Roadha Mihaaru
ރިޝީގެ ވަކިވުމަށް ފަހު ނީޓޫގެ ފުރަތަމަ ފިލްމު ނިންމާލައިފި

ރިޝީގެ ވަކިވުމަށް ފަހު ނީޓޫ ކުޅުނު ފުރަތަމަ ފިލްމު ނިންމާލައިފި

26 ޑިސެމްބަރ 2020

ފިރިމީހާ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރް މަރުވި ފަހުން ކުރީގެ ބަތަލާ ނީޓޫ ސިންގް ސޮއިކުރި ފުރަތަމަ ފިލްމުގެ ޝޫޓިން ނިންމާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިރިމީހާ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރް މަރުވި ފަހުން ކުރީގެ ބަތަލާ ނީޓޫ ސިންގް ސޮއިކުރި ފުރަތަމަ ފިލްމުގެ ޝޫޓިން ނިންމާލައިފި އެވެ.

އެ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ރޮމޭންޓިކް ކޮމެޑީ "ޖުގް ޖުގް ޖިއޯ" އެވެ. ފިލްމުގައި ނީޓޫ ކުޅެން ޖެހޭ ރޯލުގެ ޝޫޓިން އެއްކޮށް ނިންމައިލިކަން އޭނާ އިންސްޓަގްރާމްގައި ބުދަ ދުވަހު ހިއްސާކޮށް ބުނީ ފިލްމުގެ މުޅި ޓީމްގެ މަތިން ވަރަށް ހަނދާންވާނެ ކަމަށެވެ.

"ޖުގް ޖުގް ޖިއޯ" ގެ ޝޫޓިން މިދިޔަ މަހުގެ ފަހުކޮޅު ޗަންދީގަޅްގައި ފަށައިގެން މަސައްކަތް ކުރިއަށް ދަނިކޮށް ނީޓޫ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ވެސް ހޯދަން ޖެހުނެވެ. އޭނާގެ އިތުރުން ފިލްމުގެ ޓީމުން ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ލީޑް އެކްޓަރު ވަރުން ދަވަނާއި މަނީޝް ޕޯލް ވެސް ހިމެނެ އެވެ.

މިދިޔަ އަހަރު "ގުޑް ނިއުސް" ގެނެސްދިން ޑައިރެކްޓަރު ރާޖް މެހެތާ ހަދާ "ޖުގް ޖުގް ޖިއޯ" ގެ ކާސްޓްގައި އަނިލް ކަޕޫރާއި ކިއާރާ އަދުވާނީ ވެސް ހިމެނެ އެވެ. ފިލްމުގެ ޓީމުން ކޮވިޑަށް ޕޮޒިޓިވްވި މީހުން ބަލިން ރަނގަޅުވުމުން ޝޫޓިން އަލުން ފެށީ މި މަހުގެ މެދުތެރޭގަ އެވެ.

ރިޕޯޓްތައް ބުނާގޮތުން "ޖުގް ޖުގް ޖިއޯ" ގައި ނީޓޫ އާއި އަނިލް ދެމަފިރިންގެ ރޯލް ކުޅޭ އިރު ވަރުން އަކީ އެ މީހުންގެ ދަރިއެކެވެ. ވަރުން އާއި ކިއާރާ އަކީ ފިލްމުގައި ދެމަފިރިންނެވެ.

މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

"ޖުގް ޖުގް ޖިއޯ" އަށް ނީޓޫ، 62، ސޮއިކުރީ އެޕްރީލް މަހުގެ ފަހުކޮޅު ލޭގެ ކެންސަރުގައި މަރުވި ރިޝީގެ ހިތާމައިގެ ތެރޭގައި އުޅުމަށް ފަހު އެވެ. އަދި މި ފިލްމަށް އެއްބަސްވާން އޭނާ އަށް އެންމެ ބޮޑަށް ހިތްވަރު ދިނީ އަންހެން ދަރިފުޅު ރިދިމާ ކަޕޫރެވެ.

ނީޓޫ އަކީ 70 އާއި 80 ގެ ތެރޭގައި ގިނަ ފިލްމުތަކެއް ކުޅުނު ބަތަލާއެކެވެ. އެގޮތުން ރިޝީއާ އެކު 12 ވަރަކަށް ފިލްމުގައި ނީޓޫ މަސައްކަތްކުރި އެވެ.

"ޖުޖް ޖުގް ޖިއޯ" ގެ މަސައްކަތް ނީޓޫ ފެށީ ވެސް ފިރިމީހާގެ ހަނދާންތައް އާ ކުރަމުންނެވެ.