Roadha Mihaaru
އަދީބާއި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނަގަނީ

ޔާމީންގެ މައްސަލަ: އަދީބާއި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނަގަނީ

15 އޯގަސްޓް 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް ހަމަޖައްސައިފި އެވެ.

ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅިގެން މިއަދު އަޑުއެހުން ތާވަލްކުރީ ދައުލަތުގެ ހެއްކެއް ކަމަށްވާ ޒިޔަތުގެ ހެކިބަސް ނެގުމަށެވެ.

އެ މައްސަލާގައި ޔާމީނާ އެކު ދައުވާލިބޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ އަދީބާއި ޒިޔަތުގެ ހެކިބަސް ދެ އަޑުއެހުމެއްގައި ނެގުމުން ވަކި ގޮތަކަށް ހެކިބަސް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންވެ، އެއް ދުވަހެއްގައި ހެކިބަސް ނަގަން ވަކީލުން އެދުނެވެ.

ޔާމީނާއި ޒިޔަތު ސަލާމް ކުރައްވަނީ

ޔާމީނާއި ޒިޔަތު ސަލާމް ކުރައްވަނީ

ޔާމީންގެ ވަކީލުން ވެސް ވިދާޅުވީ އަދީބާއި ޒިޔަތަކީ ޔާމީނާ ދެމެދު އަދާވާތްތެރިކަން އޮތް ދެ ބޭފުޅުން ކަމަށް ވާތީ އެ ދެ ބޭފުޅުންގެ ހެކިބަސް ނަގަން ޖެހޭނީ އެއް ދުވަހެއްގައި ކަމަށެވެ. އެހެންވެ، ހެކިބަސް އުފައްދައިގެން ޔާމީނާ ދެކޮޅަށް ހެކިބަސް ދީފާނެ ކަމަށް ބެލެވޭ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ދައުލަތުން ބުނީ ހެކިވެރިން އެކި ދުވަހު ހާޒިރުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ކޯޓުން ކުރިން ނިންމާފައިވާއިރު، އެކަމަށް ދިފާއީ ވަކީލުން ކުރިން ދެކޮޅު ހަދާފައިނުވާ ކަމަށެވެ. އެކަމަކު އަދީބާއި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނަގަން ދައުލަތުން ވެސް ދެކޮޅެއް ނަހަދަ އެވެ.

އަދީބު މިއަދު ހާޒިރު ކޯޓަށް ހާޒިރު ކުރެވޭތޯ އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ސުވާލު ކުރުމުން ދައުލަތުން ވިދާޅުވީ އޭނާ ހާޒިރުކުރަން އެހެން ބައެއް އިދާރާތަކާ މަޝްވަރާ ކުރަންޖެހޭތީ މިއަދު ހާޒިރު ނުކުރެވޭނެ ކަމަށެވެ.

އިސްގާޒީ ޝަކީލް ވިދާޅުވީ ކޮންމެ ދުވަހަކު ހެކިވެރިއަކު ހާޒިރުކުރަން ޖެހޭ ގޮތަށް ނިންމާފައި އޮތީ ކޮންމެ ހެކިވެރިއަކާ ސުވާލުކުރުމުގައި ގިނަ ވަގުތުތަކެއް ހިނގާތީ ކަމަށެވެ. އަދި ޝަރީއަތް ލައިވްކުރަން ފެށީ ވެސް ޔާމީންގެ ފަރާތުން ތަކުރާރުކޮށް އެކަމަށް އެދުމުން ކަމަށް އިސްގާޒީ ވިދާޅުވި އެވެ.

ގާޒީ ނިންމެވީ މިމަހުގެ 30 ވަނަ ދުވަހު އަދީބާއި ޒިޔަތުގެ ހެކިބަސް ނެގުމަށެވެ. އެދުވަހު ހެނދުނުން ފެށިގެން މެންދުރު ފަހާ ހަމައަށް ޝަރީއަތް ކުރިއަށް ގެންގޮސްގެން ވެސް، އެ ދެ ބޭފުޅުންގެ ހެކިބަސް ނަގާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.