Roadha Mihaaru
ނަފްސާނީ މައްސަލަ ހުންނަ ކުށްވެރިން: ދޫކޮށްލަންވީތަ؟

ނަފްސާނީ މައްސަލަ ހުންނަ ކުށްވެރިން: ހަމަ ދޫކޮށްލަންވީތަ؟

07 ފެބުރުއަރީ 2024

މިސްކިތަކަށް ވަދެ، ހަތިމަށް ކުޅު ޖަހައިފާނެ އެވެ. އަނެއް މީހާ އާންމު ތަނެއްގައި އެންމެންނަށް ފެންނަ ގޮތަށް ބޭ އަދަބީ އަމަލެއް ހިންގަފާނެ އެވެ. ނަމަވެސް އެއީ ނަފްސާނީ ބަލި މީހެއް ނުވަތަ ސިކުނޑީގައި އުނިކަމެއް ހުންނަ މީހެއް ކަމަށް ބުނެ، އެ މީހާ މުޖްތަމައުގެ ތެރެއަށް ދޫކޮށްލަންޖެހޭ ހިސާބުން އާންމުންގެ ރުޅިވެރިކަން އިންތިހާއަށް ބޮޑުވެ އެވެ. މުޖްތަމައުގެ ނުރުހުން އިންތިހާއަށް ބޮޑު ކުށެއްގައި އެގޮތަށް މީހުން ދޫކޮށްލުން ގިނަ ބަޔަކަށް ބަލައެއް ނުގަނެވެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިސްކިތަކަށް ވަދެ، ހަތިމަށް ކުޅު ޖަހައިފާނެ އެވެ. އަނެއް މީހާ އާންމު ތަނެއްގައި އެންމެންނަށް ފެންނަ ގޮތަށް ބޭ އަދަބީ އަމަލެއް ހިންގަފާނެ އެވެ. ނަމަވެސް އެއީ ނަފްސާނީ ބަލި މީހެއް ނުވަތަ ސިކުނޑީގައި އުނިކަމެއް ހުންނަ މީހެއް ކަމަށް ބުނެ، އެ މީހާ މުޖްތަމައުގެ ތެރެއަށް ދޫކޮށްލަންޖެހޭ ހިސާބުން އާންމުންގެ ރުޅިވެރިކަން އިންތިހާއަށް ބޮޑުވެ އެވެ. މުޖްތަމައުގެ ނުރުހުން އިންތިހާއަށް ބޮޑު ކުށެއްގައި އެގޮތަށް މީހުން ދޫކޮށްލުން ގިނަ ބަޔަކަށް ބަލައެއް ނުގަނެވެ އެވެ.

ސިކުނޑީގައި ހުންނަ އުނިކަމެއްގެ ސަބަބުން، އެ ކުރެވޭ ކަމެއްގެ ނަތީޖާ ނޭނގި، ކުށަށް އަރައިގަނެވޭ މީހުންނަކީ ދުނިޔޭގެ ހުރިހާ ނިޒާމުތަކެއްގައި ހާއްސަ އުސޫލުތަކުން އަމަލު ކުރެވޭ ބައެކެވެ. ބައެއް ފަހަރު އެއީ ކުށުގެ ޒިންމާ އުފުލަން ނުޖެހޭ އަދި އަނެއް ބައެއް ބައި ހާލަތްތަކުގައި ކުށުގެ ޒިންމާ އުފުލަންޖެހޭ މިންވަރު ދަށްވާ ސަބަބެވެ. ނަމަވެސް އެފަދަ މީހުންނާ މެދު ރާއްޖޭގެ ނިޒާމު އޮތީ ކަންބޮޑުވާންޖެހޭ ހިސާބަކަށް ގޮސްފަ އެވެ.

