Roadha Mihaaru
ހަނު ނުހުރެވޭނެ ހާލަތްތައް ބުނެދޭން ޕީޖީ އަންގަވައިފި

ހަނު ނުހުރެވޭނެ ހާލަތްތަކާއި އޭގެ ނަތީޖާ ބުނެދޭން ޕީޖީ އަންގަވައިފި

12 ޖެނުއަރީ 2021

ކުށުގެ ތުހުމަތުގައިވާ މީހުންނާއި ތަހުގީގުގައި ސުވާލު ކުރާއިރު، ހަނު ނުހުރެވޭނެ ހާލަތްތަކާއި އޭގެ ނަތީޖާ ބުނެދޭން ޕްރޮޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަންގަވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުށުގެ ތުހުމަތުގައިވާ މީހުންނާއި ތަހުގީގުގައި ސުވާލު ކުރާއިރު، ހަނު ނުހުރެވޭނެ ހާލަތްތަކާއި އޭގެ ނަތީޖާ ބުނެދޭން ޕްރޮޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަންގަވައިފި އެވެ.

ޕީޖީ ޝަމީމް މިދިޔަ ހަފުތާގައި ނެރުއްވި އިރުޝާދުގައި ވަނީ ކުށުގެ ތުހުމަތުގައިވާ މީހުންނަށް ހަނު ހުރުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައި ވިޔަސް، އެ މީހަކާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރެވޭ މައުލޫމާތުތައް ދިނުމުގައި ހަނު ނުހުރެވޭނެ ކަމަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އަދި ހަނު ހުރުމުގެ ހައްގު އޮތްކަން ތަހުގީގީ އިދާރާތަކުން އެންގިޔަސް، އޭގެ ނަތީޖާއަކީ ކޮބައިކަން ތަހުގީގީ އިދާރާތަކުން ބުނެ ނުދިނުމުން އެ މީހަކާ އެއްކޮޅަށް ހުުންނަ މައުލޫމާތު ހާމަ ނުވެ، އިންސާފު ގާއިމްކުރަން ދަތިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް އެ އިރުޝާދުގައިވެ އެވެ.

އެހެންވެ، މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޖިިނާއީ ކުށްތަކާ ގުޅިގެން ތަހުގީގުގައި ސުވާލު ކުރާއިރު، އެ މީހަކާ ދެކޮޅަށް ބޭނުން ނުކުރެވޭނެ ފަދަ މައުލޫމާތުތައް ދޭން ޖެހޭނެ ކަމަށާއި އެއީ ހަނު ހުރުމުގެ ހައްގުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ސާފުކޮށް ބުުނެދޭން އެ އިރުޝާދުގައި އަންގަވާފައިވެ އެވެ. އަދި އެ މީހަކާ އެއްކޮޅަށް ހުންނަ މައުލޫމާތު ތަހުގީގުގައި ހާމަ ނުކޮށް، މާ ފަހުން އެކަން ހާމަ ކުރުމުން އެ ހެކި ބަލައިނުގަތުން ނުވަތަ އޭގެ ބުރަދަނަށް އަސަރު ކޮށްފާނެ ކަން އެ މީހަކަށް ބުނެދޭން އަންގާފައިވެ އެވެ.

މީގެ އިތުރުން އެކަންކަން ބަޔާންކޮށްދޭ ކަން ތަހުގީގުގެ ވީޑިއޯ ނުވަތަ އޯޑިއޯ ރެކޯޑިންގައި އެނގެން އޮންނަން ވާނެ ކަމަށް ވެސް ޕީޖީގެ އިރުޝާދުގައިވެ އެވެ.

ޕީޖީ ޝަމީމްގެ ބްލޮގްގައި ލިޔުއްވާފައިވަނީ އެގޮތަށް އިރުޝާދު ނެރުއްވީ ޓީޗަރެއްގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުނު މައްސަލައެއްގައި ދައުވާކުރަން ފުލުހުން ފޮނުވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ ފޮޓޯއަކީ ފޯނަށް އައި ގޮތާއި އެ ފޮޓޯ ޑިލީޓް ކުރިކަމާއި ފޮޓޯ ފުލުހުން ހޯދީ ޑިލީޓް ކޮށްފައި ހުއްޓާ ކަން މިދިޔަ ހަފުތާގައި ޝަމީމާ ބައްދަލުކޮށް، އެ މީހާ ހިއްސާ ކުރި ކަމަށް ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

އެކަމަކު ތަހުގީގުގައި އެ މީހާ ހަނު ހުރެފައިވާތީ އެކަން ކުރިން ޕީޖީ އޮފީހަށް އެނގިފައިނުވާ ކަމަށާއި އަދި އެ މީހާ އެގޮތަށް އަމަލުކުރީ ފުލުހުންނާއި ދިފާއީ ވަކީލް ވެސް އެގޮތަށް ލަފާ ދިނުމުން ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.