Roadha Mihaaru
އެތުލެޓިކޯ ލީޑުފުޅާކޮށްފި، ބާސެލޯނާ ތިން ވަނަ އަށް

އެތުލެޓިކޯ ލީޑުފުޅާކޮށްފި، ބާސެލޯނާ ތިން ވަނަ އަށް

25 ޖެނުއަރީ 2021

މެޑްރިޑް (ޖެނުއަރީ 25) - ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އަތުން 3-1 އިން މޮޅުވެ، އެތުލެޓިކޯ މެޑްރިޑް އެއް ވަަނައިގައި ލީޑުފުޅާކުރިއިރު، އެލްޗޭގެ މައްޗަށް 2-0 އިން ކުރިހޯދައި ބާސެލޯނާ ލީގުގެ ތިން ވަނަ އަށް އަލުން ޖެހިލައިފި އެވެ.

މެޑްރިޑް (ޖެނުއަރީ 25) - ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އަތުން 3-1 އިން މޮޅުވެ، އެތުލެޓިކޯ މެޑްރިޑް އެއް ވަަނައިގައި ލީޑުފުޅާކުރިއިރު، އެލްޗޭގެ މައްޗަށް 2-0 އިން ކުރިހޯދައި ބާސެލޯނާ ލީގުގެ ތިން ވަނަ އަށް އަލުން ޖެހިލައިފި އެވެ.

ރޭގެ ނަތީޖާއާ އެކު އެތުލެޓިކޯ އެއް ވަނައިގައި އޮތީ 18 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 19 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ލީގުގައި ޖެހިޖެހިގެން ހޯދި ފަސް ވަނަ މޮޅާ އެކު ބާސެލޯނާ ތިން ވަނައިގައި އޮތީ 19 މެޗުން 37 ޕޮއިންޓާ އެކު އެވެ.

އެތުލެޓިކޯ ދަނޑުގައި ރޭ ކުޅުނު މެޗުގެ 11 ވަނަ މިނިޓްގައި ވެލެންސިއާގެ އުރޯސް ރަޗިޗް އޭރިއާބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލާ އެކު އެ ޓީމުން ލީޑުނެގި އެވެ. އެތުލެޓިކޯ އަށް އެއްވަރުކޮށްދިނީ މެޗުގެ 23 ވަނަ މިނިޓްގައި ޔާއޯ ފެލިކްސް އެވެ. މިއީ ތޯމަސް ލެމާ ދިން ބޯޅައަކުން ފެލިކްސް ޖެހި ގޯލެކެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައި ނުވަ މިނިޓް ތެރޭ އެތުލެޓިކޯ އަށް ލީޑުނަގައިދިނީ ލުއިސް ސުއަރޭޒް އެވެ. ފެލިކްސް ދިން ބޯޅައަކުން ސުއަރޭޒް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި އެންހެލް ކޮރޭއާ އެތުލެޓިކޯގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 74 ވަނަ މިނިޓްގަ އެވެ. މިއީ ލީގުގައި އެތުލެޓިކޯ ޖެހިޖެހިގެން މޮޅުވި ހަތް ވަަނަ މެޗެވެ.

އެލްޗޭ ދަނޑުގައި ކުޅުނު މެޗުގެ 39 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން އެވެ. އެލްޗޭ އަށް އެއްވަރުކޮށްދޭން އެމިލިއާނޯ ރިގޯނީ އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ބާސެލޯނާގެ ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ. ބާސެލޯނާ އަށް ލީޑުފުޅާކޮށްދޭން އޮސްމާން ޑެމްބެލޭ ޖެހި ބޯޅަ އެލްޗޭގެ ކީޕަރު އެޑްގާ ބަޑިއާ ވަނީ ހުއްޓުވައިފަ އެވެ. ބާސެލޯނާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު މެޗުގެ 89 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޒުވާން މިޑްފީލްޑަރު ރުއީ ޕުއީގް އެވެ. މިއީ ޑި ޔޯން ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.