Roadha Mihaaru
ފްލައިން ސްކޫލް މައްސަލަ ބަލަން މެމްބަރުން އައްޑޫގައި

ފްލައިން ސްކޫލްގެ މައްސަލަ ބަލަން މަޖިލިސް މެމްބަރުންތަކެއް އައްޑުއަށް

27 ޑިސެމްބަރ 2020

އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ)އިން ހިންގާ ފްލައިން ސްކޫލުން ދަރިވަރުންނާ މެދު ހިތުހުރި ގޮތަކަށް އަމަލުކޮށް ކިޔެވުމަށް ހުރަސްއެޅިފައިވާ މައްސަލައިގައި ކަމާބެހޭ އިދާރާތަކާ ބައްދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގެ ހަ މެމްބަރަކު އައްޑުއަށް ވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ)އިން ހިންގާ ފްލައިން ސްކޫލުން ދަރިވަރުންނާ މެދު ހިތުހުރި ގޮތަކަށް އަމަލުކޮށް ކިޔެވުމަށް ހުރަސްއެޅިފައިވާ މައްސަލައިގައި ކަމާބެހޭ އިދާރާތަކާ ބައްދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގެ ހަ މެމްބަރަކު އައްޑުއަށް ވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެ މައްސަލަ ބަލަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ހަ މެމްބަރަކު އައްޑު އަށް ވަޑައިގަތް ކަމަށެވެ. މި ބޭފުޅުން އައްޑޫ ސިޓީ ކައުންސިލާއި ފްލައިން ސްކޫލުގެ މެނޭޖްމަންޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ބޭފުޅުންގެ އިތުރުން ފްލައިން ސްކޫލުގެ ދަރިވަރުންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ދަރިވަރުންގެ ކޯހުގެ މުއްދަތު އެ ސްކޫލުން ދަންމައި، ދަރިވަރުން އަތުން ބޮޑެތި ފީ ނެގުމާއި އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ހަރަދެއް ހިނގާ ކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިން ކުރަމުންދާތާ ގިނަ ދުވަސްތަކެެއް ވަނީ ވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުން މި މައްސަލަ ބަލަން ފެށިއިރު ކަމާގުޅޭ އެހެން އިދާރާތަކުން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ. އެކަމަކު މި މައްސަލައިގައި މިހާތަނަށް އެކަށީގެންވާ ހައްލެއް ހޯދިފައި ނުވާ މައްސަލައިގައި ދަރިވަރުންގެ ކަންބޮޑުވުން އެބައޮތެވެ.

ދަރިވަރުންގެ އަތުން ބޮޑު އަގު ނަގައިގެން ހިންގާ ފްލައިން ސްކޫލުގެ ސްކޫލުގެ 15 ދަރިވަރަކު ކުއްލި ގޮތަށް ދާދި ފަހުން ވަކިކުރި އެވެ. އޭގެ ތެރޭގައި ކޯސް ފުރިހަމަ ކުރުމުގެ އެންމެ ފަހު މަރުހަލާގައި ތިބި ކުދިން ހިމެނެ އެވެ.

މި ދަރިވަރުން ވަކިކުރަން ދިން ނޯޓިސް ބާތިލްކުރަން މިދިޔަ ހަފުތާގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ފްލައިން ސްކޫލުގައި ދިމާވާ މައްސަލަތައް މިދިޔަ އޮކްޓޯބަރު މަހު މިނިސްޓްރީގެ ސަމާލުކަމަށް ގެނައި ހިސާބުން ފެށިގެން އެ ކަންކަން ހައްލު ކުރަން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން، އެ ސްކޫލުން ކަނޑައިލި ދަރިވަރުންނަށް ދިން ނޯޓިސް ބާތިލް ނުކޮށްފި ނަމަ ނުވަތަ އެފަދަ އެހެން އަމަލެއް ހިންގައިފި ނަމަވެސް މިނިސްޓްރީ އަށް ވީ އެންމެ އަވަހަކަށް އަންގައި ރިޕޯޓު ކުރުމަށް އެދިފައި ވެ އެވެ.

ފްލައިން ސްކޫލުގައި ދަރިވަރުން ދުއްވުމަށް 13 އެއާކްރާފްޓެއް އޮވެ އެވެ. އެކަމަކު، މިވަގުތު ބޭނުންކުރަމުން އަންނަނީ ދެ އެއާކްރާފްޓެވެ. ބާކީ 11 އެއާކްރާފްޓުގެ ތެރެއިން ދެ އުޅަނދެއް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ދެން ހުރި އެއްޗެހިތައް ހުރީ މެއިންޓެނަންސްގަ އެވެ.

ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭ އެތައް ކަމެއް އެ ސްކޫލުގެ މެނޭޖްމަންޓުން ހިންގާފައިވާ ކަން ސިވިލް އޭވިއޭޝަނުން ހެދި އޮޑިޓުން ވެސް އޮތީ ފެންނާށެވެ.