Roadha Mihaaru
އައްޑާތަކުގެ ވެރިންނަށް ދައުވާކުރުމަށް ގޮތެއް ނުނިންމާ

ޑްރަގް އައްޑާތަކުގެ ވެރިންނަށް ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ

08 ޖޫން 2021

މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ އައްޑާތަކުގެ ވެރިންނާ މެދު ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ އައްޑާތަކުގެ ވެރިންނާ މެދު ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

ކެފޭގެ އުސޫލުން މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ މައްސަލައަށް ހައްލެއް ގެނައުމަށް ފުލުހުން ވަނީ އެ ތަންތަނުގެ އިސްވެރިންނަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. އެއީ މ. ބްރައިޓްފްލާވާ އާއި ގ. ފްރެޝްލައިޓް އަދި ގ. ހިލާލުގޭގެ ވެރިފަރާތްތަކާ ދެކޮޅަށެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ވަރަށް އަވަހަށް ގޮތެއް ނިންމިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ހެޑް އަހުމަދު ޝާކިރު "މިހާރު" އަށް ކުރިން ވިދާޅުވީ ދައުވާކުރަން ފޮނުވިއަސް އެ އައްޑާތައް ބަންދުކުރަން ގާނޫނީ ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން އޭރު ނެންގެވީ ބްރައިޓްފްލާވާ އެއްވެސް ގުޅުމެއް ނެތް މީހުން އެ ގެއަށް ނުވަދެވޭ ގޮތަށް ކޯޓު އަމުރެއް ހޯދަން ކުރި ނާކާމިޔާބު މަސައްކަތެވެ.

ބްރައިޓްފްލާވާއަކީ މަސްތުވާތަކެތި ބޭނުންކުރަން މީހުން ވަދެއުޅޭ ތަނެއްކަން ސާބިތުކޮށްދޭން ގިނަ ހެކިތަކަކާއެކު ކޯޓަށް ހުށަހެޅި އެވެ. އަމުރުން ހޯދަން އެދުނީ އެ ގޭގައި ދިރިއުޅޭ ދެ ފިރިހެނުން ފިޔަވައި އެހެން ބަޔަކަށް އެ ތަނަށް ވަނުން މަނާކުރާށެވެ. އެކަމަކު ކޯޓުން އެ އަމުރު ނެރެދީފައި ނުވެ އެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރަން މީހުން ވަދެއުޅޭ ތަންތަން ފުލުހުން އެނގެ އެވެ. އެއިން ކޮންމެ ތަނަކަށް އެތައް ފަހަރަކު ފުލުހުން ގޮސް ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް ތަންތަނުން މަސްތުވާތަކެއްޗާ އެކު މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ޝާކިރު ވިދާޅުވި އެވެ. ނަމަވެސް އައްޑާތައް ހުއްޓުވުމުގެ މައިގަނޑު ގޮންޖެހުމަކަށް ވަނީ އެ ހުރިހާ ތަނެއް ބަންދުކުރަން ގާނޫނީ ގޮތުން ދިމާވާ ހުރަސްތަކެވެ.