Roadha Mihaaru
އާމިރު "ވިކްރަމް ވޭދާ" ގެ ރިމޭކް ދޫކޮށްލައިފި

އާމިރު ޚާން "ވިކްރަމް ވޭދާ" ގެ ރިމޭކް ދޫކޮށްލައިފި

21 ޑިސެމްބަރ 2020

އާމިރް ޚާން، ސައިފް އަލީ ޚާނާ އެކު ކުޅެން އޮތް ތަމަޅަ ފިލްމު "ވިލްރަމް ވޭދާ" ގެ ހިންދީ ފިލްމު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާމިރް ޚާން، ސައިފް އަލީ ޚާނާ އެކު ކުޅެން އޮތް ތަމަޅަ ފިލްމު "ވިލްރަމް ވޭދާ" ގެ ހިންދީ ފިލްމު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މި ވަގުތު "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތްކުރަމުން އަންނަ ހުނަވެރި އެކްޓަރު "ވިކްރަމް ވޭދާ" ގައި ހިއްސާނުވާން ނިންމީ އޭގެ ފައިނަލް ސްކްރިޕްޓް ކިޔާލި އިރު މާ ހިތްހަމަޖެހޭ އެއްޗަކަށް ނުވުމުންނެވެ. އާމިރަކީ އަބަދު ވެސް އޭނާ ކުޅޭ ފިލްމުތަކުގެ ސްކްރިޕްޓްގެ ދެރަމޮޅު ވަޒަންކޮށްފައި ނޫނީ ފިލްމަކަށް އެއްބަސްވާ އެކްޓަރެއް ނޫނެވެ.

އެކަމަކު އޭނާގެ އެންމެ ފަހުގެ ފިލްމު 2018 ގެ "ތަގްސް އޮފް ހިންދުސްތާން" އަކީ އާމިރު އެ ފިލްމަށް އެއްބަސްވީތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒު ފިލްމެކެވެ. ސަބަބަކީ އެ ފިލްމަކީ އޭނާގެ ކެރިއަރުގައި މި ފަހުން ކުޅުނު އެންމެ ނާކާމިޔާބު ފިލްމަށްވުމެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދިން އެކްޝަން އެޑްވެންޗާ ފިލްމަކީ އޭގެ ވާހަކަ ފީކަޅާލަމުން ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމުދިޔަ ފިލްމެއް ނޫނެވެ.

ސައިފް އަދި އާމިރު.

ސައިފް އަދި އާމިރު.

ރިޕޯޓްތައް ބުނާ ގޮތުން "ވިކަރްމް ވޭދާ" ގެ ރިމޭކް ނުކުޅެން އާމިރު ނިންމި ނަމަވެސް ސައިފް ހުރީ އެ ފިލްމު ކުޅޭ ގޮތަށެވެ. މީގެ ވާހަކަ ދެކެވެމުން އަންނަނީ މިދިޔަ އަހަރުން ފެށިގެންނެވެ. "ވިކްރަމް ވޭދާ" އަކީ 2017 ގައި ޕުޗްކާރާއި ގަޔަތުރީ ގެނެސްދިން ނިއޯ-ނޮއާ އެކްޝަން ތުރިލާއެކެވެ. މީގެ ބަތަލުންނަކީ އާމިރާ އެކު "ރަންގް ދެ ބަސަންތީ" އާއި "3 އިޑިޓްސް" އަދި ސައިފާ އެކު "ރެހެނާ ހޭ ތޭތޭ ދިލް މޭ" ކުޅުނު އާރް މަދަވަނާއި ވިޖޭ ސެތުޕަތީ އެވެ.

"ވިކްރަމް ވޭދާ" ގެ ބަތަލާއިންނަކީ ޝްރަދާ ސްރީނާތާއި ވަރަލަކްޝްމީ ސަރަތުކުމާރެވެ.

އާމިރާއި ސައިފަށް "ވިކްރަމް ވޭދާ" ގެ ރިމޭކް ކުޅެން ލިބުނު އިރު، ދެ ތަރިން ކުރިން ވެސް އެކީގައި މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ދިލް ޗާތާހޭ" އާއި "ޕަރަމްޕަރާ" ހިމެނެ އެވެ.

އާމިރުގެ "ލާލް ސިންގް ޗައްޑާ" އަންނަ އަހަރުގެ ޑިސެމްބަރުގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު، އޭނާ ދެން ކުޅޭނެ ފިލްމަކީ ޓީ ސީރީޒްގެ ބާނީ ބުޝަން ކުމާރުގެ ބައޮގްރަފިކަލް ޑްރާމާ "މޮގުލް" އެވެ.