Roadha Mihaaru
ރިވައިވަލް އަށް ވެސް ރަނގަޅު ފެށުމެއް

ރިވައިވަލް އަށް ވެސް ރަނގަޅު ފެށުމެއް

24 ޑިސެމްބަރ 2020

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މާލެ ސަރަހައްދަށް ހުޅުވާލައިގެން ކުރިއަށްގެންދާ ބެޑްމިންޓަން މުބާރާތުގައި، އެންމެ ފަހުގެ ގައުމީ ޗެމްޕިއަން ރިވައިވަލް ސްޕޯޓްސް ކްލަބުން ކުޅުނު ފުރަތަމަ މެޗުން ރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން މޮޅުވެއްޖެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މާލެ ސަރަހައްދަށް ހުޅުވާލައިގެން ކުރިއަށްގެންދާ ބެޑްމިންޓަން މުބާރާތުގައި، އެންމެ ފަހުގެ ގައުމީ ޗެމްޕިއަން ރިވައިވަލް ސްޕޯޓްސް ކްލަބުން ކުޅުނު ފުރަތަމަ މެޗުން ރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން މޮޅުވެއްޖެ އެވެ.

ގްރޫޕް ބީގައި ރޭ ކުޅުނު މެޗުގެ ހަތް ގޭމްގެ ތެރެއިން ރިވައިވަލް އިން ވަނީ ފަސް ގޭމް ކާމިޔާބުކޮށްފަ އެވެ. ނިސްބަތުން ވަރުގަދަ ސްކޮޑަކާ އެކު މުބާރާތަށް ނުކުތް ރިވައިވަލްގައި ގައުމީ ޓީމަށް ކުޅެފައިވާ އަދި މިހާރު ކުޅެމުން އަންނަ ރަނގަޅު ކުޅުންތެރިން ހިމެނެ އެވެ.

ފުރަތަމަ ފިރިހެން ޑަބަލްސްގައި ރިވައިވަލްގެ ޒަޔާން ޒަކީ އާއި ރާޝިއު އާދަމްގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ޔޫވީގެ ހުސެއިން ރިޔާޒް އާއި އިބްރާހިމް ޝާމިއުގެ ޕެއާ ބަލިކޮށްފަ އެވެ. ފުރަތަމަ އަންހެން ސިންގަލްސްގައި ރިވައިވަލްގެ ފާތިމަތު ނަބާހާ އާއި ޝިޔާނާ އަހުމަދުގެ ޕެއާ ވަނީ ޔޫވީގެ އަޒްމީލާ އިބްރާހިމް އާއި މަދީހާ އަބްދުލް ގާދިރުގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ. ފުރަތަމަ މިކްސް ޑަބަލްސްގައި ޒަޔާން އާއި ޝިޔާނާގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ނަޝީދު ޝަރަފުއްދީން އާއި ޒުހުދާ ހުސެއިން ބަލިކޮށްފަ އެެވެ.

ދެ ވަނަ ފިރިހެން ޑަބަލްސް ގެންދިޔައީ ޔޫވީންނެވެ. ރިވައިވަލްގެ މުހައްމަދު ސާރިމް އާއި އާދަމް ނަޝްވަތުގެ ޕެއާ އަތުން ޔޫވީގެ ޝާމިއު އާއި އަހުމަދު ސިރާޖުގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން މޮޅުވެފަ އެވެ. ދެ ވަނަ އަންހެން ޑަބަލްސް އިން ރިވައިވަލް މޮޅުކޮށްދިނީ އައިމިނަތު ނަބީހާ އާއި އައިމިނަތު އިރުފާގެ ޕެއާ އެވެ. އެއީ ޔޫވީގެ ބުސައިނާ އަހުމަދު ރިޒާ އާއި ޒުހުދާ ހުސެއިންގެ ޕެއާ ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. ދެ ވަނަ މިކްސް ޑަބަލްސް އިން ރިވައިވަލްގެ ނަބާހާ އާއި އަހުމަދު ރިޔާޒްގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ޔޫވީގެ މަޒީން މުހައްމަދު އާއި ބުސައިނާގެ ޕެއާ ބަލިކޮށްފަ އެވެ.

ފަހު ޑަބަލްސް އިން މޮޅުވީ ޔޫވީ އެވެ. ރިވައިވަލްގެ ސާރިމް އާއި ރާޝިއުގެ ޕެއާއާ ވާދަކޮށް ޔޫވީގެ ނަޝީއު އާއި ރިޔާޒްގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ.

