Roadha Mihaaru
ބާ ބަސްތަކެއް ހަވާލުކުރި މައްސަލަ އޭސީސީން ބަލަނީ

ބަސްތައް ހޯދުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަ އޭސީސީން ބަލަނީ

17 ޑިސެމްބަރ 2020

ހދ. ކުޅުދުއްފުއްޓާއި ހަނިމާދޫ އެއާޕޯޓަށް ދާ ފަސިންޖަރުންނަށް ޚާއްސަ ކޮށްގެން އާ ބަސްތަކެއް ގެނައުމުގެ ބީލަން ކާމިޔާބުކުރި ކުންފުނިން އޮޅުވާލައިގެން ބާ ބަސްތަކެއް ގެނެސް ހަވާލުކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހދ. ކުޅުދުއްފުއްޓާއި ހަނިމާދޫ އެއާޕޯޓަށް ދާ ފަސިންޖަރުންނަށް ޚާއްސަ ކޮށްގެން އާ ބަސްތަކެއް ގެނައުމުގެ ބީލަން ކާމިޔާބުކުރި ކުންފުނިން އޮޅުވާލައިގެން ބާ ބަސްތަކެއް ގެނެސް ހަވާލުކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ބަސްތައް ގެނައުމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންކަން ހިނގާފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލަ ކޮމިޝަނުން ބަލަމުން އައި ނަމަވެސް ތަހުގީގު ކުރިއަށް ގެންދާތީ އޭގެ ތަފުސީލެއް އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ނުދެއްވަ އެވެ.

ކުޅުދުއްފުއްޓަށް 30 މީހުންގެ ޖާގަ އަދި ހަނިމާދު އަށް 15 މީހުންގެ ޖާގައިގެ ބަހެއް ގެންނަން ހަވާލުކުރީ ފަޔަ ޕްރޯ މޯލްޑިވްސްއާ އެވެ. މި ޕްރޮޖެކްޓުގެ އަގު، އެނގިފައިވާ ގޮތުގައި، 1.7 މިލިއަން ރުފިޔާ އަށް ވުރެ ބޮޑެވެ.

ބްރޭންޑް ނިއު ވެހިކަލްތަކެއްގެ ގޮތުގައި ބޭނުންކޮށް ކުލަ ވެއްޓި، އެތެރެ ހަޑިވެފައިވާ ބަސްތައް ގެނައި ކަމުގެ ޝަކުވާ ބޮޑުވުމުން ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ކުޅުދުއްފުއްޓާއި ހަނިމާދު އަށް ޓީމެއް ފޮނުވައިގެން ބަސްތަކުގެ ހާލަތު ބަލައިފަ އެވެ. އިންސްޕެކްޝަނަށް ފަހު، ޓީމުން އެކުލަވައިލި ރިޕޯޓުގައި ބުނެފައި ވަނީ، ބަސްތައް ގެނައީ އޮޅުވާލައިގެން ކަމަށެވެ. އެއީ ކުރިން ބޭނުންކޮށް، އިންޖީނުގައި ދަބަރު ޖަހާފައިވާ ބަސްތަކެއް ކަމަށާއި އެއާޕޯޓާ ހަވާލުކޮށްފައި ވަނީ އަސްލު ކުލަ ފޮރުވަން ހުދު ކުލަ ލާފައި ކަމަށް އެ ރިޕޯޓުގައި ވެ އެވެ.

އެ ރިޕޯޓުގައި، ފޮޓޯތަކާ އެކު ބަސްތަކުގެ ހާލަތު ސިފަކޮށްފައިވެ އެވެ. އިންސްޕެކްޝަނަށް ފަހު މައްސަލަ ބޮޑުވުމުން، ދެ ބަސް ހުޅުމާލެ ގެނެސް މަރާމާތުކޮށްގެން އަލުން މިހާރު ވަނީ ހަނިމާދު އާއި ކުޅުދުއްފުއްޓަށް ގެންގޮސްފަ އެވެ.

އިންސްޕެކްޝަން ރިޕޯޓުގައި އެއީ ބާ ވެހިކަލްތަކެއް ކަމަށް ލިއެފައި ވަނިކޮށް، އެ ބަސްތަކެއް މަރާމާތުކޮށްފައި ހަވާލުކުރުމުން ރީޖަަނަލް އެއާޕޯޓްސް ވަނީ އެ ތަކެއްޗާ ހަވާލުވެފަ އެވެ. އެކަމަކު ދެ އެއާޕޯޓުން ބަސްތަކާ ހަވާލުނުވާތީ ބޭނުންކުރަން އަދި ނުފަށަ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ރީޖަނަލް އެއާޕޯޓްސް ހިންގުމާ ހަވާލުވެ ހުންނެވި ސާމީ އަގީލް ވިދާޅުވެފައި ވަނީ ދެ އެއާޕޯޓަކަށް ގެނައި "ބަސްތަކެއް ރިޖެކްޓްކުރި ކަމެއް އަޅުގަނޑަކަށް ނޭނގޭ" ކަމަށެވެ. މިނިސްޓްރީން ޓީމެއް ފޮނުވައިގެން އިންސްޕެކްޝަނެއް ހެދި ކަން އެނގިވަޑައިގަންނަވާތޯ އެހުމުން ވެސް ވިދާޅުވީ އޭނާއަކަށް އެފަދަ އިންސްޕެކްޝަނެއްގެ ރިޕޯޓެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

ސާމީ ވިދާޅުވި ގޮތުގައި ފަޔަ ޕްރޯ އިން ބަސްތައް ގެނައީ އެއްބަސްވުމާ އެއްގޮތަށެވެ. އެއާޕޯޓުގައި ބަސްތައް ގެންގޮސްފައި އެ ވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާ އިން ގެނެސް ދެ އެއާޕޯޓާ ހަވާލުކުރީ ބާ ބަސްތަކެއް ކަމަށް ކުރާ ތުހުމަތު ފަޔަ ޕްރޯ އިން ދޮގުކުރެ އެވެ. އެތަނުގެ އިސް ބޭފުޅަކު ވިދާޅުވީ އެއީ ބޭނުންކޮށްފައި ހުރި ބަސްތަކެއް ކަމުގެ ރިޕޯޓް ހެދީ ވަރަށް ބޮޑަށް ސިޔާސީ ވިސްނުމެއްގައި އިލްޒާމް އެޅުވުމުގެ ގޮތުން ކަމަށެވެ. ސިޔާސީ ގޮތުން އެފަދަ ރިޕޯޓެއް ނެރުނީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ ބައެއް ބޭފުޅުން މި ޕްރޮޖެކްޓް ދޭން ބޭނުންވާ ބަޔަކަށް ބީލަން ކާމިޔާބު ނުވުމުން ކަމަށް ފަޔަ ފްރޯ އިން ބުންޏެވެ.

"ޓްރާންސްޕޯޓުން އެދުނު ސްޕެސިފިކޭޝަނާ އެއްގޮތަށް އާ ބަސްތަކެއް ހަވާލުކުރީ. ބަސްތައް ކަނޑުމަގުން ގެނެސް ބޭލިއިރު، ހިރަފުސް އަރައި ލޮނުގެ އަސަރު ކޮށްފައި ހުރެދާނެ. ނުވަތަ އަރުވާ ބޭލުމުގައި މާކެއް ވެސް ހުރެދާނެ. އެކަމަކު އެއީ ބްރޭންޑް ނިއު އެއްޗެހިތަކެއް،" އޭނާ ވިދާޅުވި އެވެ.