24 ޑިސެމްބަރ 2020
މައިންބަފައިން އިހުމާލުވެފައިވާ ކުދިންނެވެ. މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ކުށްތަކުގައި ޖަލަށް ދާން ޖެހުމުން، އެ މީހުންގެ އަޅާލުމާއި ލޯބި ގެއްލިފައިވާ ކުދިންނެވެ. ލޯބީގެ ބަދަލުގައި އަނިޔާ ލިބިފައިވާ ކުދިންނެވެ. މި އަނިޔާތަކުގެ ސަބަބުން ހިމާޔަތްދިނުމަށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ކެކުޅުންތައް ބައިވަރެވެ. އެހެންވެ، ސަރުކާރުގެ އަމާޒަކީ، އެ ކުދިންނަށް ވީހާވެސް ގިނަ ބައެއްގެ ލޯތްބާއި އަޅާލުން ލިބޭނެ ފަދަ ގޮތަކަށް ކަންކަން ބަދަލުކުރުމެވެ.
މައިންބަފައިން އިހުމާލުވެފައިވާ ކުދިންނެވެ. މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ކުށްތަކުގައި ޖަލަށް ދާން ޖެހުމުން، އެ މީހުންގެ އަޅާލުމާއި ލޯބި ގެއްލިފައިވާ ކުދިންނެވެ. ލޯބީގެ ބަދަލުގައި އަނިޔާ ލިބިފައިވާ ކުދިންނެވެ. މި އަނިޔާތަކުގެ ސަބަބުން ހިމާޔަތްދިނުމަށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ކެކުޅުންތައް ބައިވަރެވެ. އެހެންވެ، ސަރުކާރުގެ އަމާޒަކީ، އެ ކުދިންނަށް ވީހާވެސް ގިނަ ބައެއްގެ ލޯތްބާއި އަޅާލުން ލިބޭނެ ފަދަ ގޮތަކަށް ކަންކަން ބަދަލުކުރުމެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން މިހާތަނަށް ބައިތިއްބަމުން އައީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގަ އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގަ އެވެ. އެކަމަކު ތޮއްޖެހިފައިވާ އެ މާހައުލުން، އެ ކުދިންނަށް އެންމެ ބޭނުންވާ ލޯތްބާއި ރައްކާތެރިކަން ލިބޭކަން ޔަގީނެއް ނޫނެވެ. ބައެއް ދުވަސް ދުވަހު، ތަނުގެ ފުރާޅުމަތިން އެ ކުދިން ފެނިދާނެ އެވެ. ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރި މައްސަލައެއް ފެންމަތިވެދާނެ އެވެ. އެހެންވެ، އެ އަޅާލުން އެންމެ ފުރިހަމައަށް ލިބޭނެ ގޮތަކަށް، ކުދިންތައް އެކި ރަށްރަށަށް ބަހާލަން ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.
ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފަސް ރަށަކަށް ގެންދަން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިއަދު އޭގެ އެންމެ ފުރަތަމަ ކުދިންތައް ބ. އޭދަފުއްޓަށް ވަނީ ގެންގޮސްފަ އެވެ. ހަތަރު އާއިލާއަކަށް ނިސްބަތްވާ 17 ކުދިން ތިބޭނީ، އެކަމަށް ހާއްސަކޮށްގެން އޭދަފުށީގައި އަޅާފައިވާ "އަމާން ހިޔާ"ގަ އެވެ. ދެ ބުރިއަށް ހުންނަ އެ އިމާރާތުގައި ކޮންމެ ދެ ކުއްޖަކަށް ކޮޓަރިއެއް ހުންނައިރު، ހަމައެކަނި ކުދިންގެ ހިދުމަތުގައި އަށް މީހުން ތިބޭނެ އެވެ. އޭގެ އިތުރުން ވެސް، އެތަނުގެ އެކި ކަންކަމުގައި ޖުމްލަ 30 މުވައްޒަފުން އުޅޭނެ އެވެ.