އިޖްރައާތެއް ނެތް، ފުލުހުންނަށް އޮތީ އުނދަގޫ ނިންމުމެއް

ޖިނާއީ ކުށެއްގެ ތުހުމަތުގައި ތަހުގީގު މަރުހަލާގައި ހައްޔަރު ކުރެވޭ މީހަކީ ސިކުނޑީގައި އުނިކަމެއް ހުރި މީހެއްނަމަ، އަމަލު ކުރަންވީ ގޮތެއް ގާނޫނެއްގައި ލިޔެވިފައެއް ނެތެވެ. އެހެންވެ، އެފަދަ މައްސަލައެއް ހުރިކަން އާއިލާގެ ފަރާތުން ނުވަތަ އެހެން ވެސް ގޮތަކުން ފާހަގަވެއްޖެނަމަ ގިނަ ފަހަރު އަމަލުކުރާ ގޮތަކީ އެ މީހަކު އާއިލާއާ ހަވާލުކޮށްފައި ދޫކޮށްލުމެވެ. ބައެއް ފަހަރު މިއީ އާންމުންގެ ފާޑުކިޔުން ފުލުހުންނަށް ވަރަށް ބޮޑަށް އަމާޒުވާ ކަމެއް ނަމަވެސް ނިޒާމު އޮތްގޮތުން އެއީ ފުލުހުން ނިންމަންޖެހޭ އުނދަގޫ ނިންމުމެކެވެ.

ނަމަވެސް މިގޮތަށް ދޫކޮށްލާ މީހުން އާއިލާތަކަށް ވެސް ބައެއް ފަހަރު ނުބެލެހެއްޓި، އަނެއްކާވެސް އެހެން ކުށެއް ކޮށްގެން ހައްޔަރު ކުރަން ޖެހޭފަހަރު މަދެއް ނޫނެވެ. އަނެއްކޮޅުން މިފަދަ ކޮންމެ މީހަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ވެސް ރާއްޖޭގެ ހާލަތު މިވަގުތު އޮތްގޮތުން ފަސޭހަ ކަމެއް ނޫނެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަލީ ސަމީރު ވިދާޅުވާ ގޮތުން ތުހުމަތު ކުރެވޭ މީހާގެ ކިބައިގައި ސިކުނޑީގެ އުނިކަން ހުންނަ މީހުން ބަންދު ކޮށްގެން ގެންގުޅޭނެ ވަސީލަތްތަކާއި ކަންކަން ކުރަންޖެހޭ އުސޫލުތައް ނެތެވެ. އެހެންވެ، އެފަދަ މީހުން ބަންދުކޮށްގެން ގެންގުޅުނު ފަސޭހަ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެފަދަ މީހަކު ބަންދުކޮށްގެން ގެންގުޅޭނެ ހާއްސަ ވަސީލަތްތަކެއް ހުރި މަރުކަޒުތަކެއް ނެތެވެ. އެފަދަ މީހުންނާ މުއާމަލާތު ކުރުމުގައި ތަހުގީގު މަރުހަލާގެ ތެރޭގައި ކަންކަން ކުރަންޖެހޭ ގޮތުގެ ހަރުދަނާ ގާނޫނުތަކެއް، ގަވާއިދުތަކެއް ނުވަތަ އުސޫލުތަކެއް ނެތެވެ." ސަމީރު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ --- ފޮޓޯ/މިހާރު

ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ --- ފޮޓޯ/މިހާރު

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ވިދާޅުވި ގޮތުގައި އެފަދަ މީހުން ބަންދުކޮށްގެން ގެންގުޅޭނެ އެކަށީގެންވާ ވަސީލަތްތަކެއް ގާއިމްވެފައެއް ނެތެވެ. އޭނާ ވެސް ވިދާޅުވި ގޮތުގައި މިއީ މިހާރު ރާއްޖޭގައި އަވަހަށް ހައްލެއް ހޯދަން މައްސަލައެއް ކަމަށް އޭނާ ވެސް ދެކެވަޑައިގަންނަވަ އެވެ.

"މިހާރު ގާނޫނުގައި ތަސައްވުރު ކޮށްފައި އޮތްގޮތަކަށް އެކަމެއް ނުހިނގާ."

ކޯޓުން މައްސަލަ ބޭރު، މީހާ އަނެއްކާވެސް މުޖްތަމައުގެ ތެރެއަށް

ދެން އޮތީ ޝަރީއަތުގެ މަރުހަލާގައި ކުރިމަތިވާ މައްސަލަތަކެވެ. ގާނޫނުލް އުގޫބާތު ބުނާގޮތުން ސިކުނޑީގައި ހުރި އުނިކަމެއްގެ ސަބަބުން ދައުވާ ބަލައިނުގަތުމަށް ނުކުޅެދިގެންވާ ކަމުގެ ދިފާއު ނެގުމުގެ ފުރުސަތު އޮވެ އެވެ. އަދި މި ދިފާއު ކޯޓުގައި ސާބިތުކޮށްދީފިނަމަ އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ނިންމުމަށްފަހު އެ މީހަކީ ނަފްސާނީ ބަލި މީހުންނަށް ހާއްސަ މަރުކަޒެއްގައި ބަހައްޓަންޖެހޭ މީހެއްތޯ ބެލުމަށް ކޯޓުން އަމުރު ކުރަން ޖެހޭނެ ކަމަށް ގާނޫނުލް އުގޫބާތުގައި ބަޔާން ކޮށްފައިވެ އެވެ.

މާނައަކީ ސިކުނޑީގެ އުނިކަމެއް ހުރެގެން މުޖްތަމައުގެ ތެރެއަށް އަނެއްކާވެސް ދޫކޮށްލުމުގެ ބަދަލުގައި ނަފްސާނީ ފަރުވާ ދެވޭނެކަން ކަށަވަރު ކުރަން ޖެހެ އެވެ. ނަމަވެސް ގިނަ މައްސަލަތަކުގައި ގާނޫނުގައި ބުނާ މި އިޖްރައާތަށް ކޯޓުތަކުން އަމަލެއް ނުކުރެ އެވެ. ނަތީޖާއަކަށް ވަނީ އެފަދަ މީހުން އަނެއްކާވެސް މުޖްތަމައުގެ ތެރެއަށް ދޫވެ، އަދި ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ތަކުރާރުކޮށް، ކުށް ކުރުމުގެ ފުރުސަތު ހުޅުވިގެން ދިއުމެވެ.

ސަމީރު ލިޔުއްވާފައިވާ ގޮތުން ޝަރީއަތް ހިނގަމުންދާ ވަގުތު ނަފްސާނީ މައްސަލައެއް ފާހަގަވުމަކީ އެ މީހަކު ބުއްދި ސަލާމަތުން ހުރެ ކުރި ކުށެއްގެ ޒިންމާއިން ބަރީއަ ކުރެވޭނެ ސަބަބެއް ނޫނެވެ. އެހެންވެ، ނަފްސާނީ އުނިކަމެއްގެ ސަބަބުން ދައުވާ ބޭރުކޮށްލިޔަސް، ގާނޫނުގައި ބުނާ އުސޫލުން ފަރުވާ ލިބި ރަނގަޅުވުމުން އެ ޝަރީއަތް އަލުން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް މިހާރު އަމަލު ކުރަނީ އެގޮތަށް ނޫން ކަމަށް އޭނާ ވެސް ވިދާޅުވެ އެވެ.

"ނަތީޖާއަކަށް ވަނީ އެފަދަ މީހަކު މުޖްތަމައުގެ ތެރެއަށް އަލުން ދޫވުމެވެ. ފަރުވާ ނުލިބި އަލުން އަނބުރާ ކުށް ތަކުރާރު ކުރުމެވެ." ސަމީރު ލިޔުއްވާފައިވެ އެވެ.

