Roadha Mihaaru
އަނުޝްކާ އާއި ވިރާޓްގެ ދަރިފުޅާ އެކު އަމީތާބްގެ ޖޯކެއް

އަނުޝްކާ އާއި ވިރާޓްގެ ދަރިފުޅާ އެކު އަމީތާބްގެ ޖޯކެއް

16 ޖެނުއަރީ 2021

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ތަރި ވިރާޓް ކޯލީ އަށް މިދިޔަ ހަފުތާގައި އަންހެން ދަރިއަކު ލިބިފައިވާތީ، މީގެ ކުރިން އަންހެން ދަރިން ލިބުނު ކްރިކެޓް ތަރިންގެ ލިސްޓެއް ހަދައި އިންޑިއާގައި ވަރުގަދަ އަންހެން ކްރިކެޓް ޓީމެއް އުފެދެން އުޅޭ ކަމަށް ބުނެ އަމީތާބް ބައްޗަން ސޯޝަލް މީޑިއާގައި ޖެހި ޖޯކަކަށް އާންމުންގެ ސަމާލުކަން ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ތަރި ވިރާޓް ކޯލީ އަށް މިދިޔަ ހަފުތާގައި އަންހެން ދަރިއަކު ލިބިފައިވާތީ، މީގެ ކުރިން އަންހެން ދަރިން ލިބުނު ކްރިކެޓް ތަރިންގެ ލިސްޓެއް ހަދައި އިންޑިއާގައި ވަރުގަދަ އަންހެން ކްރިކެޓް ޓީމެއް އުފެދެން އުޅޭ ކަމަށް ބުނެ އަމީތާބް ބައްޗަން ސޯޝަލް މީޑިއާގައި ޖެހި ޖޯކަކަށް އާންމުންގެ ސަމާލުކަން ލިބިއްޖެ އެވެ.

އަމީތާބް ބުދަ ދުވަހު ކުރި ޓްވީޓްގައި އަންހެން ދަރިން ލިބުނު ކްރިކެޓް ތަރިންގެ ލިސްޓްގައި ވިރާޓްގެ ދަރިފުޅާ އެކު 14 ކުއްޖެއްގެ ނަން ފާހަގަކޮށްފައިވެ އެވެ. އަދި ޓްވީޓްގައި އޭނާ ވަނީ ކްރިކެޓް ތަރިންގެ ދަރިންގެ ތެރެއިން އަންހެން ކްރިކެޓް ޓީމްގެ ކެޕްޓަނަކަށް ވާނީ މިހާރު ގައުމީ ޓީމުން ރިޓަޔާކޮށްފައިވާ ކުރީގެ ކާމިޔާބު ކެޕްޓަން އެމްއެސް ދޯނީގެ ދަރިފުޅުތޯ ވެސް ސުވާލުކޮށްފަ އެވެ.

އަމީތާބްގެ މި ޓްވީޓް މަޖާވެގެން ވަރަށް ގިނަ ބަޔަކު އެކި ކަހަލަ ކޮމެންޓްތައް ކޮށް، އެތައް ހާސް ލައިކެއް ދީފައިވެ އެވެ.

އަމީތާބްގެ ލިސްޓްގައި ހިމެނި ކްރިކެޓް ތަރިންނަށް ބަލާ އިރު އޭގެ ތެރޭގައި ބަތަލާއިންނާ ކައިވެނިކޮށްގެން އުޅޭ އުޅޭ ކުޅުންތެރިންނާއި ފިލްމީ ދާއިރާ އިން ފެނިފައިވާ ކުޅުންތެރިން ވެސް ހިމެނެ އެވެ. ބަތަލާ އަނުޝްކާ އާއި ވިރާޓްގެ އިތުރުން އަމީތާބްގެ ލިސްޓްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ބާޖީ (ހަރުބަޖަން ސިންގް) ގެ އަންހެނުން ގީތާ ބަސްރާ އަކީ ކުރިން ބޮލީވުޑްގެ ފިލްމުތައް ކުޅުނު ބަތަލާއެކެވެ.

އަދި ކުރީގެ ކްރިކެޓް ތަރި އަޖޭ ޖަޑޭޖާ އަކީ ފިލްމުތަކެއް ކުޅުނު ފަންނާނެކެވެ.