Roadha Mihaaru
ޝަމީމަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި

ޝަމީމަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި

31 ޖެނުއަރީ 2024

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމަށް މިއަދު ހެނދުނު ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމަށް މިއަދު ހެނދުނު ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި އެވެ.

އެ މައްސަލާގައި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ޝަމީމަށް ދިން ނުރައްކާތެެރި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ޓެރަރިސްޓް އަދި އަނިޔާވެރި މި ކަހަލަ އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާއި އިހުތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާ އެކު މަސައްކަތްކުރަމުން ދާނެ ކަމަށެވެ. މި ކަހަލަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުން ދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ރައްކާތެރިކަމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ގައުމުގެ އަމާންކަމާއި ސަލާމަތްކަން ދެމެހެއްޓުމަށް ކަމަށާއި ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

"ޕްރޮސެކިއުޓަ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމަށް އަވަސް ޝިފާއަކަށް އެދެން. އަދި ފަރުވާއަށް ފަހު އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުތަކަށް ވަރަށް އަވަހަށް ނުކުމެވަޑައިގެންނެވޭނެ ކަމަށް އުންމީދުކުރަން،" އެ ބަޔާނުގައިވެ އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝަމީމަށް ހަމަލާދީފައި ވަނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެން ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުން ދިޔައީ މިއަދު ފަތިހު ޝަމީމް ދުވަން ގެއިން ނުކުމެވަޑައިގަތީއްސުރެ ފަރާލަމުންނެވެ.

ޝަމީމަކީ ފަތާށާއި ދުވަން އާންމު ގޮތެއްގައި އެކަނިމާ އެކަނި ނުކުމެވަޑައިގެން އުޅުއްވާ ބޭފުޅެކެވެ. އެކަމަކު، ބައެއް ދުވަސްވަރު ސެކިއުރިޓީއެއް ގެންގުޅުއްވަ އެވެ.

ކަސްރަތަށް ޝަމީމް މާލޭގެ މަގުމަތީ މިއަދު ފަތިހު ދުވަމުން ގެންދެވިއިރު، އޭނާގެ ފަހަތުން ހަމަލާދިން ދެ މީހުން ފަރާލާފައިވާކަން މިހާތަނަށް މި މައްސަލައިގެ ތަހުގީގަށް އެއްކުރި މައުލޫމާތުން ވަނީ އެނގިފަ އެވެ. ސައިކަލެއްގައި އެ ދެ މީހުން ތިބީ ހެލްމެޓް އަޅައިގެން ކަމަށް ވެސް އެނގިފައިވެ އެވެ.

އެ ދެމީހުން ޝަމީމަށް ހަމަލާދީފައި ވަނީ ދުވެ ނިންމެވުމަށް ފަހު، ދަރިފުޅު ސްކޫލަށް ލާފައި ވަޑައިގެން ގެއަށް ވަންނަވަނިކޮށެވެ. މަރުތޭލައަކުން ޝަމީމަށް ހަމަލާދޭން އެމީހުން މަސައްކަތްކުރީ ބޮލަށެވެ. އެކަމަކު، ހަމަލާއިން ދިފާއުވާން ޝަމީމް ކުރެއްވި މަސައްކަތުން މަރުތޭލަ ޖެހިފައި ވަނީ އޭނާގެ އަތުގަ އެވެ.

ނޫރު މިސްކިތް ކައިރީގައި ހުންނަ ޝަމީމްގެ ގޭ ކައިރިން އޭނާ އަށް ދިން ހަމަލާގެ ސަބަބުން އޭނާގެ ވައަތުގެ އުޅަނބޮށީގެ ތިރިއަށް ވަނީ އަނިޔާ ވެފަ އެވެ. ބައެއް ކަށިތަކުގައި ވަނީ ރެނދުލައިފަ އެވެ. އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ހަމަލާ އަށް ފަހު ޝަމީމްގެ ސެކިއުރިޓީ އެމްއެންޑީއެފުން ވަނީ ވަރުގަދަކޮށްފަ އެވެ.

ޕީޖީ އޮފީހުން ބުނީ ހަމަލާގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ ޝަމީމްގެ ހާލު ބައްލަވާލެއްވުމަށް ހޮސްޕިޓަލަށް ވެސް ވަޑައިގެންފައި ކަމަށެވެ. ނަމަވެސް، މިހާތަނަށް މި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރެ އެވެ.