Roadha Mihaaru
ޖޫލާންގެ ރޯލަށް އަނުޝްކާގެ ބަދަލުގައި ޓްރިޕްތީ

ކްރިކެޓް ތަރި ޖޫލާންގެ ރޯލަށް އަނުޝްކާގެ ބަދަލުގައި ޓްރިޕްތީ

17 ޑިސެމްބަރ 2021

އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން އަނުޝްކާ ޝަރުމާ، އެ ގައުމުގެ އަންހެން ކްރިކެޓް ތަރިއެެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް ކުރިން ކުޅޭ ގޮތަށް އޮތަސް، އެ ފިލްމު އޭނާ މިހާރު ނުކުޅެން ނިންމާފައިވާތީ ބަދަލުގައި އެއަށް ޒުވާން ބަތަލާ ޓްރިޕްތީ ދިމްރީ ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން އަނުޝްކާ ޝަރުމާ، އެ ގައުމުގެ އަންހެން ކްރިކެޓް ތަރިއެެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް ކުރިން ކުޅޭ ގޮތަށް އޮތަސް، އެ ފިލްމު އޭނާ މިހާރު ނުކުޅެން ނިންމާފައިވާތީ ބަދަލުގައި އެއަށް ޒުވާން ބަތަލާ ޓްރިޕްތީ ދިމްރީ ހަމަޖައްސައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އިންޑިއާގައި އުފެދުނު އެންމެ ހުނަރުވެރި އަންހެން ކްރިކެޓް ތަރިންގެ ތެރޭގައި ހިމެނޭ ޖޫލާން ގޮސްވާމީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ އަނުޝްކާ ނުކުޅެން ނިންމީ އަމިއްލަ ސަބަބުތަކާ ހެދި އެވެ.

އެކަމަކު ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި އޭނާ ސޮނީ ޕިކްޗާޒްއާ ހިއްސާވާނެ އެވެ. ކުރިން ބެލެވިފައި އޮތީ މިދިޔަ އަހަރު ދަރިޔަކު ވެސް ލިބުނު 33 އަހަރުގެ ބަތަލާ މަޔަކަށްވީ ފަހުން ކުޅޭނީ ޖޫލާންގެ ފިލްމު ކަމަށެވެ.

ނަމަވެސް އަނުޝްކާ އެ ދޫކޮށްލުމުން އޭނާ ދެން އަލުން އެނބުރި އެކްޓިން އަށް އަންނާނެ ފިލްމަކީ ކޮބައި ކަމެއް ނޭނގެ އެވެ. ޝާހްރުކް ޚާނާ އެކީ "ރަބް ނަ ބަދާނީ ޖޯޅީ" އިން ބޮލީވުޑަށް ނުކުމެ، ކާމިޔާބު އަދި ރީތި ފިލްމުތަކެއް ކުޅެފައިވާ އަނުޝްކާގެ އެންމެ ފަހުގެ ފިލްމަކީ ޝާހްރުކްގެ 2018 ގެ "ޒީރޯ" އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ޖޫލާންގެ ރޯލަށް ޓްރިޕްތީ ނަގައި ފިލްމުގެ ނަމަކަށް "ޗަކްދާ އެކްސްޕްރެސް" ވަނީ ހަމަޖައްސައިފަ އެވެ. ކުރިން "ލައިލާ މަޖުނޫ" ގެ އެ ބަތަލާ އަކީ އަނުޝްކާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސްގެ ޕްރޮޑަކްޝަންތަކުން ފުރުސަތުތަކެއް ލިބުނު ބަތަލާއެކެވެ.

އެގޮތުން މިދިޔަ އަހަރު އަނުޝްކާ ނެޓްފްލިކްސް އަށް ގެނެސްދިން "ބުލްބުލް" ގެ ބަތަލާ އަކީ ޓްރިޕްތީ އެވެ. އަދި ކުރީގެ އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާން ބޮލީވުޑަށް ނެރެން އަނުޝްކާ ޕްރޮޑިއުސްކުރާ ފިލްމު "ގަލާ" ގެ ބަތަލާ އަކީ ވެސް ޓްރިޕްތީ، 27، އެވެ.

ހަންގާމާ އިން ބުނިގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ "ޗަކްދާ އެކްސްޕްރެސް" އަކީ ނެޓްފްލިކްސްއަށް ހަދާ ވެބް ފިލްމެކެވެ. އަދި މީގެ ޑައިރެކްޓަރަކީ އަނުޝްކާ ޕްރޮޑިއުސްކޮށް، 2018 ގައި ކުޅުނު ބިރުވެރި ފިލްމު "ޕަރީ" ގެނެސްދިން ޕްރޮސިތު ރޯއި އެވެ.