Roadha Mihaaru
ރައްކާތެރި ފިޔަވަޅާއެކު އާއަހަރު ފާހަގަކުރަން އެދިއްޖެ

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އާ އަހަރު ފާހަގަކުރަން އެދިއްޖެ

31 ޑިސެމްބަރ 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއެކު އާ އަހަރު ފާހަގަކުރުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއެކު އާ އަހަރު ފާހަގަކުރުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ އެދިއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި ޓެގްގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ގޭގައި ތިބުމަށް ފަހު އާ އަހަރު ފާހަގަކުރަން ބޭނުންވާނެ ކަމަށެވެ. އެކަމަކު އެ މީހެއްގެ "ބަބްލް" ހިފަހައްޓައި، ގިނަ މީހުން އެއްވާ ކަމުގައިވާ ނަމަ ވައި ދައުރުވާ ތަނެއްގައި އާ އަހަރު ފާހަގަކުރުމަށް އޭނާ އެދިވަޑައިގަތެވެ.

އޭސީ ކޮށްފައި އަދި ބަންދުކޮށްފައި ހުންނަ ތަންތަނުގައި ކޮވިޑް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާތަކުން ވެސް ދައްކަ އެވެ. ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ކްލަސްޓާއަކީ ވެސް، ބަންދުކޮށްފައި ހުރި ތަނެއްގައި ބޭއްވި ޕާޓީއަކުން ޕޮޒިޓިވްވި މީހުންނެވެ.

ޝީ ބިލްޑިންގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ބޭއްވި ކައިވެނި ޕާޓީއަކުން 68 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ކޮންޓެކްޓުންގެ އަދަދު 229 އަށް އަރާފައި ވެ އެވެ. އޭގެ ތެރޭގައި ހައި ރިސްކް މީހުން ވެސް ހިމެނެ އެވެ.

ޑރ. ނަޒްލާ ވިދާޅުވިގޮތުގައި، ހަރަކާތްތައް އިތުރުވިއަސް އަދި ކޮވިޑް ފިލައިގެން ދިޔައިކީ ނޫނެވެ. އޭގެ ރިސްކް ދަނީ ބޮޑުވަމުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިހާރަތަކުން ވެސް މިހާރު ހޭންޑް ސެނެޓައިޒާ ނުދޭކަން ފާހަގަކުރެވޭ ކަމަށެވެ. ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ ސިޓީއަކީ މާލެއަށް ވާއިރު ވަރަށް ވިސްނަންޖެހޭނެ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަށްކޮށްފިކަމަށްވާނަމަ އެ ކަހަލަ އާ ވޭރިއެންޓްތަކާއެކު ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.