Roadha Mihaaru
"މުމްބާއީ ސާގާ" އެމެޒޯން ޕްރައިމް ވީޑިއޯ އަށް

"މުމްބާއީ ސާގާ" އެމެޒޯން ޕްރައިމް ވީޑިއޯ އަށް

28 އެޕްރީލް 2021

މިދިޔަ މަހު ސިނަމާތަކުގައި ދެއްކި ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ ފިލްމު "މުމްބާއީ ސާގާ" އަންގާރަ ދުވަހުން ފެށިގެން އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު ސިނަމާތަކުގައި ދެއްކި ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ ފިލްމު "މުމްބާއީ ސާގާ" އަންގާރަ ދުވަހުން ފެށިގެން އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށައިފި އެވެ.

މިއީ އަދި ދުވަސްތަކެއް ފަހުން ކޭބަލް ޓީވީ އަށް އައުމުގެ ކުރިން އެ ފިލްމު ބަލާލަން ބޭނުންވާ މީހުންނަށް ލިބޭނެ ރަނގަޅު ފުރުސަތަކަށްވާނެ އެވެ. "މުމްބާއީ ސާގާ" ޓީވީން ޕްރިމިއާކުރާ ނަމަ ގެނެސްދޭނީ ޒީނެޓްވޯކްގެ ޗެނަލުންނެވެ.

މި ފިލްމަކީ 90 ގެ އަހަރުތަކުގައި މުމްބާއީގައި އުޅުނު ގޭންގްސްޓާރަކު ހަމަބިމަށް ތިރިކުރަން ފުލުހަކު ކުރާ މަސައްކަތްތައް ދައްކުވައިދޭ އެކްޝަން ޑްރާމާއެކެވެ. "މުމްބާއީ ސާގާ" ގައި ގޭންގްސްޓާރުގެ ރޯލު ޖޯން އަބްހަރަމް ކުޅެފައިވާ އިރު، ފުލުސް ކެރެކްޓާ ކުޅެފައި ވަނީ އިމްރާން ހާޝްމީ އެވެ.

ބޮޑު ކާސްޓެއް ހިމެނޭ ފިލްމުގައި ސުނިލް ޝެޓީ، ޕްރަތީކް ބައްބަރް، ގުލްޝަން ގްރޯވާ، ރޯހިތު ރޯއި، ކާޖަލް އަގަރްވާލް، މަހޭޝް މަންޖްރޭކަރް، އަންޖަނާ ސުޚާނީ، ސަމީރު ސޯނީ، އަމޯލް ގުޕްތޭ އަދި ޝާދު ރާންދްވާ ހިމެނެ އެވެ.

"މުމްބާއީ ސާގާ" އަކީ ކްރިޓިކުންގެ މެދުގައި ވެސް ވަރަށް މަގުބޫލުވި ފިލްމެކެވެ. މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނެފައިވާ ގޮތުގައި އެ ފިލްމަކީ ފެށިގެން ގޮސް ނިމެންދެން ވެސް ވަރަށް ޝައުގުވެރި އަދި ގިނަ ޓްވިސްޓަކެއް ހިމެނޭ ފިލްމެކެވެ. އެހެންވެ ވަކިން ހާއްސަކޮށް އެކްޝަން ފިލްމުތަކަށް ލޯބިކުރާ މީހުންނަށް މިއީ ބަލާލަން ރަނގަޅު ފިލްމެއް ކަމަށް ބުނެފައިވެ އެވެ.

މާޗް މަހުގެ 19 ގައި ސިނަމާތަކަށް ގެނައި "މުމްބާއީ ސާގާ" ޕަވަ-ޕެކްޑް ފިލްމެއްގެ ގޮތުގައި ސިފަކޮށް ތަރަންގެ ރިވިއުގައި ފަހެކުން ތިނެއް ބައި ތަރީގެ ރޭޓިންއެއް ދީފައިވެ އެވެ.