Roadha Mihaaru
ޕްރިޔަންކާގެ ބައޮގްރަފީ ލިޔެ ނިންމާލައިފި

ޕްރިޔަންކާގެ ބައޮގްރަފީ "އަންފިނިޝްޑް" ލިޔެ ނިންމާލައިފި

14 އޯގަސްޓް 2020

ބަތަލާ ޕްރިޔަންކާ ޗޯޕްޅާ މީގެ ދެ އަހަރު ކުރިން ލިޔަން ފެށި އޭނާގެ ބައޮގްރަފީ ލިޔެ ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ޕްރިޔަންކާ ޗޯޕްޅާ މީގެ ދެ އަހަރު ކުރިން ލިޔަން ފެށި އޭނާގެ ބައޮގްރަފީ ލިޔެ ނިންމައިފި އެވެ.

"އަންފިނިޝްޑް" ގެ ނަމުގައި ނެރެން ނިންމާފައިވާ ބައޮގްރަފީ ނިންމާފައިވާކަން ޕްރިޔަންކާ ވަނީ ކަށަވަރުކޮށް ދީފަ އެވެ. މިކަމާ ބެހޭ ގޮތުން އޭނާ ކުރި ޓްވީޓެއްގައި ބުނީ ބައޮގްރަފީ ވަރަށް އަވަހަށް ނެރޭނެ ކަމަށާއި އޭގައިވާ ކޮންމެ ލަފުޒަކީ، އިބާރާތަކީ އޭނާގެ ހަޔާތް ރަމްޒުކޮށްދޭނެ އެއްޗެއް ކަމަށެވެ.

މިހާރު ހޮލީވުޑްގައި ވެސް މަސައްކަތްކުރާ ޕްރިޔަންކާ، 38، އަކީ އޭނާގެ އަމިއްލަ ބުރަ މަސައްކަތުން ވަރަށް ބޮޑެތި ކާމިޔާބީތަކެއް މިހާތަނަށް ހޯދާފައިވާ ގިނަ ބަޔަކު އިންސްޕިރޭޝަނެއްގެ ގޮތުގައި ދެކޭ އަންހެނެކެވެ. އެގޮތުން 17 އަހަރުގައި މިސް ވޯލްޑްގެ ތާޖު ހާސިލުކުރުމަށް ފަހު، ބޮލީވުޑަށް ނުކުމެ އޭނާ ވަނީ އެކްޓިން ހުނަރު ވެސް ކިތަންމެ ރަނގަޅަކަށް ދައްކާލައިފަ އެވެ. އޭގެ އެއް ހެއްކަކީ 2008 ގެ ފިލްމު "ފެޝަން" އިން އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ހޯދުމެވެ.

ހޮލީވުޑަށް ނުކުތުމުގެ ކުރިން ޕްރިޔަންކާ ވަނީ ލަވަކިޔުމުގެ ހުނަރު ވެސް ދައްކާލައި، ޕިޓް ބުލް ފަދަ މަޝްހޫރު ފަންނާނުންނާ އެކު ލަވަތައް ވީޑިއޯތަކާ އެކު ވެސް ގެނެސްދީފަ އެވެ. ޕްރިޔަންކާ ހޮލީވުޑަށް ނުކުތީ އޭބީސީގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" އިން 2015 ގަ އެވެ. އޭގެ ފަހުން ހޮލީވުޑްގެ ފިލްމުތައް ވެސް އޭނާ އަންނަނީ ކުޅެމުންނެވެ.

އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސްއާ 2018 ގައި ކައިވެނިކުރި ޕްރިޔަންކާ އަކީ ވަރަށް ޕޮޝް ލައިފްސްޓައިލެއް ގެންގުޅޭ ތަރިއެކެވެ. އޭނާ އަކީ ހަމައެކަނި ބަތަލާއް ނޫނެވެ. ޕްރިޔަންކާ އަކީ ޕްރޮޑިއުސަރެއް ވެސް މެ އެވެ. އޭނާގެ އަމިއްލަ ފިލްމު ކުންފުންޏަކީ ޕާޕަޕް ޕެބްލް ޕިކްޗާޒް (ޕީޕީޕީ) އެވެ. މީގެ އިތުރުން ޕްރިޔަންކާ އަކީ އިންސާނީ ހައްގުތަކަށް ވެސް މަސައްކަތްކުރާ ތަރިއެކެވެ. އޭނާ އަކީ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެކެވެ.