Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

25 ފެބުރުއަރީ 2021

ސައިފް އަލީ ޚާނާއި އަރުޖުން ކަޕޫރްގެ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" މި އަހަރުގެ ސެޕްޓެމްބަރު 10 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސައިފް އަލީ ޚާނާއި އަރުޖުން ކަޕޫރްގެ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" މި އަހަރުގެ ސެޕްޓެމްބަރު 10 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމުގެ ބަތަލާއިންނަކީ ޖެކްލިން ފެނަންޑޭޒާއި ޔާމީ ގޯތަމެވެ.

"ރޭސް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށްފައިވާ "ބޫތު ޕޮލިސް" އަކީ ޕަވަން ކިރްޕަލާނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓްގައި މުޅިން ހިމެނެނީ ހޮރޯ-ކޮމެޑީއެއްގައި އަލަށް މަސައްކަތްކުރި ތަރިންނެވެ.

ބޮލީވުޑްގައި މިހާރު އެއީ ވަރަށް މަގުބޫލު ޖޯންރާއެކެވެ. އަންނަ މަހުގެ 11 ގައި ރިލީޒްކުރާ "ރޫހީ" އަކީ ވެސް ހޮރޯ-ކޮމެޑީއެކެވެ.

"ޗެހެރޭ" އެޕްރީލް 30 ގައި

ރިލީޒްނުކުރެވި ދިގުލައިގެން ގޮސްފައިވާ ފިލްމު "ޗެހެރޭ" އަންނަ އެޕްރީލް މަހުގެ 30 ގައި ސިނަމާތަކަށް ގެންނަން ނިންމައި ފިލްމުގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

މި ފިލްމަކީ ކާމިޔާބު ފިލްމުތަކެއް ލިޔުނު ރޫމީ ޖެފްރީ ލިޔެ، ޑައިރެކްޓްކޮށްފައިވާ މިސްޓްރީ ތުރިލާއެކެވެ. "ޗެހެރޭ" ގެ މައިގަނޑު ކާސްޓުންނަކީ އަމީތާބް ބައްޗަނާއި އިމްރާން ހާޝިމީ އާއި މިދިޔަ އަހަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލާގައި ތުހުމަތުތަކެއް ކުރެވުނު ރިއާ ޗަކްރަބަތީގެ އިތުރުން ޓީވީ ބަތަލާ ކްރިސްޓަލް ޑި ސޫޒާ އެވެ.

ފިލްމުގެ ޕޯސްޓަރު ގެނެސްދީފައި ވަނީ ރިއާ ނުހިމަ އެވެ. "ޗެހެރޭ" ގެ އިތުރު ކާސްޓުންގެ ތެރޭގައި އައްނޫ ކަޕޫރާއި ސިދާންތު ކަޕޫރް އަދި ރަގްބީރް ޔާދަވް ހިމެނެ އެވެ.

"ޕޫޖާ" އެންޓަޓައިންމަންޓިން ބިޔަ ފިލްމެއް

މި އަހަރު އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" ގެނެސްދޭ ވާޝޫ ބަގްނާނީ ޕޫޖާ އެންޓަޓައިންމަންޓުން ހަނގުރާމައިގެ ބޮޑު ފިލްމެއް އިއުލާންކޮށް، އޭގެ މޯޝަން ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

ވާޝޫ އާއި ދަރިފުޅު ޖެކީ ބަގްނާނީ ޕްރޮޑިއުސްކުރާ ފިލްމުގެ ނަމަކީ "ސޫރިޔަޕުތުރާ މަހާވީރު ކަރްނާ" އެވެ. މީގެ ޑައިރެކްޓަރަކީ އާރްއެސް ވިމާލް އެވެ. ޖެކީ ބުނެފައިވާ ގޮތުގައި މިއީ އޭނާގެ ޑްރީމް ޕްރޮޖެކްޓެކެވެ.

ފިލްމު އިއުލާންކުރި ނަމަވެސް މީގެ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. "ސޫރިޔަޕުތުރާ މަހާވީރު ކަރްނާ" އަކީ އިންޑިއާގައި ވާހަކަ ދައްކާ މައިގަނޑު ހުރިހާ ބަހަކުން ގެނެސްދޭނެ ފިލްމެކެވެ.

"މުމްބާއީ ސާގާ" މާޗް 19 ގައި

ގޭންގްސްޓާ ފިލްމުތައް ގެނެސްދޭން ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ "މުމްބާއީ ސާގާ" އަންނަ މަހުގެ 19 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މި ފިލްމަކީ ކުރިން މިދިޔަ އަހަރު ގެނެސްދޭން އުޅުނު ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ނުގެނެސްދެވުނު ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ.

"މުމްބާއީ ސާގާ" އަކީ ބޮޑު ކާސްޓެއް ފެންނާނެ ފިލްމެކެވެ. އެގޮތުން ޖޯން، އިމްރާން، ސުނިލް ޝެޓީ، ޕްރަތީކް ބައްބަރް، ކާޖަލް އަގަރްވާލް، ރޯހިތު ރޯއި، ގުލްޝަން ގްރޯވާ، އަންޖަނާ ސުޚާނީ، ސަމީރު ސޯނީ، އަމޯލް ގުޕްތޭ، މަހޭޝް މަންޖްރޭކަރް އަދި ޝާދު ރާންދްވާ ފަދަ ތަރިން ހިމެނެ އެވެ.

"ކާންޓޭ" އާއި "ޝޫޓްއައުޓް އެޓް ވަޑާލާ" އަދި "ޖަޒުބާ" ފަދަ ފިލްމުތައް ގެނެސްދިން ސަންޖޭ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ރިތިކް ރޯޝަނާއި ޔާމީ ކުޅުނު 2017 ގެ "ގާބިލް" އެވެ.