Roadha Mihaaru
ޕީއެސްޖީން މެސީ އަށް ޝައުގުވެރިވާ ކަމަށް ބުނެފި

ޕީއެސްޖީން މެސީ އަށް ޝައުގުވެރިވާ ކަމަށް ބުނެފި

19 ޖެނުއަރީ 2021

ޕެރިސް (ޖެނުއަރީ 19) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ގެންނަން ޝައުގުވެރިވާ ކަމަށް ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ބްރެޒިލްގެ ލިއޮނާޑޯ ބުނެފި އެވެ.

ޕެރިސް (ޖެނުއަރީ 19) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ގެންނަން ޝައުގުވެރިވާ ކަމަށް ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ބްރެޒިލްގެ ލިއޮނާޑޯ ބުނެފި އެވެ.

އުމުރުން 33 އަހަރުގެ މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އެ ޓީމުގައި މެސީ މަޑުކުރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އޭނާގެ ކޮންޓްރެކްޓް އާ ކުރާނަމަ އެކަން ކުރާނީ ކުރިއަށް އޮތް ބާސެލޯނާ ރައީސަކު ހޮވާ އިންތިހާބަށް ފަހުގަ އެވެ. މި މަހު ބާސެލޯނާގެ އިންތިހާބު ބާއްވާ ގޮތަށް ކުރިން ވާހަކަ ދެކެވުނު ނަމަވެސް އަދި ރަސްމީކޮށް އެކަމުގެ މަސައްކަތްތައް ނުފަށައި އޮތީ ކޮވިޑް-19ގެ އާ ސްޓްރެއިންގެ ނުރައްކާ ސްޕެއިނުގައި ބޮޑުވެފައިވާތީ އެވެ.

މެސީގެ ސޮއި ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އޮތީ ޕީއެސްޖީ ކަމަށް ފާއިތުވި ހަފްތާތަކުގައި ގިނަ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ޕީއެސްޖީ އަށް ދާން މެސީ އެއްބަސްވެފައި ކަމަށް ކަމަށް ބުނެ މީގެ ކުރިން ސްޕެއިން ނޫސްތަކުން ރިޕޯޓްކުރި އެވެ. އެހެން ނަމަވެސް އެކަން މެސީގެ ބައްޕަ ޖޯޖް މެސީ ދޮގުކުރެ އެވެ.

ޕީއެސްޖީން މެސީ ހޯދަން ކުރާ މަސައްކަތްތަކުގެ ވާހަކަތައް އެންމެ ގިނައިން ރިޕޯޓްކުރަނީ ފްރާންސްގެ ނޫސްތަކުންނެވެ. ފްރާންސް ފުޓްބޯލް އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ލިއޮނާޑޯ ބުނީ ނަން މަޝްހޫރު ބޮޑެތި ކުޅުންތެރިން އަބަދުވެސް ޕީއެސްޖީން ބޭނުންވާނެ ކަމަށާއި އެ ގޮތަށް ބަލާއިރު އެ ކްލަބްގެ ޓްރާންސް ލިސްޓުގައި މެސީ ވެސް ހިމެނޭނެ ކަމަށެވެ.

"މެސީ ވެސް ހިމެނޭނެ އަހަރެމެންގެ ލިސްޓުގައި އެކަމަކު އެއީ މި ވަގުތު ދައްކަން ރަނގަޅު ވާހަކައެއް ކަމަށް ނުދެކެން. އަދި އެކަމުގެ ހުވަފެންތައް ދެކުން ވެސް އެއީ މި ވަގުތަށް ބަލާއިރު ރަނގަޅު ކަމެއް ކަމަށް ނުފެނޭ. އެކަމަކު ހަގީގަތަކީ އަހަރެމެންގެ ބޮޑު މޭޒުތަކުގައި ތިބޭ މީހުން (ކްލަބްގެ ވެރިން) މި އަންނަނީ މެސީގެ ހާލަތު ވަރަށް ގާތުން ބަލަމުން،" ލިއޮނާޑޯ ބުންޏެވެ.

އޭނާ ބުނީ ސީޒަން ނިމެން އަދި ފަސް ވަރަކަށް މަސް އެބައޮތް ކަމަށާއި އެހެންވުމުން ވަކި މީހަކަށް ހާއްސަކޮށްގެން ވަކި ޖާގައެއް ޓީމުގައި މިހާރުން ފެށިގެން ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތްކަަމަށް ނުފެންނަ ކަމަށެވެ. އެކަމަކު ޕީއެސްޖީން ޝައުގުވެރިވާ ކުޅުންތެރިއަކު ގެންނަން ފުރުސަތު ލިބުނުހާ އަވަހަކަށް ބޭނުންހިފާނެ ކަމަށް ލިއޮނާޑޯ ބުންޏެވެ.

ދާދި ފަހުން މެސީ ދިން އިންޓަވިއުއެއްގައި ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން އެމެރިކާ ލީގުގައި ކުޅެ ދިރިއުޅުމުގެ ތަފާތު ތަޖުރިބާއެއް ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި އެތުލެޓިކް ބިލްބާއޯ އަތުން ބާސެލޯނާ ބަލިވި މެޗުގައި ކުޅުންތެރިއަކަށް ބޯޅަ ނެތިސް އަތުން ހަމަލާ ދިނުމުން މެސީ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެންމެ ފުރަތަމަ ބެލެވުނީ އެ ރަތް ކާޑުގެ ސަބަބުން މެސީ އަށް ހަތަރު މެޗުގެ ސަސްޕެންޝަނެއް އަތުވެދާނެ ކަމަށެވެ. އެކަމަކު އެ މެޗުގެ ރެފްރީ ރިޕޯޓްގައި އެ ހާދިސާ ބަޔާންކޮށްފައިވާ ގޮތުގެ މައްޗަށް ބަަލާއިރު މެސީ އަށް އަންނާނީ ދެ މެޗުގެ ސަސްޕެންޝަނެއް ކަމަށް ސްޕެނިޝް ލީގުގެ ތަޖުރިބާކާރުން ބުނެ އެވެ.