުތަކަށެވެ.

ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި މަހުލޫފަށް ކޮށްފައިވާ މެސެޖުތަކަކީ ސައްހަ މެސެޖުތަކެއް ކަމަށް އަދީބު އެއްބަސް ވިޔަސް މަހުލޫފްގެ ޖަވާބުތަކާއި އޭގެ ސައްހަކަން އަދި އެ މެސެޖުތަކަކީ އެޑިޓް ކޮށްފައިވާ އެއްޗެއް ނޫން ކަން ވެސް ދައުލަތުން ސާބިތު ކޮށްދޭން ޖެހެ އެވެ. މި މައްސަލައާ ގުޅިގެން މަހުލޫފްގެ ފޯނު ނަގައި އެއިން މައުލޫމާތު ހޯދާފައެއް ނެތެވެ. ހަމައެކަނި ބުރަ ވަނީ އަދީބުގެ ފޯނުން ކޮށްފައި ހުރި ކަމަށް ތުހުމަތު ކުރާ މެސެޖުތަކާއި އަދީބުގެ ބަހަށެވެ.

"ދައުވާ ލިބެނީ މަހުލޫފަށް ވެއްޖެ ނަމަ ދައުލަތުން ސާބިތު ކޮށްދޭން ޖެހެނީ މަހުލޫފް ކަން އެ މެސެޖުތައް ކޮމިއުނިކޭޓް ކުރީ. އަދީބު ކޮމިއުނިކޭޓް ކުރި ކަން ދައުލަތުން ސާބިތުކޮށްދޭކަށް ނުޖެހޭ. އަދީބު ކޮމިއުނިކޭޓް ކުރިކަން ސާބިތުކޮށް ދޭން ޖެހޭ ހާލަތެއްގައި އޭނާގެ ބަހެއް އެއަށް ބޭނުން ވާނީ،" އޭނާ ވިދާޅުވި އެވެ.

ވަކީލް ވިދާޅުވި ގޮތުގައި ތްރީ ލައިން ވިޕެއް ނެރެފައި އޮތް ވޯޓެއްގައި ރިޝްވަތު ނުދިނަސް މަހުލޫފް އެސްއީޒެޑް ބިލަށް ވޯޓު ދޭން ލާޒިމްވެ އެވެ. ނަމަވެސް އެ ވޯޓާ ދެކޮޅު ވާން ޕީޕީއެމް އިން ތްރީ ލައިން ވިޕެއް ނެރުނު ނަމަ އަދީބާ އެކު އޭނާ އެ ހިންގި މުއާމަލާތުގައި ނިޔަތާ މެދު ޝައްކު އުފައްދާނެ ޖާގަ އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މި މައްސަލާގައި މަައިގަނޑު ހެއްކަކަށް އަދީބާއި އޭނާގެ ފޯނުގެ މެސެޖުތައް ހަދާފައި އޮތުމުން އޭގެ އަސްލާ ހަމަޔަށް ދާން ޖެހޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ. އެ ފޯނު ކޮބައިތޯ ކިހިނެއް ހޯދި އެއްޗެއްތޯ އަދި ޗެއިން އޮފް ކަސްޓަޑީއާ މެދު ކޯޓުން ސުވާލު އުފައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފޯނާއި ލެޕްޓޮޕް: ކިހިނެއް ހޯދި އެއްޗެއް؟

ދާދި ފަހުން ކްރިމިނަލް ކޯޓުން ވަނީ، ލައިގެން ހުރި ބޮކްސާގެ ތެރެއިން މަސްތުވާތަކެތި ފެނުނު މީހެއް ދޫކޮށްލައިފަ އެވެ. ސަބަބެއް ކަމަށް ބުނީ އޭނާ ބަލައި ފާސްކުރި އިޖުރައާތު ގޯސްވުމެވެ. ފާސްކުރީ ޑިއުޓީ އިންޗާޖުގެ ހުއްދަ ހޯދައިގެން ކަން އެނގެން ނެތުމެވެ.

