Roadha Mihaaru
ޕީއެސްޖީން މެސީ ހޯދުމުގެ މަސައްކަތް ވަރުގަދަކުރަނީ

ޕީއެސްޖީން މެސީ ހޯދުމުގެ މަސައްކަތް ވަރުގަދަކުރަނީ

18 ޑިސެމްބަރ 2020

ޕެރިސް (ޑިސެމްބަރު 18) - ޕީއެސްޖީން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ހޯދުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭ ވަރުގަަދަކުރަން ނިންމާފައިވާ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޕެރިސް (ޑިސެމްބަރު 18) - ޕީއެސްޖީން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ހޯދުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭ ވަރުގަަދަކުރަން ނިންމާފައިވާ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ސީޒަނުގެ ނިޔަލަށް ބާސެލޯނާގެ ކޮންޓްރެކްޓްގައި މެސީ ހުރިއިރު، އޭނާ ވަނީ މިދިޔަ ސީޒަނަށް ފަހު ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ ދޫކޮށްލަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ބާސެލޯނާ އިން އަގަކާނުލައި މެސީ ދޫކޮށްލަން ބޭނުންނުވާތީ އެންމެ ފަހުން އޭނާ އެ ޓީމުގައި މަޑުކުރީ އެވެ.

މެސީ ބާސެލޯނާގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ކްލަބްގެ އެއްވެސް މީހަކަށް ދެވިފައިނުވާއިރު، ކުރިއަށް އޮތް ބާސެލޯނާ ރައީސަކު ހޮވާ އިންތިހާބުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓެއް ކަހަލަ ގޮތަކަށް އަންނަނީ މެސީ އެ ކްލަބްގައި މަޑުކުރުވަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރަން ތައްޔާރަށް ހުރި ކަމަށް ބުނަމުންނެވެ.

މެސީ ހޯދަން ކްލަބްތަކުން މަސައްކަތްކުރަމުން އަންނައިރު ދާދި ފަހުން އީއެސްޕީއެން އިން ރިޕޯޓްކުރި ގޮތުގައި މެސީ އަންނަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ގުޅެން އެ ޓީމުގެ ޑިރެކްޓަރު ލިއޮނާޑޯއާ މަޝްވަރާކުރަމުންނެވެ. އެކަމަކު އެ ވާހަކަތައް ރަނގަޅަށް ވައިގައި ނުހިފަނީސް މެސީގެ އޭޖެންޓް އަދި އޭނާގެ ބައްޕަ ޖޯޖް މެސީ ވަނީ އެއީ ދޮގު ހަބަރެއް ކަމަށް ބުނެފަ އެވެ.

އެކަމަކު ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕީއެސްޖީގެ މެނޭޖްމަންޓުން ވަނީ އެ ކްލަބްގެ މާކެޓިން ޓީމަށް މެސީއާ ގުޅޭ ޓްރާންސްފާ ހަބަރުތައް އަންނަ ވެބްސައިޓްތަކުގައި ޕީއެސްޖީގެ ވާހަކަ ގެނައުމަށާއި އެ ވެބްސައުޓްތަކުގެ އިސްތިހާރަށް ވެސް ޕީއެސްޖީން ހަރަދުކުރަން އަންގައިފަ އެވެ.

ފްރާންސްގެ ފުޓްބޯޅަ ތަޖުރިބާކާރުން ބުނާގޮތުގައި މިއީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޕީއެސްޖީ އާއި ބާސެލޯނާ ޖެހޭ މެޗުގެ ކުރިން މި މެޗުގެ ފޯކަސް ވަކި ކަމަކަށް އަނބުރާލުމުގެ ގޮތުން ޕީއެސްޖީން ކުރާ ކަމެކެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޕީއެސްޖީ އާއި ބާސެލޯނާ އަންނަ ފެބްރުއަރީ މަހާއި މާޗް މަސް ތެރޭގައި ކުޅޭނެ އެވެ.

އާޖެންޓީނާގެ ގިނަ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ސީޒަނަށް ފަހު މެސީ ބާސެލޯނާގެ ކޮންޓްރެކްޓް ހަމަވުމުން އެ ޓީމު ދޫކޮށްލާނެކަން އޭނާގެ ގާތް މީހުން އަންނަނީ ކަށަވަރުކޮށްދެމުންނެވެ.