Roadha Mihaaru
ރަށަށް ނުދެވި ތިބި މީހުންނަށް ރަށުގެ "ވައި" ވިއްކަނީ

ރަށަށް ނުދެވި ތިބި މީހުންނަށް ރަށުގެ "ވައި" ވިއްކަނީ

25 ޑިސެމްބަރ 2020

ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އަމިއްލަ ވަޒަނަށް ދެވޭނެ ގޮތެއް ނެތި ދުނިޔޭގެ އެކި ހިސާބުތަކުގައި ތާށިވެފައި ތިބި އިނގިރޭސިވިލާތުގެ ރަށްވެހިންނަށް ހާއްސަކޮށްގެން އެ މީހުންގެ ވަޒަނާއި އެތަނުގެ މާހައުލުގެ ވަސް އިހުސާސްކޮދެވޭ "ވައި" ވިއްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އަމިއްލަ ވަޒަނަށް ދެވޭނެ ގޮތެއް ނެތި ދުނިޔޭގެ އެކި ހިސާބުތަކުގައި ތާށިވެފައި ތިބި އިނގިރޭސިވިލާތުގެ ރަށްވެހިންނަށް ހާއްސަކޮށްގެން އެ މީހުންގެ ވަޒަނާއި އެތަނުގެ މާހައުލުގެ ވަސް އިހުސާސްކޮދެވޭ "ވައި" ވިއްކަން ފަށައިފި އެވެ.

މައި ބެގޭޖް ކިޔާ ކުންފުންޏަކުން ވަނީ އިނގިރޭސިވިލާތުގެ ހަތަރު ތަނެއްގެ "ވައި" ފުޅީގައި ބަންދުކޮށް ވިއްކަން ފަށައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންގްލެންޑް، ސްކޮޓްލެންޑް، ވޭލްސް އަދި އުތުރު އަޔަލެންޑެވެ. މި ތަންތަނުގެ ވަޒަންވެރިންނަށް އެ މީހުންގެ ވަޒަނުގެ މާހައުލުގެ "ވަސް" ފުޅީގައި ވިއްކަމުން އަންނަނީ ފުޅިއެއް 25 ޕައުންޑް (30 ޑޮލަރު) އަށެވެ. ކޮންމެ ފުޅިއެއްގައި "ވަޒަނުގެ ވަހު" ގެ 500 މިލިމީޓަރުގެ ވަސް ނުވަތަ ވައި ހުންނާނެ އެވެ.

ފުޅީގައި ޖަހާފައިވާ އުނގުރި ނަގާލުމުން އެ ތަނެއްގެ ވަހުން އެ މީހެއްގެ ވަޒަން މަތިން ހަނދާން އާކޮށްދީ އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދޭނެ އެވެ.

މައި ބެގޭޖުން ބުނި ގޮތުގައި "ވައި" ފުޅީގެ އެންމެ ބޮޑު މަގުސަދަކީ އެހެން ގައުމުތަކުގައި "ހޯމްސިކްވެފައި" ތިބި އިނގިރޭސީންނަށް މިފަދަ އުނދަގޫ ދަތި ވަގުތެއްގައި ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ހޯދައިދިނުމެވެ.

ކޮވިޑާ ހެދި ދަތުރުފަތުރަށް ވަރަށް ބޮޑު ބުރުލެއް އަރާފައިވާ އިރު، އިނގިރޭސިވީލަތަކީ މި ވަގުތު ކޮރޯނާވައިރަހުގެ އާ ވައްތަރެއް ވެސް ފެތުރެމުންދާ ތަނެކެވެ. އެހެންވެ އެ ގައުމަށް ދަތުރުކުރުން ވެސް ވަނީ މަދުވެފަ އެވެ.

މައި ބަގޭޖުން ބުނީ އިނގިރޭސިންނަށް ހާއްސަކޮށްގެން ވަޒަނުގެ "ވައި" ވިއްކަން ފެށުމުން ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުން ވެސް މި އުފެއްދުމަށް ޑިމާންޑް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ އިތުރު ގައުމުތަކުގެ "ވައި" ފުޅި ނެރެން މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ.

"މި ވިއްކަން ފެށި ފަހުން ޔޫކޭގަ ވެސްއި ޑިމާންޑް ވަރަށް ބޮޑު. ގައުމުން ބޭރުގައި ތިބި އާއިލާ މީހުންނާއި ރައްޓެހިންނަށް ހަދިޔާއަކަށް ފޮނުވަން ވަރަށް ގިނަ ބަޔަކު މި އެބަ ގަނޭ މިހާރު،" މައި ބަގޭޖްގެ ތަރުޖަމާނު ބުންޏެވެ.