ރޭގެ ޑަބަލްސް މެޗެއްގެ ތެރެއިން ޔޫވީގެ ރިޔާޒް (ކ) އާއި ޝާމިއު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރޭގެ ޑަބަލްސް މެޗެއްގެ ތެރެއިން ޔޫވީގެ ރިޔާޒް (ކ) އާއި ޝާމިއު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާތުގައި އިއްޔެ ހަވީރު ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ކްލަބް ސްކޯ ސްޕޯޓްސް (ސީއެސް) އިން ވަނީ 12-5 ޕޮއިންޓުން ދަ ގޯޅި ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.

ފުރަތަމަ ޑަބަލްސްގައި ސީއެސްގެ ހަސަން އަފްޝީން ޝަހީމް އާއި އިބްރާހިމް ހުޝާމްގެ ޕެއާ ވަނީ ދަ ގޯޅީގެ މުހައްމަދު ހިޝާމް ލަތީފާއި އާސިރު ނިޒާރުގެ ޕެއާ ބަލިކޮށްފަ އެވެ. ފުރަތަމަ އަންހެން ޑަބަލްސް އިން މޮޅުވީ ދަ ގޯޅިގެ ޕެއާ އެވެ. އެ ޓީމުގެ މައިސާ ފަތުހުﷲ އިސްމާއިލް (މައި) އާއި އައިމިނަތު ސަނާގެ ޕެއާ ވަނީ ސީއެސްގެ އައިޝަތު ލީން ހާލީ އާއި ފާތިމަތު ޝަންނަ ބަލިކޮށްފަ އެވެ.

ފުރަތަމަ މިކްސް ޑަބަލްސް އިން ސީއެސްގެ ނިބާލް އަހުމަދު އާއި ފާތިމަތު ރިޒްނާގެ ޕެއާ ވަނީ ދަ ގޯޅީގެ މުހައްމަދު މުސާދު ސުޖާއު އާއި އައިމިނަތު އަހުމަދު ދީދީގެ ޕެއާ ބަލިކޮށްފަ އެވެ. ދެ ވަނަ ފިރިހެން ޑަބަލްސް ވެސް ކާމިޔާބުކުރީ ސީއެސް އިންނެވެ. އެ ޓީމުގެ އަލީ ޝަރްމީލް އާއި އަފްޝީންގެ ޕެއާ ވަނީ ދަ ގޯޅީގެ ރުބެން ޝިންގް ރަޖައްޕަން އާއި އަހުމަދު ޝަފްރާޒްގެ ޕެއާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ދެ ވަނަ އަންހެން ޑަބަލްސް ކާމިޔާބުކުރީ ވެސް ސީއެސް އިންނެވެ. ސީއެސްގެ އައިމިނަތު ޝަހުރުނާޒް މޫސާ އާއި އައިޝަތު ޔޫސުފްގެ ޕެއާ ވަނީ ދަ ގޯޅީގެ ކަމީލާ މުހައްމަދު އާރިފް އާއި އައިމިނަތު ހުދާގެ ޕެއާ ބަލިކޮށްފަ އެވެ.

ދަ ގޯޅިން ދެ ވަނަ މޮޅު ހޯދީ ދެ ވަނަ މިކްސް ޑަބަލްސްގަ އެެވެ. ދަ ގޯޅީގެ ޝަފްރާޒް އާއި މައިގެ ޕެއާ ވަނީ ސީއެސްގެ ޝަހުރުނާޒާއި ހުޝާމްގެ ޕެއާ އަތުން މޮޅުވެފަ އެވެ. ސީއެސް މޮޅުވީ ފަހު ފިރިހެން ޑަބަލްސް އިން ހޯދި ކާމިޔާބީއާ އެކު އެވެ. ސީއެސްގެ ނިބާލް އާއި އަހުމަދު ޝަރީފް އަލީގެ ޕެއާ ވަނީ ދަ ގޯޅީގެ މުސާދު ސުޖާއު އާއި ހިޝާމްގެ ޕެއާ ބަލިކޮށްފަ އެވެ.

މުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް އޭގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅޭނީ ފުރަތަމަ ދެ މެޗުން މޮޅުވި އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ) އާއި އިންޑޯ ސްޕޯޓްސް އެވެ. އަދި މިރޭ ކުޅޭ މެޗުގައި ކްލަބް ސްޓެޓިކް ނުކުންނާނީ ސައިރިކްސް ރިކްރިއޭޝަން ކްލަބާ ދެކޮޅަށެވެ.