Roadha Mihaaru
ބައެއް އައްޑާތަކުގެ ވެރިންނަށް ދައުވާކުރަން ފޮނުވައިފި

ބައެއް އައްޑާތަކުގެ ވެރިންނަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

20 ޑިސެމްބަރ 2020

މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ވެސް ކުރަން މާލޭގައި ހިންގާ ބައެއް އައްޑާތައް ހުންނަ ގޭގޭގެ ވެރިންނަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ވެސް ކުރަން މާލޭގައި ހިންގާ ބައެއް އައްޑާތައް ހުންނަ ގޭގޭގެ ވެރިންނަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު "މިހާރު" އަށް ވިދާޅުވީ މިހާތަނަށް ފޮނުވީ މ. ބްރައިޓްފްލާވާ އާއި ގ. ފްރެޝްލައިޓް އަދި ގ. ހިލާލުގޭގެ ވެރިފަރާތްތަކާ ދެކޮޅަށް ދައުވާކުރާށެވެ.

ދައުވާކުރަން ފޮނުވި ނަމަވެސް، އެ އައްޑާތައް ބަންދުކުރަން ގާނޫނީ ހުރަސްތަކެއް ކުރިމަތިވާ ކަމަށް ޝާކިރު ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ނެންގެވީ ބްރައިޓްފްލާވާ އެއްވެސް ގުޅުމެއް ނެތް މީހުން އެގެއަށް ނުވަދެވޭ ގޮތަށް ކޯޓު އަމުރެއް ހޯދަން ކުރި ނާކާމިޔާބު މަސައްކަތެވެ.

ބްރައިޓްފްލާވާއަކީ މަސްތުވާތަކެތި ބޭނުންކުރަން މީހުން ވަދެއުޅޭ ތަނެއްކަން ސާބިތުކޮށްދޭން ގިނަ ހެކިތަކަކާ އެކު ކޯޓަށް ހުށައެޅި ކަމަށް، ޝާކިރު ވިދާޅުވި އެވެ. އަމުރު ހޯދަން އެދުނީ އެގޭގައި ދިރިއުޅޭ ދެ ފިރިހެނުން ފިޔަވައި އެހެން ބަޔަކު އެތަނަށް ވަނުން މަނާކުރާށެވެ. އެކަމަކު ކޯޓުން އެ އަމުރު ނެރެދީފައި ނުވާ ކަމަށް، ޝާކިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ބޭނުންކުރަން މީހުން ވަދެއުޅޭ ތަންތަން ފުލުހުންނަށް އެނގެ އެވެ. އެއިން ކޮންމެ ތަނަކަށް އެތައް ފަހަރަކު ފުލުހުން ގޮސް ފާސްކޮށްފައިވާ ކަމަށާއި ބައެއް ތަންތަނުން މަސްތުވާތަކެއްޗާ އެކު މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އައްޑާތައް ހުއްޓުވުމުގެ މައިގަނޑު ގޮންޖެހުމަކަށް ވަނީ، އެ ހުރިހާ ތަނެއް ބަންދުކުރަން ގާނޫނީ ގޮތުން ދިމާވާ ހުރަސް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޖީގެ ދިރާސާއިން ވެސް ހާމަކުރަނީ މި ވަގުތު އެއްވެސް ގާނޫނަކުން އެ ތަންތަން ބަންދުކުރެވޭނެ ހަމައެއް އޮތް ކަމަކަށް އެ ބޭފުޅުންނަށް އަދި ފާހަގައެއް ނުކުރެވޭ ނޫނީ އަދިއެއް ނެތޭ. ޕީޖީން އެހެން ވިދާޅުވި ނަމަވެސް އަޅުގަނޑުމެން ކްރިމިނަލް ކޯޓަށް ވެސް [އެކަން] ޔަގީންކުރަން ދިޔައިން،" ބްރައިޓްފްލާވާގެ މައްސަލަ ކުރިއަށް ގެންދިއަ ގޮތުގެ ކުޑަ ތަފުސީލެއް ދެއްވަމުން ޝާކިރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެ ގޭގައި އުޅެނީ އެ ގެއަށް ނިސްބަތްވާ ދެ މީހުން."

މިހާރު ފުލުހުން މަސައްކަތް ކުރަނީ، އޭނާ ވިދާޅުވި ގޮތުގައި، އައްޑާތަކުގެ ގޮތުގައި ހިންގާ ތަންތަނުގެ ވެރިންނާ ދެކޮޅަށް ފިޔަވަޅެއް އެޅޭތޯ އެވެ. އެކަން ކުރެވިދާނެ ކަމަށް އުއްމީދުކުރަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުުގެ 127 އަދި 128 މާއްދާއަށް ބަލައިގެންނެވެ.

އޭގެ ތެރެއިން 127 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން، އިމާރާތެއް ނުވަތަ އުޅަނދެއް ނުވަތަ ގެ އަކުން ނުވަތަ އިމާރާތަކުން ނުވަތަ އުޅަނދުގެ ބައެއް، މަސްތުވާތަކެތީގެ ގާނޫނާ ޚިލާފަށް މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ނުވަތަ ޕެޑެލް ކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރުމަށް ކަން ގަބޫލުކުރެވޭ ހާލު، އެފަދަ ހުއްދައެއް ދިނުން ނުވަތަ ނުވަތަ ހުއްދަ ކުރުމަކީ ކުށެކެވެ.

ޕީޖީ އޮފީހުން ބުނީ ގެތަކުގެ ވެރިމީހުންގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން ފުލުހުން މެދުވެރިކޮށް ބައެއް ކަންކަން ސާފުކުރަން ޖެހޭތީ އެކަންކަން ބަލަމުން އަންނަ ކަމަށެވެ.

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާލޭގެ ބައެއް އައްޑާތަކަށް ފުލުހުން ވަނީ ނޫސްވެރިން ގެންގޮސްފަ އެވެ. އެތަންތަނުގައި މަސްތުވާތަކެތި ބޭނުންކުރަން ހިތްވަރު ލިބޭ ކަހަލަ ނުވަތަ އެތަނުގައި މަސްތުވާތަކެތި ބޭނުންކުރާކަން ދޭހަވާ ލިއުންތައް ފާރުތަކުގައި ހުއްޓެވެ.

ޝާކިރު ވިދާޅުވީ ބައެއް އައްޑާތައް ހިންގާ ގޭގޭގެ ވެރިންނާ ދެކޮޅަށް ދައުވާކުރުމުން، އެފަދަ ތަންތަން ބަންދުކުރެވޭނެ ގާނޫނީ ހައްލެއް އޮތް ނަމަ އެކަމަށް ވެސް ޖަވާބެއް ލިބޭނެ އެވެ.