"އަމާން ހިޔާ"ގައި ލައިބްރަރީ އާއި ޓީވީ އަދި ގޭމް ކުޅޭ ތަނަކާއި އިންޓަނެޓް ބޭނުން ކުރާނެ ވަކި ތަނެއް ހުރެ އެވެ. ކުދިން ކުޅޭނެ ހާއްސަ ހުސް ބިމެއް އޮވެ އެވެ. މުޅި އިމާރާތް ވެސް ބައްޓަން ކޮށްފައިވަނީ، ކުދިންނަށް އެންމެ ރައްކާތެރި މާހައުލެއް ލިބޭނެ ފަދަ ގޮތަކަށް ކަމަށް، މިނިސްޓްރީން ބުނެ އެވެ.
މާލެއިން ކުދިންތައް ރަށްރަށަށް ބަދަލުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް މުޖުތަމައުގެ ތެރޭގައި އެހެން އާއިލާތަކުގެ ބައިވެރިވުމާ އެކު ކުދިން ބޮޑެތިކުރުމެވެ. އެހެންވެ، ދިރިއުޅޭ ރަށްރަށުގެ އާއިލާތަކަށް، ކުދިންނާ ބައްދަލުކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އެ ގެތަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް ކުދިންނަށް ލިބޭނެ އެވެ.
ފިޔަވަތީގެ ފާރުމައްޗަށް އެ ތަނުގައި އުޅޭ ކުދިންތަކެއް އަރައިގެން ހިނގަނީ: އެންމެ ރައްކާތެރި މާހައުލެއް މި ކުދިންނަށް ފަހިކޮށްދޭން ޖެހޭ
"މިހާރު"އާ ވާހަކަ ދައްކަވަމުން، ޖެންޑާ މިނިސްޓަރު އައިޝާ މުހައްމަދު ދީދީ ވިދާޅުވީ ހިޔާގައި ތިބެނީ ރައްކާތެރިކަމަށް ބޭނުންވާ ކުދިން ކަމަށާއި ކުށުގެ މާހައުލުން ގެނެސް، ބަންދުގައި ބައިތިއްބާ ކުދިންނާ، އެ ކުދިން އެއްގޮތް ނުކުރެވޭނެ ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުން، ބަންދުގައި ކުދިން ބޭތިއްބުމާއި ދައުލަތުގެ ހިމާޔަތުގައި ކުދިން ބޭތިއްބުމަކީ ތަފާތު ދެ ކޮންސެޕްޓެއް ކަމަށް ވިދާޅުވި އެވެ.
"ހިޔާގައި މި ތިބެނީ އެކި ކަންކަމާ ގުޅިގެން މައިންބަފައިންގެ ލޯތްބާއި އަޅާލުމުން މަހުރޫމްވެފައިވާ ކުދިން. އެހެންވެ، އެ ކުދިންނަށް މި ބޭނުންވަނީ ވެސް ލޯތްބާއި އަޅާލުން. މުޖުތަމައުގައި އެބަ ތިބި އެކަން ކޮށްދޭން ތައްޔާރަށް ތިބި ގިނަ ބަޔަކު. އެހެންވެ، އަޅުގަނޑުމެން އެބަ އެކަން ފަހިކޮށްދޭން ޖެހޭ،" މިދިޔަ ފެބުރުއަރީ މަހު ޖެންޑާ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އައިޝާ ވިދާޅުވި އެވެ.
"ރަށްރަށުގައި އެ ކުދިންނަށް ހިނގާލަން ދެވޭނެ. ބައިސްކަލް ދުއްވާލަން ދެވޭނެ. އެހެން އާއިލާތަކަށް ވިޒިޓް ކުރެވޭނެ. އެ ކުދިން އުޅޭނީ މުޖުތަމައުގެ އެހެން މީހުންނާ އެކުގައި، އެ މީހުންގެ ލޯތްބާ އެކުގައި."