އަދީބުގެ ފޯނާއި ލެޕްޓޮޕެއްގެ ވާހަކައަށް ގާނޫނީ ދާއިރާގެ ގިނަ ބޭފުޅުން ވެސް އަހާ ސުވާލަކީ އެއީ އެވެ. ފުލުހުން ފޯނު ހޯދީ ކިހިނެއް ހެއްޔެވެ؟ އޭގެ ޗެއިން އޮފް ކަސްޓަޑީ ނުވަތަ ފުލުހުން ތަހްގީގުން ހޯދާ ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިޔަ ގޮތް ބަޔާންކުރާ ރިޕޯޓް އޮތީ ކިހިނެއް ހެއްޔެވެ؟

އެކަމާ ބެހޭ ގޮތުން ދައުލަތުން މިހަތަނަށް މާ ގިނަ ވާހަކަތަކެއް އަދި ނުދައްކަ އެވެ. އެކަމަކު އެ ތަކެތި އައި ގޮތާ ބެހޭ ގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި އަދި އޭގެ ފަހުން ވެސް ވަރަށް އަޑުތަކެއް އިވުނެވެ. އަދީބުގެ ފޯނު ވަކި ބަޔަކާ ހަވާލު ކުރުމާއި އޭގެ މައުލޫމާތު އިނގިރޭސިވިލާތުގައި އެކްސްޓްރެކްޓު ކުރި ވާހަކަތަކެކެވެ.

އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގެ ޓްރެއިލާ އިން ނަގާފައިވާ ސްކްރީންޝޮޓެއް

އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގެ ޓްރެއިލާ އިން ނަގާފައިވާ ސްކްރީންޝޮޓެއް

އަލްޖަޒީރާ އިން ހެދި ސްޓީލިން ޕެރެޑައިސް އަކީ ވެސް އެ ފޯނުގައި ހުރި މެސެޖުތަކަށް ބިނާކޮށް ހެދި ރިޕޯޓެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅަށް ވެސް ފޯނު އެރިކަމަށް އެމަނިކުފާނު ވެސް ވިދާޅުވި އެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް އެ ފޯނު ގެންގުޅުއްވި ކަމަށްވެ އެވެ.

އެ ހުރިހާ ތަނެއްގައި އުޅުމަށް ފަހު ފުލުހުންގެ އަތަށް އެރީ ކިހާ ހިސާބަކުން ހެއްޔެވެ؟ އެ ފޯނުގައި ހުރި މެސެޖުތައް ބަދަލު ނުކުރާ ކަން ސާބިތުކޮށްދެވޭނީ ކިހިނެތް ހެއްޔެވެ؟

"ޗެއިން އޮފް ކަސްޓަޑީ ހެދި ދާނެ އެކަމަކު އޭގެ ފެށުން ކިހާ ހިސާބެއްގައި އޮތީ. މިހާރު ވެސް އެ ނިންމަނީ ޖިނާއީ އިޖުރާއަތުގެ ދަށުން ޗެއިން އޮފް ކަސްޓަޑީ ގޯސްކޮށް ނަގާފައި އޮތީމަ ހެކި ބަލައި ނުގަންނަން. އޭގެ ނަތީޖާއަކީ މުޅި ފޯނާ ގުޅޭ ހުރިހާ މައްސަލަތައް ބަލައި ނުގަތުން،" ވަކީލަކު ވިދާޅުވި އެވެ.

އެ މައުލޫމަތުތައް އެނގޭ، އެކަމަކު މައްސަލައިގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް "މިހާރު" އާ ވާހަކަ ދެއްކި މީހަކު ވިދާޅުވި ގޮތުގައި ދައުލަތާ ހަމަޔަށް އެ ފޯނުތަކެއް ނާދެ އެވެ. ލެޕްޓޮޕާއި ފޯނުތައް ހުރީ ބޭރު ކުންފުންޏެއްގެ އަތުގަ އެވެ. ފުލުހުންނަށް ލިބިފައި އޮތީ އޭގެން ޑޭޓާތައް ކޮޕީ ކޮށްފައިވާ ޕެންޑްރައިވެކެވެ.