ޕީޖީ ހުސައިން ޝަމީމް --- ފޮޓޯ/މިހާރު

ޕީޖީ ހުސައިން ޝަމީމް --- ފޮޓޯ/މިހާރު

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި އެފަދަ މީހުން މުޖްތަމައުން އެކަހެރި ކުރަންޖެހޭ ގޮތަށް ގާނޫނުގައި ލިޔެފައި އޮތީ ނަފްސާނީ އުނިކަމެއްގެ ސަބަބުން ކުށްވެރިން މުޖްތަމައުގެ ތެރެއަށް ދޫވެގެން ދިޔަ ނުދިނުމަށެވެ. ނަމަވެސް ގާނޫނު ތަސައްވުރު ކޮށްފައި އޮންނަ ގޮތަކަށް މިހާރު އަމަލެއް ނުކުރެވޭ ސަބަބަކީ އެފަދަ މީހުންނާ ހަވާލުވެ، ފަރުވާ ދެވޭނެ ވަސީލަތްތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ގާއިމް ކޮށްފައި ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ގާނޫނުގައި ތަސައްވުރު ކޮށްފައި އޮތްގޮތަކަށް އެކަމެއް ނުހިނގާ. އޭގެ ސަބަބެއް ކަމަށް ފެންނަނީ ނަފްސާނީ ބަލި ހުރި މީހުންނާ ހަވާލުވެ، އެ މީހުންގެ ކަންކަން ކުރަން ސަރުކާރުގެ އިދާރާތަކުގައި އެ ފެންވަރުގެ ކެޕޭސިޓީ ނެތީ." ޝަމީމް ވިދާޅުވި އެވެ.

ތަހުލީލު ހެދުމުގެ ގާބިލްކަމެއް، އިޖްރައާތެއް ނެތް

ނަފްސާނީ އަދި ސިކުނޑީގެ ބަލިތަކަކީ ބޭރު ފުށުން ފެންނަން ހުންނާނެ ފަދަ ކަންކަމެއް ނޫނެވެ. އަދި ނަފްސާނީ ކޮންމެ މައްސަލައަކީ އޭގެ ޒާތުގައި މީހަކު ކުށުން ބަރީއަ ކުރެވޭނެ ވަރުގެ ކަމަކަށް ނުވާއިރު، އަދަބުން ސަލާމަތްވުމަށްޓަކައި ނަފްސާނީ މައްސަލައެއް ހުރިކަން ދައްކަން މަސައްކަތް ކުރުމަކީ ވެސް ވެދާނެ ކަމަކެވެ. އެހެންވެ، މިފަދަ ހާލަތްތަކުގައި އަމަލު ކުރަން ޖެހެނީ ކަމާބެހޭ އެކްސްޕާޓުންގެ ބަހަށް ރިއާޔަތް ކޮށްގެންނެވެ.

"މިކަމަށް ފޯކަސްކޮށްގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނެތީ.

ގާނޫނުލް އުގޫބާތުގެ ދަށުން، ސިކުނޑީގައި ހުރި އުނިކަމެއްގެ ސަބަބުން ޖިނާއީ ދައުވާ ލިބިގަތުމަށް ނުކުޅެދޭ ކަމުގެ ދިފާއުއެއް ނަގައިފިނަމަ އެކަމާ މެދު ގޮތެއް ނިންމަން ޖެހެނީ ކަމާބެހޭ ނަފްސާނީ ޑޮކްޓަރުން ތަހުލީލު ހެދުމަށްފަހު އެ ތަހުލީލުގެ ނަތީޖާ މައްޗަށް ބުރަވެ އެވެ. ނަމަވެސް މިފަދަ އެގްޒެމިނޭޝަން ހެދުމުގައި ބަލަންޖެހޭ ކަންކަމެއް ނުވަތަ އެގްޒެމިނޭޝަން ހަދާ މީހާގެ ކިބައިގައި ހުންނަންޖެހޭ ތައުލީމީ ފެންވަރެއް އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ބުނެފައެއް ނެތެވެ.

