Roadha Mihaaru
ޓޫރިޒަމް ޕްރޮމޯޝަނަށް އެއާލައިނެއް ޕޯކެމަން ތީމަށް

ޓޫރިޒަމް ޕްރޮމޯޓްކުރަން ޖަޕާން އެއާލައިނެއް ޕޯކެމަން ތީމަށް

29 ޑިސެމްބަރ 2020

ޖަޕާންގެ ޓޫރިޒަމް އިޝްތިހާރުކުރަން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން އެ ގައުމުގެ ސޮލަސީޑް އެއާލައިންސްގެ ދަތުރުތައް، މަޝްހޫރު ކާޓޫނު ކެރެކްޓާ "ޕޯކެމަން" ތީމަށް ތައްޔާރުކޮށް މި މަހުގެ 19 ގައި އުދުހެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަޕާންގެ ޓޫރިޒަމް އިޝްތިހާރުކުރަން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން އެ ގައުމުގެ ސޮލަސީޑް އެއާލައިންސްގެ ދަތުރުތައް، މަޝްހޫރު ކާޓޫނު ކެރެކްޓާ "ޕޯކެމަން" ތީމަށް ތައްޔާރުކޮށް މި މަހުގެ 19 ގައި އުދުހެން ފަށައިފި އެވެ.

މި ދަތުރުތަކުގައި ބޭނުންކުރާ ބޯޓުތަކުގެ ބޭރާއި އެތެރެ ވެސް ހުންނަނީ ޕޯކެމަންގެ ކެރެކްޓާތަކާއި އޭގެ ކުލަތަކުން "ފަންކީ" ގޮތަކަށް ޒީނަތްތެރިކޮށްފަ އެވެ. "ޕޯކެމަން" ތީމަށް ކުރި ފުރަތަމަ ދަތުރަކީ މިޔަޒާކީ ސިޓީން ޓޯކިއޯގެ ހަނޭޑާ އެއާޕޯޓަށް ބޭއްވި ދަތުރެވެ.

"ޕޯކެމަން" ތީމަށް ސޮލަސީޑް އުދުހެން ފެށީ އެ ގައުމުގެ އެކި ހިސާބުތަކުގެ ޓޫރިޒަމް އިޝްތިހާރުކުރަން އެކި ސިޓީތަކާއި ޕޯކެން ކޮމްޕެނީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. ޕޯކެމަން އަކީ ވީޑިއޯ ގޭމް ސީރީޒެއްގެ ގޮތުގައި ޖަޕާނުން 1996 ގައި ތައާރަފުކުރި ކެރެކްޓާއެކެވެ.

މިޔަޒާކީ ސިޓީން ބުނީ "ޕޯކެމަން" ތީމަށް ބާއްވާ ވައިގެ ދަތުރުތަކުގެ އިތުރަށް އަންނަ އަހަރުހެ ނިޔަލަށް އެ ތީމަށް ބަސް ދަތުރު ވެސް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ޕޯކެމަން ތީމުގެ ވައިގެ ދަތުރުގެ ތެރެއިން.

ޕޯކެމަން ތީމުގެ ވައިގެ ދަތުރުގެ ތެރެއިން.

އެތެރޭގެ އުދުމުގެ ހިދުމަތްދޭ ޖަޕާނުގެ ސޮލަސީޑް އެއާ އަކީ މީގެ 23 އަހަރު ކުރިން ޖުލައި 3، 1997 ގައި އެންމެ ފުރަތަމަ ޕޭން އޭޝިއާ އެއާލައިންސްގެ ނަމުގައި ވުޖޫދަށް އައި އެއާލައިނެކެވެ. އަދި ޖުލައި 2002 ގައި ނަން ސްކައިނެޓް އޭޝިއާ އެއާވޭޒް އަށް ބަދަލުވުމަށް ފަހު މިހާރު ކިޔާ ގޮތަށް ސޮލަސީޑް އެއާ އަށް ބަދަލުވީ 2011 ގަ އެވެ.

އެތެރޭގެ 11 މަންޒިލަކަށް އެ އެއާލައިން ދަތުރުކުރާ އިރު ފްލީޓްގެ އަދަދަކީ 14 އެވެ.