"ފޮރެންސިކް އެނާލިސިސްއެއް ހަދައިފި ނަމަ އެއަށް ބަދަލު ނުގެނެސް ހުރެދާނެ އެކޭ ނުބުނެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން އޭގެ ޗެއިން އޮފް ކަސްޓަޑީ ކޯޓުގައި ސާބިތު ކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ ވުޖޫދުގައި ނެތް އެއްޗެއް ހެއްކެއް ގޮތުގައި ކޯޓުތަކުން ބަލައިގަންނާނެ ހެއްޔެވެ؟ އަދި އެ ހެކިތައް ބަލައި ނުގަންނަން ކޯޓުން ނިންމާ ހިސާބުން އެމްއެމްޕީއާރުސީގެ ގިނަ މައްސަލަތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟

"އެމްއެމްޕީއާރުސީގެ މުޅި ތަހުގީގު ބޮޑު ފެއިލްއަކަށް ވަނީ އެންމެ މީހެއްގެ އިއުތިރާފާއި، ވުޖޫދުގައި ނެތް ފޯނަކާއި، މަނީ ލޯންޑަރިން ގާނޫނުގައި އޮތް މާއްދާއެއް ނުބައިކޮށް މާނަކޮށްގެން ދައުވާ ކުރީމަ. ހުރިހަ ކަމެއް ގޯހުން ދަނީ ފުރަތަމަ ވެސް ނުބައި ނިޔަތެއްގައި މީގެ ބިންގާ އެޅީމަ،" ގާނޫނީ ވަކީލަކު މިހާރު އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފޯނެއް ނެތް ނަމަ އެ ސާބިތު ކުރަން އުޅުމަކީ މީގެ ކުރިން ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމްގެ ގެއިން ފިސްތޯލެއް ފެނިގެން އެކަން ސާބިތު ކުރަން އުޅުން ކަހަލަ ކަމެކެވެ. ފިސްތޯލެއް ފެނުން ވާހަކަ ބުންޏަސް އެ ފިސްތޯލެއް ކޮބާތޯ އާއި އޭތި ލިބުނު ގޮތެއް އަދި އޮތް ތަނެއް ނޭނގެ އެވެ. ހަމައެކަނި އޮތީ މީހެއް ބުނާ ބަހެކެވެ. އޭގެ މައްޗަށް މައްސަލަތައް ނުނިންމޭނެ ކަން ސުޕްރީމް ކޯޓުގެ ހުކުމުން މިހާރު އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކި މިސްރާބަކަށް ގެންދަން އުޅުމުގެ ނަތީޖާތަ؟

މި ސަރުކާރު އަންނަން އެންމެ ބޮޑަށް ވިއްކި އެއްޗަކީ ވައްކަމާއި ހިޔާނާތާ ދެކޮޅުވުމެވެ. ވަގުން ހައްޔަރު ކުރުމެވެ. ގެއްލުނު ފައިސާ ހޯދައި އިންސާފު ގާއިމް ކުރުމެވެ. އެހެންވެ އެމްއެމްޕީއާރްސީގެ މައްސަލަތަކަކީ މި ސަރުކާރުން އެންމެ އިސްކަންދޭ ކަންކަމަށް ވާން ޖެހޭނެ އެވެ.

ނަމަވެސް އެ ވާހަކަ ދެއްކެވި ފަރާތްތައް ސަރުކާރާ ހަވާލުވުމަށް ފަހު އޭގެ ބިންގާ އެޅި ގޮތާއި އެ ކުރިޔަށް ގެންދާ މިސްރާބާ މެދު ސިޔާސީ އަދި ގާނޫނީ އެތައް ބަޔަކު ސުވާލު އުފައްދާ އެންމެ ބޮޑު ސަބަބަކީ އަދީބާއެކު ހަދާ ޑީލް ތަކެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މީޑިއާ ބްރީފިންއެއްގައި ލިއުމެއް ބައްލަވަނީ

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މީޑިއާ ބްރީފިންއެއްގައި ލިއުމެއް ބައްލަވަނީ

ހިޔާނާތް ހިންގައި ދައުލަތުން ވައްކަން ކުރި އެންމެ ބޮޑު މީހާއަކީ އަދީބު ކަން މުޅި ދައުލަތް އެއްބަސްވެ އެވެ. އެކަމަކު އޭނާ އަތުން ހޯދަން އެއްބަސްވީ އެންމެ ދެ މިލިއަން ރުފިޔާ އެވެ. އެ ފައިސާ ވެސް އަދީބު ނުދައްކަވަ އެވެ. ދައްކާކަށް ދައުލަތުން ޕްރެޝަރެއް ވެސް ނުކުރެ އެވެ.