މިނިސްޓަރު ވިދާޅުވި ގޮތުގައި ހިޔާގައި ތިބޭ ކުދިންނަށް ރައްކާތެރި މާހައުލެއް ބޭނުންވާއިރު، އެފަދަ މާހައުލެއް ދައުލަތުން ފަހިކޮށްދޭނެ އެވެ. ކުދިން ބޭރަށް ނުކުމެ އުޅުނަސް އަދި މީހުން އުޅޭ އެހެން ގޭގެއަށް ދިޔަ ނަމަވެސް، އެ ކުދިންނާ އެކު އަބަދުވެސް ކެއާޓޭކަރުން ނުވަތަ ބަލަހައްޓާ މީހުން ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ 14 އަހަރު ކުރިން ފެށިގެން، ކުޑަކުދިންގެ ހިޔާގައި ދައުލަތުން ބަލަހައްޓަމުން އަންނަ ކުދިންނާ މެދު ގިނަ ބަޔަކު ދެކެނީ ވަރަށް ގޯސްކޮށެވެ. އެއީ ކުށްކުރާ، އަހުލާގީ ގޮތުން ދަށް ކުދިންގެ ގޮތުގަ އެވެ. އެފަދަ ކުދިން ކިޔަވާ ކްލާސްތަކަށް ދަރިވަރުން ފޮނުވަން ބައެއް ބެލެނިވެރިން ދެކޮޅުވެސް ހަދަ އެވެ. އެކަމަކު މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ ހަމަ ނުބައި ލޭބަލެކެވެ.
ދައުލަތުގެ ރައްކާތެރިކަމަށް މި ނަގަނީ މައިންބަފައިންގެ ފަރާތުން އިހުމާލުވުމުގެ ގިނަ ކަންކަން ފެނުމުން، އެއީ ކުދިން ދިރިއުޅެން އެކަށޭނެ މާހައުލަކަށް ނުވާތީ އެވެ. ނުވަތަ ބޮޑެތި ކުށްތަކެއްގެ ޝިކާރައަކަށް މައިންބަފައިން ވުމުން، ކުދިންގެ ރައްކާތެރިކަމަށެވެ. ބައެއް ކުދިންނަކީ ހިތާމަވެރި ބޮޑެތި ހާދިސާތައް ފެނިފައި ނުވަަތަ ތަހައްމަލުކޮށްފައިވާ ކުދިންނެވެ. އެންމެ ރައްކާތެރި ގޮތެއްގައި އެ ކުދިންނަށް ލޯތްބާއި އަޅާލުން ނުދެވޭ ނަމަ ކުދިންގެ އުޅުމުން ވެސް އެކަން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
ފިޔަވަީގެ ކުދިންތަކެއް ކިޔަވަނީ. މި ފަދަ ސެންޓަރުތަކެއް ފަސް ރަށެއްގައި މިހާރު ވަނީ ގާއިމްކޮށްފައި
އައިޝާ ވިދާޅުވި ގޮތުގައި ދައުލަތުން މިހާތަނަށް ކުދިން ބައިތިއްބަމުން އައީ ތޮއްޖެހިފައިވާ މާހައުލެއްގަ އެވެ. އުމުރުން 13-18 އަހަރުގެ ކުދިން ބައިތިއްބާ، ކުޑަކުދިންގެ ހިޔާގައި 50ހަކަށް ކުދިން ތިބޭއިރު، އެއަށް ވުރެ ހަގު ކުދިން ބައިތިއްބާ ފިޔަވަތީގައި 130 ކުދިން ދައުލަތުން އެބަ ގެންގުޅެ އެވެ. މި ހުރިހާ ކުދިން އެއް ތަނެއްގައި ތިބޭއިރު، އެންމެ ފުރިހަމައަށް ކުދިންގެ ކަންކަން ކޮށްދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވަގުތު އަޅުގަނޑަކަށް ނުބުނެވޭނެ ކުޑަކުދިންގެ ހިޔާގެ މާހައުލާއި މާލޭގެ މާހައުލުގައި އެ ރައްކާތެރި ވެށި އެބަ އޮތެކޭ. އެހެންވެ، އެ ކުދިންގެ ހައްގުގައި ފިޔަވަޅުތަކެއް އަޅަން އެބަ ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓްރީގެ ވިސްނުމަކީ ތޮއްނުޖެހޭނެ ފަދަ ގޮތަކަށް ކުދިން އެކި ރަށްރަށަށް ބަހާލުމެވެ. އޭދަފުށީގެ އިތުރުން ހއ. ދިއްދު އާއި ށ. ފުނަދު އާއި ދ. ކުޑަހުވަދޫގެ އިތުރުން ޏ. ފުވައްމުލަކުގައި އެކަމަށް ހާއްސަ ގެތަކެއް މިހާރު ވެސް ވަނީ ހަދައިފަ އެވެ. އެތަންތަނުގައި ތިބޭ ކުދިން ސްކޫލުތަކަށް ވެސް ދާނެ އެވެ. މަދު ކުދިންތަކެއް ތިބޭ ނަމަ، އެންމެންގެ އަޅާލުމާއި ލޯބި ލިބޭނެ ކަމަށް މިނިސްޓްރީން ދެކެ އެވެ.
