Roadha Mihaaru
ހާލަތު ރަނގަޅުވެ، އައިސީޔޫ ހުސްވެއްޖެ

ކޮވިޑް-19: ހާލަތު ރަނގަޅުވެ، އައިސީޔޫ ހުސްވެއްޖެ

06 އޮކްޓޯބަރ 2020

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ވަރު ކޮންޓްރޯލް ކުރެވި، އެޑްމިޓު ކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު މަދުވެއްޖެ އެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ރޭ ބުނީ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީތަކުގެ އައިސީޔޫތައް ހުސްކޮށް ހުންނަތާ ހަތަރު ދުވަސް ވެފައިވާ ކަމަށެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ވަރު ކޮންޓްރޯލް ކުރެވި، އެޑްމިޓު ކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު މަދުވެއްޖެ އެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ރޭ ބުނީ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީތަކުގެ އައިސީޔޫތައް ހުސްކޮށް ހުންނަތާ ހަތަރު ދުވަސް ވެފައިވާ ކަމަށެވެ.

ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑް ބަލީގެ މީހުންނަށް ޚާއްސަ ކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެއްވެސް މީހަކު މިހާރު އެޑްމިޓު ކޮށްފައި ނެތް ކަމަށާއި އެ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގެ ވޯޑުގައި ވެސް އޮތީ އެކަކު ކަަމަށެވެ. ހުޅުމާލޭގައި ހުންނަ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި 58 މީހަކު ތިބި އިރު އެ އެންމެން ވެސް ތިބީ ވޯޑުގަ އެވެ. ގއ. ވިލިނގިލީގައި ހުންނަ ފެސިލިޓީގައި ތިބީ ހަ މީހެކެވެ. އެ އެންމެން ވެސް ތިބީ ވޯޑުގަ އެވެ. އެހެންވެ، މިވަގުތު އެޑްމިޓު ކޮށްފައިވާ މީހުންގެ ޖުމުލައަކީ 65 އެވެ.

"މިވަގުތު އިރާދަކުރެއްވިއްޔާ އައިސީޔޫގައި އެއްވެސް މީހަކަށް ފަރުވާދެވެމުންނެއް ނުދޭ. އޭގެ މާނަ އަކީ ވެންޓިލޭޓާގައި ވެސް މިވަގުތު އެއްވެސް މީހަކު ނެތޭ. ވޭތުވެ ދިޔަ ހަތަރު ދުވަހު، އަޅުގަނޑުމެން ހަމަ ފާހަގަކޮށްލަން އައިސީޔޫގައި އިރާދަކުރެއްވިއްޔާ އެއްވެސް މީހަކަށް ފަރުވާދޭން ޖެހިފައެއް ނެތް. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް މިވަނީ ކޮންމެވެސް މިންވަރަކަށް ދަށް ވެފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮންމެ ދުވަހަކު ކޮވިޑަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް 100 އިން ދަށުގައި ހުންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އިއްޔެ ހަވީރު 6:00 އާ ހަމައަށް ހޭދަވީ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 37 އެވެ. އޭގެ ތެެރެއިން ދެމީހުން ފިޔަވައި އެންމެންނަކީ ވެސް މާލެ ސަރަހައްދުގައި ތިބި މީހުންނެވެ.

ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1099 އެވެ. އެހެންވެ، ހޮސްޕިޓަލްތަކުގައި ތިބި 65 މީހުންނަކީ މީގެ ގާތްގަނޑަކަށް ހަ ޕަސެންޓެވެ.

ކޮވިޑްގެ އަދަދުތައް މިހެން ހުއްޓަސް ހެލްތު މިނިސްޓްރީން ލަފާކުރާ ގޮތުގައި ރާއްޖޭގައި އެ ބަލި ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތައް މިދިޔަ ޖުލައި މަހު ދޫކޮށްލުމުގެ ކުރިން ޖޫން މަހު އޮތް ހާލަތަށް އަނބުރާ ދާން އަދި ދޮޅުމަސް ދުވަސް ވަރު ހޭދަވާނެ އެވެ.

ހެލްތު މިނިސްޓްރީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވިދާޅުވީ، ރާއްޖޭގައި ފިޔަވަޅުތައް ލުއިކުރީ ޖޫން މަހުގެ ކޮވިޑްގެ ކޭސްތަކުގެ އަދަދު ކޮންމެ ސަތޭކަ ހާހަކުން 40 އަށް ވުރެ ދަށުގައި ހިފެހެއްޓުމުން ކަމަށެވެ. އެކަމަކު މިހާރުގެ ހާލަތަކީ ކޮންމެ ސަތޭކަ ހާހަކަށް 140 މީހުން ތިބުން ކަމަށާއި އެ ހާލަތު ބަދަލުވާން ދޮޅުމަސް ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.