Roadha Mihaaru
އެތުލެޓިކޯ ލީޑު ދެމެހެއްޓިއިރު، ބާސެލޯނާ ދެ ވަނަ އަށް

އެތުލެޓިކޯ ލީޑު ދެމެހެއްޓިއިރު، ބާސެލޯނާ ދެ ވަނަ އަށް

22 މާޗް 2021

މެޑްރިޑް (މާޗް 22) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ރޭ ޑިޕޯޓިވޯ އަލަވޭސް 1-0 އިން ބަލިކޮށް ލީޑުދެމެހެއްޓިއިރު، ރަށުންބޭރުގައި ރެއާލް ސޮސިއެޑާޑްގެ މައްޗަށް 6-1 އިން ހޯދި ބޮޑު މޮޅާ އެކު ބާސެލޯނާ އަލުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

އެތުލެޓިކޯ އެއް ވަނައިގައި އޮތީ 28 މެޗުން 66 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އަލުން ދެ ވަނަ އަށް އެރީ 28 މެޗުން 62 ޕޮއިންޓް ހަަމަކޮށްގެންނެވެ. ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ 28 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ.

ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޑިޕޯޓިވޯ އަލަވޭސް ކޮޅަށް އެތުލެޓިކޯގެ ހަމައެކަނި ގޯލު ޖެހީ ލުއިސް ސުއަރޭޒް އެވެ. މިއީ މި ފަހަރު ލީގުގައި އޭނާ ޖެހި 19 ވަނަ ގޯލެވެ. ރޭގެ ގޯލާ އެކު އުމުރުން 34 އަހަރުގެ އުރުގުއޭ ފޯވާޑް ސުއަރޭޒް ވަނީ ކެރިއަރުގައި 500 ގޯލު ހަމަކޮށްފަ އެވެ. ރޭގެ މެޗުގައި ޑިޕޯޓިވޯ އަލަވޭސްގެ ހޮސޭލޫ ފޮނުވާލި ޕެނަލްޓީއެއް އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ.

އަލަވޭސްގެ ގޯލަށް އެތުލެޓިކޯގެ ސުއަރޭޒް (ވ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

އަލަވޭސްގެ ގޯލަށް އެތުލެޓިކޯގެ ސުއަރޭޒް (ވ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ސޮސިއެޑާޑް ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ފުލްބެކް ސާޖީނޯ ޑެސްޓް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖަހައިފަ އެވެ. އަނެއް ދެ ގޯލު ޖެހީ ކުރިން ސޮސިއެޑާޑަށް ކުޅުނު އެންޓޮއިން ގްރީޒްމަން އާއި ދާދި ފަހުން ފްރާންސް ގައުމީ ޓީމުން އަލުން ފުރުސަތު ހޯދި އޮސްމާން ޑެމްބެލޭ އެވެ.

ރޭގެ މެޗު ހާއްސަވާނެ ކުޅުންތެރިއަކީ މެސީ އެވެ. މި މެޗަކީ ބާސެލޯނާ އަށް އެންމެ ގިނަ މެޗު ކުޅެދީގެން ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ހަދާފައިވާ ރެކޯޑް މެސީ މުގުރާލި މެޗެވެ. އުމުރުން 33 އަހަރުގެ މެސީ އާ ރެކޯޑެއް ގާއިމްކުރީ 768 މެޗު ކުޅެގެންނެވެ. މި ފަހަރު ލީގުގައި އެންމެ ގިނަ ގޯލު ޖެހީ މެސީ އެވެ. އޭނާ ވަނީ މިހާތަނަށް 23 ގޯލު ޖަހައިފަ އެވެ.