ސަރުކާރުން އަލަށް މި ފަށާ ކޮންސެޕްޓް ތަޖުރިބާ ކުރުމަށް، މި އަހަރުގެ ކުރީކޮޅުން ފެށިގެން މަދު އަދަދެއްގެ ކުދިން ވަނީ ރަށްރަށަށް ފޮނުވައިފަ އެވެ. ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި "އަމާން ހިޔާތަކަށް" ކުދިން ފޮނުވަން މި ފެށީ، އޭގެ ޕޮޒިޓިވް ނަތީޖާތަކެއް ފެނުމުންނެވެ.
އެކި ކުށްތަކުގައި މައިންބަފައިން ބަންދުކުރުމާއި ދަރިންނާ މެދު އިހުމާލުވުމުން، އާއްމު ގޮތެއްގައި އާއިލާގެ ހުރިހާ ކުދިން ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެ އެވެ. އެހެންވެ، އެއް އާއިލާއަކަށް ނިސްބަތްވާ ކުދިން، ހިޔާގައި ގިނަ އެވެ. މައިންބަފައިންގެ ލޯބިން މަހުރޫމްވުމާ އެކު، އާއިލާގައި ދެން ތިބި މީހުންގެ މެދުގައި އޯގާތެރިކަމާއި ގުޅުން ވަރުގަދަކޮށް، އެ ލޯބި އާލާ ކުރުމަކީ ސަރުކާރުން ބޭނުންވާ ކަމެކެވެ.
އެކަމަކު، ޖެންޑާ މިނިސްޓަރު ވިދާޅުވި ގޮތުގައި 2016 ވަނަ އަހަރު ފިޔަވަތި ހުޅުވައި، ހިޔާގައި ތިބޭ ކުޑަކުދިން އެ ތަނަށް ބަދަލުކުރުމަކީ އެއްބަނޑު އެއްބަފާ ކުދިންތަކެއް ވަކިވާން ދިމާވާ ސަބަބެކެވެ. ސަރުކާރުން އަމަލުކުރަމުން އައި ސިޔާސަތެއްގެ ސަބަބުން، އެ ގުޅުން ކެނޑިގެން ދިޔުމުން ހިތާމަކުރައްވާ ކަމަށާއި ރަށްރަށަށް ކުދިން ފޮނުވުމުގެ މަގްސަދަކީ ވެސް ވަކިވެފައިވާ ކުދިން އެއްތަންކޮށް، އެކުގައި ދިރިއުޅުމުގެ ފުރުސަތު ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށްރަށުގައި ހުންނަ "އަމާންހިޔާތަކަށް" މިހާރު ގެންދަނީ، އެއްބަނޑު އެއްބަފާ ކުދިންގެ ގްރޫޕްތަކެވެ. ކޮޓަރިތަކަށް ކުދިން ބަހާލާފައި ހުންނަނީ ވެސް އާއިލާގެ ކުދިން އެކުގައި ތިބެވޭނެ ފަދަ ގޮތަކަށެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ރަށްރަށުގައި ތިބޭ ކުދިންގެ ހުރިހާ ކަމެއް، އެ މިނިސްޓްރީގެ އިތުރުން، އެ ރަށްރަށުގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުތަކާއި ކައުންސިލުންނާއި ސިއްހީ ހިދުމަތް ދޭ ތަންތަނާއި ސްކޫލުތަކާއި ފުލުހުން ބަލަހައްޓާނެ ކަމަށެވެ. އެ މުއައްސަސާއަކާ ގުޅޭ ކަންކަމުގައި ކުދިން އަބަދުވެސް މޮނީޓާ ކުރާނެ ކަމަށާއި އެންމެ ރައްކާތެރި މާހައުލެއް