އާންމު ގޮތެއްގައި މިފަދަ ތަހުލީލެއް ކުރުމުގެ އިލްމީ ގާބިލްކަން ހުންނަނީ ފޮރެންސިކް ސައިކޭޓްރިސްޓުންގެ ކިބައިގަ އެވެ. ނަމަވެސް ރާއްޖޭގައި މިވަގުތު އެ ދާއިރާއިން ތައުލީމު ހާސިލް ކޮށްފައިވާ ސައިކޭޓްރިސްޓަކު ނެތުމުން ބައެއް ފަހަރު ސައިކޮލޮޖިސްޓުން ރިޕޯޓަކަށް ބިނާކޮށް، ބައެއް މައްސަލަތައް ކޯޓުތަކުން ބޭރުކޮށްލާފައި އެބަހުއްޓެވެ. ނަމަވެސް ހައި ކޯޓުން މިދިޔަ އަހަރު ނިންމާފައިވަނީ ސައިކޮލޮޖިސްޓުންނަކީ އެފަދަ ކަންކަމުގައި ރައުޔު ދެވޭނެ ބައެއް ނޫން ކަމަށެވެ.

ސަމީރު ލިޔުއްވާފައިވާ ގޮތުން މިފަދަ ތަހުލީލުތައް ކުރުމުގެ ތަފްސީލީ އިޖްރައާތެއް ގާނޫނުގައި ނެތްއިރު، އެކަމާ ބެހޭގޮތުން މަތީ ކޯޓުތަކުން ނިންމާފައި ހުރި ނިންމުންތަކުގައި ބައެއް އިޖްރައާތުތައް ކަނޑައަޅާފައި ދީފައި ހުއްޓަސް، މުޅި މައްސަލައަށް ހައްލެއް ނުލިބެ އެވެ.

"ބައެއް އިޖްރައާތުތައް މަތީ ކޯޓުތަކުގެ ބައެއް ނިންމުންތަކުގައި ބުނެދީފައިވީ ނަމަވެސް އެކަމުގައި މިހާރު އަމަލުކުރާ އިޖްރައާތުތަކުގެ ސަބަބުން ހަރުދަނާ އަދި ވަށާޖެހޭ ހައްލެއް ގެނެވިފައި އޮތް ތަނެއް ނުފެނޭ." ކުރިން ހައި ކޯޓުގެ ފަނޑިޔާރު ކަން ވެސް ކުރެއްވި ސަމީރު ލިޔުއްވާފައިވެ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މިފަދަ ތަހުލީލުތައް ކުރެވޭނެ ފެންވަރުގެ ހުރި ސިއްހީ މާހިރުން ރާއްޖޭގައި އެބަތިއްބެވެ. ނަމަވެސް އެކަން ކުރުމުގައި މައްސަލަ ދިމާވަނީ އެލައިޑް ހެލްތް ކައުންސިލާއި ކަމާބެހޭ އިދާރާތަކުން އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމަށް ފޯކަސްކޮށްގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނެތީ. އަބަދު އެބަ ބުނޭ ގާނޫނީ ނިޒާމާއި އޮނިގަނޑު ނެތީއޭ. މިކަމުގައި ގާނޫނީ ނިޒާމާއި އޮނިގަނޑު އެބައޮތް. ނެތީ އަމަލީ ގޮތުން އެކަން ކުރުމުގެ ވިސްނުންތެރިކަން." އޭނާ ވިދާޅުވި އެވެ.

ސިކުނޑީގައި އުނިކަމެއް ނުވަތަ ނަފްސާނީ މައްސަލައެއް ހުންނަ ހުރުމަކީ ޖިނާއީ ކުށުގެ އަދަބު ނުލިބި މުޖްތަމައުގެ އަމާންކަން ކަށަވަރު ނުވާނެ ގޮތަކަށް ތެރެއަށް އެ މީހުން ދޫކޮށްލަން އޮތް ލައިސަންސެއް ނޫނެވެ. ނަފްސާނީ މައްސަލަ ހުންނަ ކުށްވެރިންގެ މައްސަލައަކީ އަވަހަށް ހައްލެއް ހޯދަންޖެހޭ މައްސަލަ އެކެވެ.