Roadha Mihaaru
ފަހު ވަގުތުގެ ގޯލުން އެތުލެޓިކޯ އަލުން އެއް ވަނަ އަށް

ފަހު ވަގުތުގެ ގޯލުން އެތުލެޓިކޯ އަލުން އެއް ވަނަ އަށް

04 ޖެނުއަރީ 2021

މެޑްރިޑް (ޖެނުއަރީ 4) – ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ޑިޕޯޓިވޯ އަލަވެސް 2-1 އިން ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން އަލުން އެއް ވަނަ އަށް އެރިއިރު، ހުއެސްކާ އަތުން ބާސެލޯނާ 1-0 އިން ހަނި މޮޅެއް ހޯދައިފި އެވެ.

މެޑްރިޑް (ޖެނުއަރީ 4) – ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ޑިޕޯޓިވޯ އަލަވެސް 2-1 އިން ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން އަލުން އެއް ވަނަ އަށް އެރިއިރު، ހުއެސްކާ އަތުން ބާސެލޯނާ 1-0 އިން ހަނި މޮޅެއް ހޯދައިފި އެވެ.

އެތުލެޓިކޯ އަށް އެއް ވަނަ ގެއްލުނީ ހޮނިހިރު ދުވަހުގެރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުން ސެލްޓާ ވީގޯ އަތުން 2-0 އިން މޮޅުވުމުންނެވެ. އެތުލެޓިކޯ މިހާރު އެއް ވަނައިގައި އޮތީ 15 މެޗުން 38 ޕޮއިންޓާ އެކު އެވެ. ރެއާލް ދެ ވަނައިގައި އޮތީ 17 މެޗުން 36 ޕޮއިންޓާ އެކު އެވެ. އެހެންވެ އެތުލެޓިކޯ އިން އިތުރު ދެ މެޗު ކުޅެ މެޗުގެ އަދަދު ހަމަކުރާއިރު ބޮޑު ލީޑެއް ނެގުމުގެ ފުރުސަތު އޮންނާނެ އެވެ. އެ ދެ ޓީމާ އެންމެ ގާތުގައި އޮތީ 18 މެޗުން 30 ޕޮއިންޓާ އެކު ރެއާލް ސޮސިއެޑާޑެވެ. ރަށުން ބޭރުގައި އަލަވެސްއާ ދެކޮޅަށް އެތުލެޓިކޯ ކުޅުނު މެޗުގެ 41 ވަނަ މިނެޓުގައި އެ ޓީމުން މާކޯސް ލޮރެންޓޭގެ ގޯލުން ލީޑު ނެގި އެވެ. އަލަވެސް އަށް މައްސަލަތަކެއް ދިމާވީ 63 ވަނަ މިނެޓުގައި އެ ޓީމުގެ ލަގުއާޑިއާ އަށް ރަތްކާޑެއް ދެއްކުމުންނެވެ. އެކަމަކު 84 ވަނަ މިނެޓުގައި އެތުލެޓިކޯގެ ފެލިއްޕޭ އަތުން ބައިކޮޅަށް ވަން ލަނޑުން އަލަވެސް އަށް އެއްވަރުވި އެވެ. އެތުލެޓިކޯ މޮޅުކޮށްދިނީ ޔޮއާއޯ ފެލިކްސް ދިން ބޯޅައަކުން ލުއިސް ސުއަރޭޒް ޖެހި ގޯލުންނެވެ.

ރޭ މޮޅުވި ބާސެލޯނާ އޮތީ 16 މެޗުން 28 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އެ ޓީމުގެ ކުރީގައި ހަތަރު ވަނައިގައި އޮތީ 17 މެޗުން 29 ޕޮއިންޓް ހޯދައިގެން ވިޔަރެއާލެވެ.

ރަށުން ބޭރުގައި ރޭ ބާސެލޯނާ ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލް 27 ވަނަ ވަނަ މިނެޓުގައި ޖެހީ ނެދަލެންޑްސް މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގް އެވެ. މި ގޯލް ޖަހަން އެސިސްޓްކުރީ އަނިޔާގެ ސަބަބުން ކުރީ މެޗުގައި ނުކުޅޭ ކެޕްޓަން ލިއޮނަލް މެސީ އެވެ. މިއީ އޭނާ ސްޕެނިޝް ލީގުގައި ކުޅުނު 500 ވަނަ މެޗެވެ.