ބާކީބައި "ވިއްކާލީ" ޔާމީނާއި ވަކިވަކި ބޭފުޅުންތަކަކާ ދެކޮޅަށް ހެކި ބަސް ދިނުމާއި ޝަރީއަތުގައި އެއްބާރުލުން ދޭ މަތިންނެވެ. ދެން އޮތީ އެ ފައިސާ ލޯންޑާކޮށް މާލެ ތެރޭގައި ކަޅު ދަބަހުގައި ފައިސާ ހިފައިގެން އުޅުނު އެސްއޯއެފް ކުންފުނީގެ ވެރިންނެވެ. އެ މީހުންނަށް ދައުވާ ކުރާކަށް ނުވަތަ އަނބުރާ ގައުމަށް ގެންނާކަށް ދައުލަތުން ނުވެސް ވިސްނަ އެވެ.

"އެމްއެމްޕީއާރްސީ ދިޔައީ ވަރަށް އެހެން ޑައިރެކްޝަނަކަށް. ވަކި ބަޔަކު އެކްސްކްލޫޑް ކޮށްފައި ވަކި ބަޔަކާ ދިމާލަށް. މިހާރު ވެސް އެދަނީ އެހެން. ހަގީގަތަކީ އެއީ. ސިޔާސީ ޓޫލްއެއް ގޮތަށް އެމްއެމްޕީއާރްސީ ބޭނުންކޮށްގެން އޭގެ ނަތީޖާއެއް ނުނިކުންނާނެ،" ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު "މިހާރު" އަށް ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަންގެ މަސައްކަތް ކުރިޔަށް ގެންދިޔަ ގޮތަކީ އޭގެ އެއް މިސާލެވެ. މި ހުރިހާ ފައިސާ އަނބުރާ ހޯދަން އުފެއްދި ކޮމިޝަން އުވާލާ ހިސާބަށް ދިޔައިރު ވެސް ދައުވާ އުފުލަން އެޓާނީ ޖެނެރަލްގެ އޮފީހާ ހަމައަށް ފޮނުވީ އެންމެ އަށް ކުންފުންޏަކަށެވެ.

"އެސެޓް ރިކަވާ ކުރަން އުފެއްދި ކޮމިޝަނަށް މުސާރައިގެ ގޮތުގައި ވެސް މިހާރު އެތައް މިލިއަނެއް ދީފި. އަދިވެސް ފައިސާއެއް ނުހޯދޭ. މިހާރު އެ ހުރީ އުވާލާ ހިސާބުގައި. މި ގެއްލުންތައް ބެއާ ކުރަން މި ޖެހެނީ ރައްޔިތުން. އޭގެ ބަދަލު ހޯދާނީ ކިހިނެތްތޯ،" އޭނާ ސުވާލު ކުރެއްވި އެވެ.

އަދީބާއި ޒިޔަތުގެ އިއުތިރާފް ބަޔާންތައް ސުޕްރީމް ކޯޓުން ބާރު ކަނޑުވާލުމާ އެކު އެމްއެމްޕީއާރްސީގެ ހުރިހާ މައްސަލައަކަށް ވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެ އެވެ. ފޯނާއި ލެޕްޓޮޕް ނުވަތަ ޕެންޑްރައިވަކުން މި ނަގާ މައުލޫމާތުގެ ސައްހަކަން ދައުލަތުން ގުޅުވުމަކީ ދައުލަތުން ދެން ޖައްސާ ޓެސްޓެއް ކަމަށް ވެދާނެ އެވެ. އެ ހެކިތައް ކޯޓުތަކުން ބަލައި ނުގަންނަން ނިންމާ ހިސާބަކީ އެމްއެމްޕީއާރްސީގެ ހުރިހާ މައްސަލައަކަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމެކެވެ. މި ސަރުކާރުގެ އެންމެ ބޮޑު ވައުދަށް ވާނެ ގޮތް ކުރިޔަށް މި އޮތް ޝަރީއަތަކުން އެނގޭނެ އެވެ.