Roadha Mihaaru
ބަޖެޓަށް ބަހުސް ކުރަން ކޮންމެ މެމްބަރަކަށް 22 މިނެޓު

ބަޖެޓަށް ބަހުސް ކުރަން ކޮންމެ މެމްބަރަކަށް 22 މިނެޓު ދޭން ނިންމައިފި

06 ނޮވެމްބަރ 2016

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް 22 މިނެޓް ދިނުމަށް އާންމު ކޮމެޓީން މިއަދު ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް 22 މިނެޓް ދިނުމަށް އާންމު ކޮމެޓީން މިއަދު ނިންމައިފި އެވެ.

އާންމު ކޮމެޓީގެ ނައިބު މުގައްރިރު އަހުމަދު އާމިރު ވިދާޅުވި ގޮތުގައި ކުރީ އަހަރުތަކެކޭ އެއްގޮތަށް ފުރަތަމަ މަރުހަލާގައި ކޮންމެ މެމްބަރަކަށް 15 މިނެޓުގެ ފުރުސަތެއް ދިނުމަށް ވަނީ ކޮމެޓީން ފާސްކޮށްފަ އެވެ.

އޭގެ އިތުރުން ކޮމެޓީ ރިޕޯޓު ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެއަށް ބަހުސް ކުރަން ކޮންމެ މެމްބަރަކަށް ހަތް މިނެޓުގެ ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށް އާމިރު ވިދާޅުވި އެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ އާމިރު ވިދާޅުވި ގޮތުގައި އެގޮތަށް ފާސްވީ ކޮމެޓީގައި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުންގެ ތެރެއިން ހަ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ބަޖެޓަށް ބަހުސް ކުރުމަށް މެމްބަރުންނަށް ވަގުތު ކަނޑައެޅިއިރު، މިދިޔަ ހުކުރު ދުވަހު ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ކުރީ އަހަރެކޭ އެއްގޮތަށް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ 27 ބިލިއަން ރުފިޔާ ކަމަށެވެ.

ދައުލަތުގެ ބަޖެޓު މަޖިލީހަށް ފޮނުވިއިރު، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ޖަލްސާތަކުގެ އެޖެންޑާ ބަލަހައްޓާ ސެކްޝަނަށް އަދި ބަޖެޓެއް ނުފޮނުވަ އެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެ އެވެ. މި ފަހަރު ބަޖެޓު ހުށަހަޅާފައި މި ވަނީ އޮކްޓޯބަރު މަހުގެ އެންމެ ފަހު ދުވަހު އެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓަށް މަޖިލީހުން ފާސްކޮށް ދިނީ 27.5 ބިލިއަން ރުފިޔާ އެވެ. އެ ބަޖެޓުގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 22.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 16.8 ބިލިއަން ރުފިޔާއި އެ ނޫން ގޮތް ގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 3.7 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ޖަހާފައިވާ 1.5 ބިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ހަތަރު ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބަޖެޓު ޑެފިސީޓަކީ 3.4 ބިލިއަން ރުފިޔާ (ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ހަ ޕަސެންޓް) ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. އެކަމަކު، މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ، ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖުމްލަ 11.39 ބިލިއަން ރުފިޔާ އެވެ. އެހެންވެ، ބަޖެޓު ޑެފިސިޓް އަންދާޒާ ކުރި ވަރަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ. އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅިއިރު، މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ މިހާރު ގާތްގަނޑަކަށް ދެ ހަފުތާ ވަނީ ވެފަ އެވެ. ޖަލްސާތައް މެދުކަނޑާލާފައި ވަނީ އެޖެންޑާ ކުރާނެ ކަމެއް ނެތިގެން ކަމަށް މަޖިލީހުގެ އިދާރާ އާއި މަޖިލިސް ކޮންޓްރޯލް ކުރާ ސަރުކާރުގެ މެމްބަރުން ވިދާޅުވިޔަސް، އިދިކޮޅު ފަރާތްތަކުން ބުނަނީ ޖަލްސާތައް ނުބާއްވަނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.