Roadha Mihaaru
ޓްރަމްޕް ހައްޔަރު ކުރަން އީރާނުން ރެޑް ނޯޓިސް ނެރެފި

ޓްރަމްޕް ހައްޔަރު ކުރަން އީރާނުން ރެޑް ނޯޓިސް ނެރެފި

06 ޖެނުއަރީ 2021

ތެހެރާން (ޖެނުއަރީ 6) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރު ކުރުމަށް އިންޓަޕޯލުގެ ރެޑް ނޯޓިސް ނެރުމަށް އީރާނުން އެދިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ޖެނުއަރީ 6) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރު ކުރުމަށް އިންޓަޕޯލުގެ ރެޑް ނޯޓިސް ނެރުމަށް އީރާނުން އެދިއްޖެ އެވެ.

އީރާނުގެ ޖުޑީޝަރީގެ ތަރުޖަމާން ޣުލާމް ހުސައިން އިސްމާއީލީ ވިދާޅުވީ ޓްރަމްޕާއި އެމެރިކާގެ އިތުރު 47 މީހަކު ހައްޔަރު ކުރުމަށް އިންޓަނޭޝަނަލް ޕޮލިސް އޮގަނައިޒޭޝަނުގެ އަމުރަކަށް އެދުނީ އީރާނުގެ އިސް ޖެނެރަލް ގާސިމް ސުލައިމާނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަވަހާރަކޮށްލުމުގައި އެ މީހުންގެ ދައުރެއްވާތީ ކަމަށެވެ.

"އީރާނުން މަސައްކަތް ކުރަމުން ދަނީ ސުލައިމާނީ އަވަހާރަކޮށްލި މީހުން ހޯދައި އެ މީހުންނަށް ހައްގު އަަދަބު ދިނުމަށް،" ތެހެރާނުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިސްމާއީލީ ވިދާޅުވި އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އިސް ޖެނެރަލް ސުލައިމާނީ، އެމެރިކާގެ ޑްރޯން ހަމަލާއެއްގައި ބަޣުދާދުގައި އަވަހާރަކޮށްލާފައި ވަނީ ޖެނުއަރީ 3، 2020 ގަ އެވެ. އީރާނުން ތުހުމަތުކޮށްފައި ވަނީ ސުލައިމާނީ އަވަހާރަކޮށްލީ ޓްރަމްޕުގެ އަމުރަށް ކަމަށެވެ.

މިއީ ޓްރަމްޕް ހައްޔަރު ކުރުމަށް އިންޓަޕޯލުގައި އީރާނުން އެދުނު ދެ ވަނަ ފަހަރެވެ. މިދިޔަ ޖޫން މަހު ވެސް އީރާނުގެ ޕްރޮސެކިއުޓަރު އަލީ އަލްގާސިމް ވަނީ ޓްރަމްޕް ހައްޔަރު ކުރުމުގެ އަމުރަކަށް އެދިފަ އެވެ. އީރާނުން އެދުނު ގޮތަށް އަމުރު ނެރުމަށް އިންޓަޕޯލުން އެ ފަހަރު ވަނީ ދެކޮޅު ހަދައިފަ އެވެ.

ޓްރަމްޕުގެ ރިޔާސީ ދައުރު ހަމަކޮށް ޖެނުއަރީ 20 ގައި ވެރިކަމުން ފައިބައިވަޑައިގަންނަވާނެ އެވެ.