Roadha Mihaaru
ކަސްޓަމައިޒްކޮށްދޭ ގޮތަށް ރޯލްސް-ރޯއިސްގެ ކާރު

ކަސްޓަމައިޒްކޮށްދޭ ގޮތަށް ރޯލްސް-ރޯއިސްގެ ކާރު އުފައްދައިދެނީ

02 ޖޫން 2021

އެ މީހަކު ބޭނުންވާ ސިފަތަކެއް ހިމަނައިގެން ކާރެއް މިލްކު ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު މިހާރު އޮތީ ބައެއް ކުންފުނިތަކުން ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ވޯކްސްވޭގަން ދަށުން ހިންގާ ބެންޓްލީ އާއި ޕޯޝް މަރުކާ ހިމެނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެ މީހަކު ބޭނުންވާ ސިފަތަކެއް ހިމަނައިގެން ކާރެއް މިލްކު ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު މިހާރު އޮތީ ބައެއް ކުންފުނިތަކުން ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ވޯކްސްވޭގަން ދަށުން ހިންގާ ބެންޓްލީ އާއި ޕޯޝް މަރުކާ ހިމެނެ އެވެ.

މީގެ ތެރެއަށް މިހާރު މި ވަނީ ދުނިޔޭގެ އެންމެ ލަގްޒަރީ ކާރު އުފައްދާ ކުންފުނިތަކުގެ ތެރޭގައިި ހިމެނޭ އިނގިރޭސިވިލާތުގެ މަޝްހޫރު ރޯލްސް-ރޯއިސް ވެސް ނުކުމެފަ އެވެ. އެ ކުންފުނިން ވަނީ ކްލައިޓުންނަށް ކަސްޓަމައިޒް އުސޫލުން ކާރު އުފައްދައިދޭން ނިންމިކަން ރަސްމީކޮށް މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކޮށްފަ އެވެ. އެކަމަކު އަދި އާދައިގެ މީހަކަށް މިކަމެއް ނުވާނެ އެވެެ.

މިލިއަނުން ޑޮލަރު ހުރެގެން ނޫނީ ރޯލްސް-ރޯއިސް ކާރެއް ގަތުމަކީ ވެސް ވާނެ ކަމެއް ނޫނެވެ.

ކަސްޓަމައިޒްކޮށްދޭ ގޮތަށް ކާރު އުފައްދަން އެ ކުންފުނިން އިއުލާންކުރި ޕްރޮގްރާމްގެ ނަމަކީ "ރޯލްސް-ރޯއިސް ކޯޗްބިލްޑް" އެވެ. މީގެ ދަށުން ކާރުތައް އުފައްދައިދޭނެ ސީދާ އަގުތަކެއް ހާމައެއްނުކުރެ އެވެ. އެކަމަކު ބުނެފައި ވަނީ އެ މީހަކު ކާރެއްގައި ހުންނަން ބޭނުންވާ ހުރިހާ ސިފަތަކެއް ހިމެނޭ ގޮތަށް ކާރު އުފައްފައިދޭނެ ކަމަށެވެ. އެހެންވެ މިއީ ޑިޒައިނިންގެ ތެރެއިން އެ މީހެއްގެ ކްރިއޭޓިވިޠީ ވެސް ދައްްކައިލަން ލިބޭނެ ފުރުސަތަކަށް ވާނެ އެވެ.

"ޔަގީންކަން ދޭން ބޭނުންވާ ކަމަކީ މި ގޮތަށް ކާރު އުފައްދައިދޭ އިރު އެ ކްލައިންޓަކަށް މި މަސައްކަތުގެ ކްރިއޭޓިވް އާއި އިންޖިނިއަރިން ޕްރޮސެސްގައި ވެސް ބައިވެރިވެވިވޭނެކަން." ރޯލްސް-ރޯއިސްގެ ސީއީއޯ ޓޯޒްޓެން މުލާ-އޯޓްވޯސް ވިދާޅުވި އެވެ.

އެކަމަކު ކްލައިޓުން ދޭ ޑިޒައިނަކީ ކުންފުނީގެ އެކްޒެކެޓިވުން ހިތްހަމަޖެހޭ ވަރުގެ ޑިޒައިނަކަށް ވާނެ ޖެހޭނެ އެވެ. ސަބަބަކީ ރޯލްސް-ރޯއިސް އަކީ އާދައިގެ ބްރޭންޑަކަށް ނުވުމެވެ. މިއީ އެންމެ މަތީ ފެންވަރެވެ.

"ރޯލްސް-ރޯއިސް ކޯޗްބިލްޑް" ޑިޕާޓްމަންޓާ އެކު މިހާރު ވަނީ އާ ކާރެއް ވެސް ދައްކާލައިފަ އެވެ. އެއީ "ބޯޓް ޓެއިލް" އެވެ. އުފައްދާފައި ވަނީ މީގެ އެންމެ ތިނެއްޗެވެ. މީގެ އަގު ރަސްމީކޮށް އަދި ހާމަނުކުރި ނަމަވެސް ބައެއް މީޑިއާތަކުން ބުނީ އަގު 25 މިލިއަން ޑޮލަރަށް ވުރެ ދަށް ނުވާނެ ކަމަށެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެމެރިކާ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އާއި ފިރިމީހާ ޖޭ-ޒީ ވަނީ "ބޯޓް ޓެއިލް" އަކަށް އޯޑަރުކޮށްފަ އެވެ.