Roadha Mihaaru
ރާއްޖޭގެ މަހުން ޑިއުޓީކުޑަކުރަން ޔޫކޭއިން ބޭނުމެއް ނުވި

ރާއްޖޭގެ މަހުން ޑިއުޓީ ކުޑަކުރަން ޔޫކޭއިން ބޭނުމެއް ނުވި

16 ޑިސެމްބަރ 2021

ރާއްޖޭގެ ކަނޑުމަހުން ނަގާ ޑިއުޓީ ކުޑަކުރަން ބަލާއިރު ރާއްޖެއަކީ މިހާރު އެކަމަށް ޝަރުތު ހަމަވާ ގައުމެއް ނޫން ކަމަށް އިނގިރޭސިވިލާތުގެ ޕާލަމަންޓުގެ މަތިގެ ނުވަތަ ހައުސް އޮފް ލޯޑްސްގައި އިނގިރޭސި ސަރުކާރުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ކަނޑުމަހުން ނަގާ ޑިއުޓީ ކުޑަކުރަން ބަލާއިރު ރާއްޖެއަކީ މިހާރު އެކަމަށް ޝަރުތު ހަމަވާ ގައުމެއް ނޫން ކަމަށް އިނގިރޭސިވިލާތުގެ ޕާލަމަންޓުގެ މަތިގެ ނުވަތަ ހައުސް އޮފް ލޯޑްސްގައި އިނގިރޭސި ސަރުކާރުން ބުނެފި އެވެ.

މެންބަރުގެ ހުށަހެޅުންތަކަށް މިދިޔަ ހޯމަ ދުވަހު ޖަވާބު ދެއްވަމުން މިނިސްޓާ އޮފް ސްޓޭޓް، ޑިޕާޓްމަންޓް ފޯ ބިޒްނަސް، އެނާޖީ އެންޑް އިންޑަސްޓްރިއަލް ސްޓްރެޓަޖީ ލޯޑް ގްރިމްސްޓޯން ވިދާޅުވީ، ރާއްޖެއަކީ އިނގިރޭސިވިލާތަށް މުހިއްމު ވިޔަފާރީގެ ބައިވެރިއެއް ކަމަށެވެ. އޭނާ ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާ އާއި ދެމެހެއްޓެނިވި ތަރައްގީގައި ރާއްޖެއާ އެކު އިތުރު މަސައްކަތްތައް ކުރަން އެ ގައުމުން ޝައުގުވެރިވާ އިރު ރާއްޖެ އަކީ މެދުފަންތީގެ އާއްމުދަނީ އަށް ވުރެ މަތީގެ ގައުމަކަށްވުމުން ޓެރިފް ކުޑަ ކުރުމުގެ ޕޮލިސީއަށް މިހާރު ނުފެތޭ ކަމަށެވެ.

އެ ބަހުސްގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، މި ވަގުތު ވެސް އެހެން ބައެއް ގައުމުތަކާ އެކު ފްރީ ޓްރޭޑް އެގްރީމަންޓްތައް ހެދުމަށް އެއްބަސްވެފައިވާ އިރު އާ ގައުމުތަކާ އެކު އެފަދަ އެއްބަސްވުންތަކެއް ހަދަން ނުވިސްނާ ކަމަށެވެ.

"ރާއްޖެއަކީ މިހާރު ތަރައްގީވަމުން އަންނަ ގައުމެއް ނޫން. ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރި ނަމަވެސް، ޑިއުޓީ ކުޑަކުރުމަށް މިހާރު ރާއްޖެ ޝަރުތެއް ހަމައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ކުރި މަޝްވަރާގައި ޕާލިމަންޓް މެންބަރު ބެރޯނެސް ނަޝީނާ މުބާރިކް ވިދާޅުވީ، ރާއްޖެއަކީ ތަރައްގީވަމުން އަންނަ، މެދު ފަންތިއަށް ވުރެ މަތިން އާމްދަނީ ލިބޭ ގައުމަކަށް ވުމުން އެކްސްޕޯޓު ކުރާ މަހުން ނަގާ ޓެރިފް ކުޑަކުރަން ޝަރުތު ހަމަނުވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއަކީ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަމުން އަންނަ ގައުމެއް ކަމަށާއި ކޮމަންވެލްތުގައި ވެސް ހިމެނޭ ކުދި ގައުމުތަކުގެ ތެރެއިން ޓެރިފް ނަގާ ހަމައެކަނި ގައުމަށް ވުމުން އެއީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މުބާރިކް ވިދާޅުވީ، ސީޝެލްސް އާއި މޮރިޝަސް އަކީ ރާއްޖެއަށް ވުރެ ބޮލަކަށް ޖެހޭ އާމްދަނީ ބޮޑު ގައުމުތަކަށްވާ އިރު އެ ގައުމުތަކުން އެކްސްޕޯޓު ކުރާ މަަހުން ޓެރިފް ބޮޑު ނޫން ކަމަށެވެ.

އެހެން މެންބަރެއް ކަމަށްވާ، ރޮބިން ޓެވަސަން ވިދާޅުވީ، އިނގިރޭސިވިލާތަކީ ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރަން މުހިއްމު މަސައްކަތްތަކެއް ކުރާ ގައުމަކަށްވާ އިރު ރާއްޖެ ފަދަ ދެމެހެއްޓެނިވި މަސްވެރިކަން ކުރާ ގައުމުތަކާ އެކު ވިޔަފާރީގެ ރަނގަޅު ގުޅުންތައް ބާއްވަން ޖެހޭ ކަމަށެވެ.

"މިއީ ރާއްޖެއާ އެކު ވިޔަފާރި ކުރަން އިސްކަން ދޭން ޖެހޭ ސަބަބެއް،" އޭނާ ވިދާޅުވި އެވެ.

މި ދެ މެންބަރުންގެ އިތުރުން އެހެން ބައެއް މެންބަރުން ވެސް ވަނީ ޓެރިފް ކުޑަ ކުރުން އަވަސް ކުރަން ސަރުކާރަށް ގޮވާލައްވައިފަ އެވެ. ބައެއް މެންބަރުން ވަނީ ރާއްޖެއާ އެކު އެ ގައުމުން ފްރީ ޓްރޭޑް އެގްރީމަންޓެއް ހެދުމަށް ވެސް އެދިފަ އެވެ

ރާއްޖެއިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި 22 ޕަސެންޓް ނަގަ އެވެ. އެހެންވެ، ރާއްޖެއިން ޔޫރަޕް މާކެޓަށް ވިއްކާ މަހުގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފަ އެވެ.

ޔޫރަޕަށް އެކްސްޕޯޓު ކުރާ މަހުގެ ޑިއުޓީ ކުޑަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ ވިދާޅުވެފަ އެވެ. މިކަން ކުރަން އެކި ފޯރަމްތަކުގައި ޔޫރަޕުގެ ގައުމުތަކާ އެކު މި ސަރުކާރުން މަޝްވަރާ ކުރި ނަމަވެސް އަދި އެކަން ކާމިޔާބެއް ނުވެ އެވެ.