Roadha Mihaaru
ވައިރަހުގެ އާ ވޭރިއަންޓް ޔޫރަޕަށް ފެތުރެން ފަށައިފި

ވައިރަހުގެ އާ ވޭރިއަންޓް ޔޫރަޕަށް ފެތުރެން ފަށައިފި

27 ޑިސެމްބަރ 2020

ލަންޑަން (ޑިސެމްބަރު 27) - އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް ޔޫރަޕުގެ ގިނަ ގައުމުތަކަކުން ފެންނަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ޑިސެމްބަރު 27) - އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް ޔޫރަޕުގެ ގިނަ ގައުމުތަކަކުން ފެންނަން ފަށައިފި އެވެ.

ޔޫކޭ އިން ދަތުރު ކުރި މީހުންނާ ގުޅުން ހުރި މީހުންގެ ފަރާތުން އާ ވޭރިއަންޓް ފެނިފައިވާ ޔޫރަޕުގެ ގައުމުތަކުގެ ތެރޭގައި ފްރާންސް، ސްޕޭން، ސްވިޑަން އަދި ސްވިޒަލެންޑް ހިމެނެ އެވެ.

ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް އިނގިރޭސި ވިލާތުން ފެނުމާ އެކު ޔޫރަޕުގެ ގިނަ ގައުމުތަކަކުން ވަނީ ޔޫކޭގެ ދަތުރުވެރިންނަށް ބޯޑަރުތައް ބަންދުކޮށްފަ އެވެ.

ސައެންސްވެރިން ބުނެފައި ވަނީ ޔޫކޭ އިން ފެނުނު އާ ވޭރިއަންޓް އެ ގައުމު ނޫން އެހެން ގައުމުތަކުގައި ވެސް އުޅޭނެ ކަމަށެވެ. ޔޫކޭ އިން އެ ވޭރިއަންޓް ދެނެގަނެވިފައި ވަނީ އެ ގައުމުގެ ސާވެލަންސް ނިޒާމް ވަރުގަދަވުމުގެ ސަބަބުން ކަމަށް ވެސް ބުނެފައިވެ އެވެ. އާ ވޭރިއަންޓް ފަސޭހަ އިން ފެތުރުނު ނަމަވެސް އެއީ އެހާ ނުރައްކާ ވައްތަރެއް ނޫން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

އާވޭރިއަންޓް ކުރިން ވަނީ ޑެންމާކް، އޮސްޓްރޭލިއާ އަދި ނެދަލޭންޑްސް އިން ވެސް ފެނިފަ އެވެ. ޔޫކޭ އިން ޖަޕާނަށް ހުކުރު ދުވަހު ދަތުރުކުރި ފަސް މީހެއްގެ ފަރާތުން ވަނީ އާ ވައިރަސް ފެނިފަ އެވެ.

ވައިރަހުގެ އާ ވޭރިއަންޓް ފެނުނު ނަމަވެސް ޔޫރަޕުގެ ބައެއް ގައުމުތަކުގައި މިހާރު ވަނީ ކޮރޯނާވައިރަހުގެ ވެކްސިން ދޭން ފަށައިފަ އެވެ. ކޮރޯނާވައިރަހަށް މިހާރު އުފައްދާފައިވާ ވެކްސިންތައް ވެސް އާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

ޖަރުމަނުގައި ފުރަތަމަ ފެށީ ފައިޒާ-ބަޔޯއެންޓެކުގެ ވެކްސިން ދޭށެވެ. ހަންގޭރިއާ އާއި ސްލޮވޭކިއާގައި ވެސް ވަނީ ވެކްސިން ދޭން ފަށައިފަ އެވެ. ފްރާންސް، އިޓަލީ އަދި ސްޕޭނުގައި ވަނީ އާދިއްތަ ދުވަހު ވެކްސިން ދޭން ފަށަން ނިންމައިފަ އެވެ.