Roadha Mihaaru
ކުޑަކުދިންގެ ހައްގުތައް ހޯދުމުގައި ކާމިޔާބު އަހަރެއް

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގައި މިއީ ކާމިޔާބު އަހަރެއް: ޖެންޑާ މިނިސްޓްރީ

20 ނޮވެމްބަރ 2020

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާ އެކު، މިދިޔަ އެއް އަހަރުގެ ތެރޭގައި އެ ކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާ އެކު، މިދިޔަ އެއް އަހަރުގެ ތެރޭގައި އެ ކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަކުރާއިރު، އެ ކުދިންގެ ހައްގުތައް ރަކާތެރިކުރުމުގެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވިތާ ވެސް އަހަރެއް ވަނީ ވެފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާފައި ވަނީ މި އަހަރު ފެބްރުއަރީގަ އެވެ.

ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އައިޝަތު ރިޝްމީ އާމިރު "މިހާރު" އަށް ވިދާޅުވީ މީގެ ކުރިން އަމަލުކުރި ގާނޫނުގައި އިހުމާލުވާ މީހުން ޒިންމާދާރު ކުރުވުމަށް މިނިސްޓްރީ އަށް އަދި އެހެން އިދާރާތަކަށް ވެސް ފުރިހަމަ ހައިސިއްޔަތެއް ދީފައި ނުވާ ކަމަށެވެ. ނަމަވެސް އާ ގާނޫނުގެ ސަބަބުން އެކަން އިސްލާހުވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި އޮންނަ ގޮތުން ކުއްޖާ އަކީ އާއިލާ ކައިރީ ހުރި ކުއްޖަކަށް ވިޔަސް އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ވިޔަސް ސީދާ އިހުމާލުވި މީހާ ހޯދައި އެކަށީގެންވާ ގޮތަކަށް އެމީހާ ޒިންމާދާރުކުރުވުމުގެ ހައިސިއްޔަތު އަޅުގަނޑުމެންނަށް އެބަ އޮވޭ،" ރިޝްމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މި ގާނޫނުގެ ސަބަބުން ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ވެސް ފަސޭހަތަކެއް ވަނީ ވެފަ އެވެ. ކުރިއާ ހިލާފަށް މިިހާރު އާއިލާގެ ތެރެއިން ރައްކާތެރިކަން ފޯރުކޮށްދެވޭ ކޮންމެ މީހަކާ ވެސް ކުއްޖާ ހަވާލުކުރެވޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު އާއިލާގެ އެންމެ ފަހު މީހާއާ ޖެހެންދެން ވެސް އެބަ ޓްރައި ކުރެވޭ. ކޮންމެ ގޮތެއް ވިޔަސް ދައުލަތަށް ނެގުމަށް ވުރެ ކުއްޖާ އަށް ސޭފް ފީލް ވާނީ އާއިލާ އިން އެ ކުއްޖަކަށް އިތުބާރު ކުރެވޭ މީހެއް،" ރިޝްމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުޑަކުދިންގެ ކަންކަން ނިންމަން ކުދިންގެ ހިޔާލާއި މަޝްވަރާ ހޯދައި އެކަމުގައި ކުއްޖާގެ ބައިވެރިވުން އޮންނަކަން ޔަގީން ކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އާއިލާގެ ތެރެއިން މީހަކާ ކުދިން ހަވާލުކުރާއިރު ވެސް އެ މީހެއްގެ ހިމާޔަތުގައި ހުރުމާ މެދު ކުއްޖާ ދެކޭ ގޮތް ބަލައި އޮޅުން ފިލުވާފައި ނޫނީ އެކަން ނުކުރާ ކަމަށް ވިދާޅުވި އެވެ.

ގިނަ މީހުންގެ ހޭލުންތެރިވެ ސިސްޓަމަށް އޮތް އިތުބާރު ލިބިއްޖެ

މިދިޔަ ފަސް އަހަރުގެ މާޒީ އަށް ބަލާއިރު މިދިޔަ އެއް އަހަރު ދުވަހު ރިޕޯޓު ކޮށްފައިވާ އަދަދު އިތުރުވެފައިވާކަން ރިޝްމީ ފާހަގަކުރެއްވި އެވެ. އޭނަ ވިދާޅުވީ ގިނަ ކޭސްތައް އަންނަނީ އާއިލާގެ ތެރެއިން ކަމަށް ވާއިރު މީގެ ކުރިން އެފަދަ މައްސަލަތައް ވަރަށް ބޮޑަށް ފޮރުވިފައިވާ ކަމަށެވެ.

ނަމަވެސް މިހާރު އެ މައްސަލަތައް ފެންމަތިވަމުން ދާކަން ފާހަގަކުރައްވައި ވިދާޅުވީ ވަރަށް ކުރީގައި ހިނގާފައިވާ ކަންކަމުގެ މައްސަލަތައް ވެސް މި ފަހުން ހުށަހަޅަން ފަށާފައިވާ ކަމަށެވެ.

"އެއްކަމަކީ ސިސްޓަމަށް އޮތް އިތުބާރު އަނބުރާ ލިބުން. މި ފަހުގެ މައްސަލަތަކަށް ބަލާއިރު އެނގޭނެ ކުޑަކުދިންގެ ކޭސްތަކުގައި އަންނަ ގިނަ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށް އިންސާފު ކުރިމައްޗަށް އެބަ ގެނޭ" ރިޝްމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ދިމާވާ އެންމެ ބޮޑު އަނެއް މައްސަލަ އަކީ އެކަމާ މެދު ހޭލތުންތެރިކަން ކުޑަވުން ކަމަށެވެ. ނަމަވެސް މިހާރު އެކަން ވެސް ރަނގަޅުވަމުން އަންނަ ކަން ފާހަގަކުރައްވައި، ވިދާޅުވީ އާންމުން އަމިއްލަ އަށް ވެސް "ނެއިބާ ހުޑް ޕެޓްރޯލިން"ގެ މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަދިވެސް މި މައްސަލަތަކަށް ފުރިހަމަ ހައްލެއް ނުލިބޭ ކަމަށާއި އަދިވެސް އާންމުން ހޭލުންތެރިވެ މިކަންކަން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.