Roadha Mihaaru
ސަސް އާއި ޓީސީ އަށް ޕޮއިންޓެއް

ސަސް އާއި ޓީސީ އަށް ޕޮއިންޓެއް

26 ޑިސެމްބަރ 2020

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 1-1 އިން އެއްވަރުވެއްޖެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 1-1 އިން އެއްވަރުވެއްޖެ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު ސަސް ވަނީ ފުރަތަމަ ތިން މެޗުން ފަސް ޕޮއިންޓް އެއްކޮށްފަ އެވެ. ޓީސީ އަށް ފުރަތަމަ ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

މިރޭގެ މެޗުގައި އެންމެ ފުރަތަމަ ގޯލް ޖެހީ ޓީސީންނެވެ. އެ ޓީމުގެ ކެޕްޓަން އައްޒާމް މުހައްމަދު އަރިމަތިން އެކަނިމާއެކަނި އަރައި އޭރިއާ ތެރެއަށް ވަދެ ހުރަސްކުރި ބޯޅަ ޓީސީގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ލިބުނު ވަގުތު ބޯޅަ ގޯލަށް ވައްދާލީ ސާވީ އިބްރާހިމް އެވެ.

އޭގެ ކުރިން ސަސް އަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. އެ ޓީމުގެ އަހުމަދު އައިހަމް އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ.

ސަސް އަށް އެއްވަރުކޮށްދިނީ 34 ވަނަ މިނެޓުގައި ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) އެވެ. ޖަޕާން މިޑްފީލްޑަރު އަޓްޝުޝީ ޔޮނެޒާވާ ކޯނަރަކުން ހުރަސްްކުރި ބޯޅަ ބެންޖޯ ގޯލަށް ވައްދާލީ އޭރިއާ ތެރެއިން ހުހަށް އަރައި ބޮލުންނެވެ.

އެއްވަރުވާން ދަނިކޮށް ފަހު ވަގުތު ތިން ޕޮއިންޓް ހޯދަން ޓީސީ އަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އިބްރާހިމް އަބްދުލްވާހިދު (ވާޑު) ނެގި ހުރަހަށް އަރައި އޭރިއާ ތެރެއިން އައްޒާމާއި ނަޝާހު އަހުމަދު ފޮނުވާލި ބޯޅަ ވެސް ސަސްގެ ގޯލްކީޕަރު މަތަކުރީ އެވެ.

ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ ސަސްއާ ދެކޮޅަށް ނުކުތީ ބަލިނުވެ ފަރުޖައްސާލަން ކަމަށާއި އެ ޓާގެޓް ހާސިލްވުމުން ހިތްހަމަޖެހޭ ކަމަށެވެ. އީގަލްސް އަތުން މޮޅުވުމަށް ފަހު މި މެޗުން ޕޮއިންޓަކަށް ޓާގެޓްކުރީ ކީއްވެތޯ އެހުމުން ޝާޒް ބުނީ ސަސް އަކީ އީގަލްސް އަށް ވުރެ ކުޅުންތެރިންގެ ގޮތުން ވަރުގަދަ ޓީމެއް ކަމަށެވެ.

ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ވެސް ބުނީ ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ ކަމަށާއި ކުޅުންތެރިންގެ މަސައްކަތާ މެދު ވެސް ޝަކުވާއެއް ނެތް ކަމަށެވެ. އެކަމަކު މެދުތެރޭގައި ރަނގަޅު ކުޅުންތެރިންތަކެއް ނެތުމުން އުނދަގޫވާ ކަމަށް އޭނާ ބުންޏެވެ. މެދަށް މިރޭ ކުޅުނު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އަށް އަނިޔާވެގެން ބާލަން ޖެހުމުން އެތަން ވަރަށް ބޮޑަށް ދެއްކި އެވެ.