Roadha Mihaaru
ޕްރިޔަންކާ "ޓެކްސްޓް ފޯ ޔޫ" ނިންމާލައިފި

ޕްރިޔަންކާ "ޓެކްސްޓް ފޯ ޔޫ" ގެ ޝޫޓިން ނިންމާލައިފި

11 ޖެނުއަރީ 2021

މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި ޕްރިޔަންކާ ޗޯޕްރާގެ ފިލްމު "ޓެކްސްޓް ފޯ ޔޫ" ގެ ޝޫޓިން ނިންމާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި ޕްރިޔަންކާ ޗޯޕްރާގެ ފިލްމު "ޓެކްސްޓް ފޯ ޔޫ" ގެ ޝޫޓިން ނިންމާލައިފި އެވެ.

މިވަގުތު އިނގިރޭސިވިލާތުގައި ހުރި ބަތަލާ ފިލްމުގެ ޝޫޓިން އެ ގައުމުގައި ނިންމައިލިކަން ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށް ފިލްމުގެ ޓީމަށް ޝުކުރު އަދާކޮށްފަ އެވެ.

"ޓެކްސްޓް ފޯ ޔޫ" އަކީ 2016 ގައި ރިލީޒްކުރި ޖަރުމަންގެ ރޮމޭންޓިކް ޑްރާމާ "އެސްއެމްއެސް ފޫރް ޑީޝް" ގެ ރިމޭކެކެވެ. މީގެ ހޮލީވުޑްގެ ރިމެކްގައި ޕްރިޔަންކާއާ އެކީ ކާސްޓްގައި ސެމޭން ހިއުގަން އާއި ފިލްމު "ޓައިޓޭނިކް" ގެ ތީމް ލަވަ "މައި ހާޓް ވިލް ގޯ އޯން" ކިޔައިގެން މަޝްހޫރުވި ލަވަކިޔުންތެރިޔާ ސެލީން ޑިއޯން ވެސް ވެސް ހިމެނެ އެވެ.

"ޓެކްސްޓް ފޯ ޔޫ" ގެ ޑައިރެކްޓަރަކީ "ގްރޭސް އިޒް ގޯން" އާއި "ޕީޕަލް، ޕްލޭސެސް އެންޑް ތިންގްސް" ގެ އިތުރުން "ދި އިންކްރެޑިބަލް ޖެސިކާ ޖޭމްސް" ފަދަ ފިލްމުތަައް ގެނެސްދިން ޖިމް ސްޓްރައުޒެވެ.

އޭބީސީގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" އިން ހޮލީވުޑަށް ނުކުތް ބޮލީވުޑްގެ ބަތަލާގެ ފުރަތަމަ ހޮލީވުޑް ފީޗާ ފިލްމަކީ 2017 ގެ "ބޭވޮޗް" އެވެ. އޭގެ ފަހުން އޭނާ ވަނީ "އަ ކިޑް ލައިކް ޖޭކް" އާއި "އިޒިންޓް އިޓް ރޮމޭންޓިކް؟" ކުޅެފަ އެވެ. ޕްރިޔަންކާގެ އެންމެ ފަހުގެ ފިލްމުތަކަކީ "ވީ ކޭން ބީ ހީރޯސް" އާއި "ދަ ވައިޓް ޓައިގާ" އެވެ. މި ދެ ފިލްމަކީ ވެސް ނެޓްފްލިކްސްގެ ފިލްމުތަކެވެ.

ޕްރިޔަންކާ މިހާތަނަށް ކުޅުނު ހޮލީވުޑްގެ ފީޗާ ފިލްމުތަކަށް މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެ އެވެ. އޭނާގެ ކުރިއަށް ހުރި ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ ކިއާނޫ ރީވްސްގެ "މެޓްރިކްސް 4" އެވެ.

ހިންދީ ފިލްމުތައް ކުޅެގެން ނެޝަނަލް އެވޯޑް ވެސް ހޯދި ބަތަލާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ.