Roadha Mihaaru
"މުމްބާއީ ސާގާ" އެމެޒޯނަށް ވިއްކާލައިފި؟

ޖޯން އާއި އިމްރާންގެ "މުމްބާއީ ސާގާ" އެމެޒޯނަށް ވިއްކާލައިފި؟

03 ޖެނުއަރީ 2021

ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ ގޭންސްޓާ ކްރައިމް އެކްޝަން ފިލްމު "މުމްބާއީ ސާގާ" އެމެޒޯން ޕްރައިމް ވީޑިއޯ އަށް ވިއްކާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ ގޭންސްޓާ ކްރައިމް އެކްޝަން ފިލްމު "މުމްބާއީ ސާގާ" އެމެޒޯން ޕްރައިމް ވީޑިއޯ އަށް ވިއްކާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް ފިލްމު ވިއްކާލި އަގަކާއި އޭގެ ސަބަބެއް މީޑިއާތަކުން ހާމައެއްނުކުރެ އެވެ. އަދި މިކަމާ ބެހޭ ގޮތުން ސަންޖޭ އާއި ފިލްމުގެ ޕްރޮޑިއުސްކުރުމުގައި ހިއްސާވި ބުޝަން ކުމާރުގެ ޓީ ސީރީޒުން ވެސް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު "މުމްބާއީ ސާގާ" އެމެޒޯން އަށް ވިއްކާލި ވާހަކަ އަކީ ތެދަކަށްވެއްޖެ ނަމަ މި ފިލްމު ސިނަމާތަކުގައި ރިލީޒްކުރުމުގެ ބަދަލުގައި ބެލުންތެރިންނަށް ބަލަން ލިބޭނީ ސީދާ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ. އެ ޕްލެޓްފޯމަކީ މިދިޔަ އަހަރު ކޮވިޑް-19އާ ހެދި އިންޑިއާގެ ސިނަމާތައް ބަންދުކުރަން ޖެހުމުން ބައެއް ފިލްމުތައް ޕްރިމިއާކުރި ޕްލެޓްފޯމެވެ. އެގޮތުން އެމެޒޯމުން އެންމެ ފަހުން ޕްރިމިއާކުރި ބޮޑު ފިލްމަކީ މިދިޔަ މަހުގެ 25 ގައި ސްޓްރީމްކުރި ވަރުން ދަވަނާއި ސާރާ އަލީ ޚާންގެ "ކޫލީ ނަމްބަރު 1" އެވެ.

"މުމްބާއީ ސާގާ" އެމެޒޯނަށް ވިއްކާލި ކަމަށް މީޑިއާތަކުން ބުނާ އިރު ކޮވިޑްގެ ހާލަތު ދިމާނުވި ނަމަ މި ފިކްމަކީ މިދިޔަ އަހަރުގެ ޖޫން 19 ގައި ރިލީޒްކުރާނެ ފިލްމެކެވެ.

"ކާންޓޭ" އާއި "ޖަޒްބާ" އަދި "ގާބިލް" ފަދަ ފިލްމުތައް ގެނެސްދިން ސަންޖޭގެ "މުމްބާއީ ސާގާ" ގެ ލީޑް ތަރިންނަކީ ޖޯން އަބްރަހަމާއި އިމްރާން ޚާޝިމީ އެވެ. އެ ދެ ތަރިންނާ އެކު ފިލްމުން ބޮޑު ކާސްޓެއް ފެންނާނެ އެވެ.

އޭގެ ތެރޭގައި ކާޖަލް އަގަރްވާލް، ސުނިލް ޝެޓީ، ޝަރުމަން ޖޯޝީ، ރޯނިތު ރޯއި، ޕްރަތީކް ބައްބަރް، ގުލްޝަން ގްރޯވާ، ސަމީރު ސޯނީ، ވިވެކް އޮބެރޯއީ، މަހޭޝް މަންޖްރޭކަރް، ޕޫޖާ ހެގްޅޭ، އަމޯލް ގުޕްތޭ، އަންޖާނާ ސުޚާނީ، ޝްރިޔާ ޕިލްގާއޯންކަރް އަދި ސޯނޫ ސޫދް ހިމެނެ އެވެ.