އެ ކުދިންނަށް ފަހިކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ތަޖުރިބާކުރުމުގެ ގޮތުން ސަރުކާރުން މީގެ ކުރިން ވަނީ މަދު ކުދިންތަކެއް އޭދަފުއްޓަށް ފޮނުވައިފަ އެވެ. އެ ރަށުން އެ ކުދިންނަށް ކީ ހޫނު މަރުހަބާއެކެވެ. އޭގެ ބައެއް ކުދިން ރަށުގައި ދިރިއުޅޭތާ އަހަރެއް ވާން ކައިރިވެފައި ވާއިރު އާއްމުން އެ ކުދިންނާ މެދު ބެހެއްޓި ގާތް ކަމަކީ، އޭދަފުށީގައި މި މަޝްރޫއު އެންމެ ފުރަތަމަ ފަށަން ނިންމި އެއް ސަބަބު ކަމަށް ވެސް އެ ރަށުން ދެކެ އެވެ.
އެއިން ކުއްޖަކު މިސްކިތަށް ދިޔަޔަސް މީހުން އަހާނެ ހާލު ކިހިނެއްތޯ. ކޮން ރަށެއްގެ ކުއްޖެއްތޯ. އާއިލާތަކުން ވެސް އެ ކުދިން ކައިރިއަށް އައިސް ވާހަކަ ދައްކާ ހަދާނެ
އޭދަފުށީގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ ސޯޝަލް ސާވިސް އޮފިސަރު އަހުމަދު ނަދީމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ މެދު އެ ރަށުގެ މީހުން ވަރަށް ހޭލުންތެރި އެވެ. އަދި ކޮންމެ މީހަކު ވެސް އެ ކުދިންނާ ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއިން ކުއްޖަކު މިސްކިތަށް ދިޔަޔަސް މީހުން އަހާނެ ހާލު ކިހިނެއްތޯ. ކޮން ރަށެއްގެ ކުއްޖެއްތޯ. އާއިލާތަކުން ވެސް އެ ކުދިން ކައިރިއަށް އައިސް ވާހަކަ ދައްކާ ހަދާނެ،" ނަދީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ކުދިންނަށް އެ ރަށުން މަރުހަބާ ކީ ވެސް ލޯތްބާ އެކުގަ އެވެ.
އޭދަފުށީގައި ހުންނަ "އަމާން ހިޔާ"ގައި 30 މުވައްޒަފުން މަސައްކަތް ކުރާއިރު އެއީ މުޅިންހެން ވެސް އެ ރަށުގައި ދިރިއުޅޭ މީހުންނެވެ. އެހެންވެ، އެންމެން ދަންނަ ތަނެއްގައި، ކުދިންތައް ބަލައި، ބޮޑުކުރުމަކީ އެ ކުދިންނަށް ވެސް ލިބޭނެ ރައްކާތެރިކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
ނަދީމް ވިދާޅުވި ގޮތުގައި ގިނަ މުވައްޒަފުންނާ އެކު "އަމާން ހިޔާ"ގައި ކުދިން އުޅުނަސް، ދިރިއުޅުމުގެ ހުނަރުތައް އެ ކުދިންނަށް ދަސްކޮށްދޭނެ އެވެ. އެގޮތުން އެނދު ތަންމަތި އެޅުމާއި ކާތަށި ދޮވުން ފަދަ ކުދިކުދި ކަންކަން، އެ ކުދިން އަމިއްލައަށް ކުރަން ބާރު އަޅާނެ އެވެ. އުމުރުން 16 އަހަރު ވުމާ އެކު، އިތުރަށް ކިޔަވަން ބޭނުން ނުވާ ނަމަ، ކައިރި ރިސޯޓުތަކުން އެ ކުދިންނަށް ވަޒީފާގެ ފުރުސަތު ވެސް ތަނަވަސްކޮށްދޭނެ ކަމަށާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ނަމަވެސް، މުޖުތަމައުގެ ތެރެއަށް އެ ކުދިން ނުކުންނާނީ ބޭނުންތެރި ބައެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޝާގެ ވިސްނުންފުޅަކީ މައިންބަފައިންގެ ލޯބި، ކިރިޔާ ވެސް ލިބެން އޮތް ނަމަ އެ ކުދިންނަށް އެ ލޯބި ހޯދައިދިނުމެވެ. އެގޮތުން ކުދިން ދައުލަތަށް ނެގި ނަމަވެސް، ދުވަސްކޮޅަކު ގެންގުޅުމަށް ފަހު، މަންމަ ވެސް ހިޔާގެ މަރުކަޒަށް ގެންގޮސް އޭނާގެ އަމަލުތައް އިސްލާހުކުރަން މަސައްކަތް ކުރައްވާ ކަމަށާއި ހެޔޮ ބަދަލެއް އަތުވެއްޖެ ނަމަ، އެ ކުދިން މަންމައާ ހަވާލުކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިސާލަކަށް މަންމަ އަނިޔާކޮށްފައި ވެސް ފަހުން އެކަމާ ހިތާމަކުރޭ. ފަހުން، އެ ދުވަހު ހަމަ ލޯބިން އުޅޭނީ. އެކަމަކު އަނިޔާ ލިބޭ ކަމަށް ވާ ނަމަ، ދައުލަތުން ހިމާޔަތް އެބަ ދޭން ޖެހޭ. ނަމަވެސް އަޅުގަނޑުމެން ބޭނުންވީ މަންމަގެ މައްސަލަތައް ހައްލުކޮށްފައި އަލުން އެ ކުދިން މައިންނާ ހަވާލުކުރަން،" އޭނާ ވިދާޅުވި އެވެ..
މި ފަދަ ފުރުސަތެއް ނެތް ކުދިންނަށް، ލޯތްބާއި އަޅާލުމާ އެކު ބޮޑުވުމަށް، މިނިސްޓަރު އެންމެ ބޮޑަށް އުއްމީދު ކުރައްވަނީ "އަމާން ހިޔާތަކުގަ"އެވެ. ފުރަތަމަ ކުދިންތައް، މިއަދު އޭދަފުއްޓަށް އެ ބަދަލު ވީ ވެސް ހަމަ އެ ފަދަ އުފާވެރި އުއްމީދުތަކަކާ އެކު އެވެ.
ޖެންޑާ މިނިސްޓަރާއި ވެރިންނާ ދޭތެރޭ ބޮޑު ކޯޅުމެއް!
ހިޔާގެ ކުދިން ރަށްރަށަށް: ކިހިނެއް ގެންނަ ބަދަލެއް؟
ޖެންޑާއިން ބުނަނީ މުޅި މުޖުތަމައުގެ ޒިިންމާއެއް ކަމަށް
ހިޔާގެ ބައެއް ކުދިންނާ މެދު ހިތްހަމަނުުޖެހުންތަކެއް
ހިޔާ، ފިޔަވަތީގެ 17 ކުދިން އޭދަފުއްޓަށް ބަދަލުކޮށްފި
މި ކުދިންނާ މެދު ލޯތްބެއް ކުލުނެއް ނެތް؟
ފިޔަވަތީގެ ކުދިން ހަމަނުޖެހުން ހިންގީ ކީއްވެ؟
ކުޑަކުދިންގެ ހައްގުތައް ހޯދުމުގައި ކާމިޔާބު އަހަރެއް
ކުރިއެރުން ހާސިލުވިޔަސް ގޮންޖެހުން އެބަހުރި: އައިޝާ
ކުއްޖާ އެބޯޓްކުރީ ޑޮކްޓަރުންގެ ލަފައާއެކު