Roadha Mihaaru
"އަންފިނިޝްޑް" ނެރެފި؛ ޕްރިޔަންކާގެ އެތައް ވާހަކައެއް

"އަންފިނިޝްޑް" ނެރެފި؛ ޕްރިޔަންކާގެ އެތައް ވާހަކައެއް

10 ފެބުރުއަރީ 2021

އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އޮޓޯބައޮގްރަފީ "އަންފިނިޝްޑް" އަންގާރަ ދުވަހު ނެރެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އޮޓޯބައޮގްރަފީ "އަންފިނިޝްޑް" އަންގާރަ ދުވަހު ނެރެފި އެވެ.

ނެރެން އުޅޭކަން އިއުންލާން ކުރިތާ ތިން އަހަރު ފަހުން މި އަހަރު ބައޮގްރަފީ ނެރެން ނިންމީ މިދިޔަ އަހަރު އެވެ. "އަންފިނިޝްޑް" ގައި ޕްރިޔަންކާގެ ފިލްމީ ކެރިއަރާއި އަމިއްލަ ދިރިއުޅުމުގެ ވަރަށް ގިނަ ވާހަކަތައް ކިޔައިދީފައިވެ އެވެ.

އޭނާ އަށް 2000 ވަނަ އަހަރުގެ މިސް ވޯލްޑް ތާޖު ލިބުމާއި އޭގެ ފަހުން ބޮލީވުޑަށް ނުކުމެ ކުރަން ޖެހުނު ތަޖުރިބާތަކާއި ކާމިޔާބު ތަރިއަކަށްވާން ކުރި މަސައްކަތާއި ފަހުން ހޮލީވުޑަށް ނުކުމެ ކުރަން ޖެހުނު އެތައް ތަޖުރިބާއެއްގެ ވާހަކަ ހިމެނެ އެވެ.

ޕްރިޔަންކާ އަމިއްލަ އަށް ލިޔުނު 256 ސޮފުހާގެ "އަންފިނިޝްޑް" ގައި ފިރިމީހާ ނިކް ޖޯނަސްއާ ގުޅޭ ގިނަ ވާހަތަކެއް ވެސް ކިޔައި ދީފައިވެ އެވެ. ޕްރިޔަންކާ އަށް ވުރެ 10 އަހަރު ހަގު އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކްއާ ކައިވެނިކުރީ 2018 ގަ އެވެ. އޭގެ ފަހުން އޭނާ ދިރިއުޅުން ބިނާވެފައި އޮތީ ހޮލީވުޑަށެވެ.

"އަންފިނިޝްޑް" ނެރުނު ޕްރިޔަންކާ އާއި ނިކް ވަގުތީ ގޮތުން ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގެ ލަންޑަންގަ އެވެ.

"އަންފިނިޝްޑް" އަންގާރަ ދުވަހު ނެރުމާ އެކު އޭގެ ޕްރޮމޯޝަނަަށް ކުރިއަށް އޮތް ތިން ދުވަހު ވާޗުއަލް ޓުއާއެއް ވެސް ވަނީ ފަށައިފަ އެވެ. އަދި ބައޮގްރަފީ ނެރުމުގެ ކުރިން ގިނަ އަދަދެއްގެ ކޮޕީތަކުގައި ޕްރިޔަންކާ ސޮއި ވެސް ކޮށްފައިވެ އެވެ.

"އަންފިނިޝްޑް" ނެރެފައި ވަނީ ޕެންގްއިން ރޭންޑަމް ހައުސްގެ ތައްގަނޑުގަ އެވެ. އޮންލައިންކޮށާއި ބައެއް ހިސާބުތަކުގެ ފިހާރަކުން ވެސް މިހާރު އަންނަނީ ބައޮގްރަފީ ވިއްކަމުންނެވެ.