Roadha Mihaaru
އެމްޕީއެލް އެކްސިޑެންޓް: އާސިމަކީ މުޅި އާއިލާގެ ތަނބު

އެމްޕީއެލް އެކްސިޑެންޓް: އާސިމަކީ މުޅި އާއިލާގެ ތަނބު

16 ޖެނުއަރީ 2021

މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ، އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއްގެ ދަށުވެ ލިބުނު ޒަހަމްތަކުގައި މިއަދު މަރުވި އަބްދުﷲ އާސިމަކީ ވަރަށް ޒިންމާދާރު އަދި އެއްބަނޑު އެއްބަފާ ހުރިހާ ކުދިންގެ ކަންކަން ބަލަހައްޓަމުން އަންނަ ޒުވާނެއް ކަމަށް، އޭނާ ދަންނަ ބައެއް މީހުން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ، އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއްގެ ދަށުވެ ލިބުނު ޒަހަމްތަކުގައި މިއަދު މަރުވި އަބްދުﷲ އާސިމަކީ ވަރަށް ޒިންމާދާރު އަދި އެއްބަނޑު އެއްބަފާ ހުރިހާ ކުދިންގެ ކަންކަން ބަލަހައްޓަމުން އަންނަ ޒުވާނެއް ކަމަށް، އޭނާ ދަންނަ ބައެއް މީހުން ބުނެފި އެވެ.

އާސިމްގެ އުމުރުން އަދި ކިރިޔާ 27 އަހަރު ފުރުނީ އެވެ. އެކަމަކު ވަރަށް ޒުވާން އިރުއްސުރެ އޭނާ އައީ، ދަންނަ މީހުން ބުނާ ގޮތުގައި، އަށް ކުދިން ހިމެނޭ އާއިލާގެ އެންމެ ބޮޑުބޭބެގެ ޒިންމާ ނަގަމުންނެވެ. މާލޭގައި ދިރިއުޅޭ ނ. ލަންދުއަށް ނިސްބަތްވާ އެ އާއިލާގެ ގިނަ ހަރަދުތައް ބަލަހައްޓަމުން އައީ މަޖޫރީއެއްގެ ގޮތުގައި، މާލޭގެ ވިޔަފާރި ބަނދަރުގައި އޭނާ ކުރި މަސައްކަތުން ހޯދި އާމްދަނީންނެވެ.

ހިތާމަވެރި ހާދިސާގައި، އާސިމް މަރުވި އިރު އޭނާގެ ކައިވެންޏަށް އަދި ވީ އެންމެ މަހެކެވެ.

"ވަރަށް ހާލުގައި، ވަރަށް ބުރަ މަސައްކަތުން ދިރިއުޅެމުން ދިޔަ އާއިލާއެއް އެއީ. އާސިމް މަރުވުން އެއީ އާއިލާއަށް ލިބުނު ފޫނުބެއްދޭވަރުގެ ހިތާމައެއް،" ޒުވާނާއާ ގާތް ގުޅުމެއް ބާއްވާ، ލަންދޫ ކައުންސިލްގެ މެމްބަރު އަބްދުﷲ އާރިފް ވިދާޅުވި އެވެ.

އާސިމް މަރުވީ އޭނާގެ ހާލު މާ ގޯސް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފައި އޮއްވަ އެވެ. ހޮސްޕިޓަލަށް ގެންދިޔަ ފަހުން ވެސް އޭނާ ކުޑަކޮށް ވާހަކަދައްކާ އުޅުނެވެ. އެކަމަކު ބިއްލޫރިތަކުގެ ދަށުވެ، ބައެއް ކަށިތައް ބިނދިފައި ހުރުމާ އެކު އޭނާގެ ހާލު ދިޔައީ ގޯސްވަމުންނެވެ. އޭނާ މަރުވީ، ވޯޑަށް ބަދަލުކުރި ފަހުން އަނެއްކާވެސް ހާލު ގޯސްވެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު އެވެ.

ކޮންޓޭނަރެއްގެ ތެރޭގައި ހުރި ބިއްލޫރި ބޮޑެތި ޕެލެޓްތައް ފޯކްލިފްޓެއްގައި ނެރެން އުޅެނިކޮށް އާސިމާ އެކު، އިތުރު މީހަކު ވެސް ތާށިވި އެވެ. އެކަމަކު އޭނާ ވަގުތުން ސަލާމަތްކުރި އެވެ. ބިއްލޫރިތަކުގެ ތެރޭގައި ބޮޑަށް ތާށިވި އާސިމް ކޮންޓޭނަރުން ނެރެވޭ ވަރުވީ ކޮންޓޭނަރު ކީހާލައިގެންނެވެ. އާސިމްގެ އެއްބަނޑު އެއްބަފާ ކުދިންގެ ތެރޭގައި 18 އަހަރު ނުފުރޭ، ކުޑަކުދިން ވެސް ތިބެ އެވެ. އާސިމްގެ ބައްޕަ ވަނީ މީގެ ނުވަ އަހަރު ކުރިން، އުމުރު ދުވަހަށް ޖަލަށް ލާފަ އެވެ. އޭގެ ފަހުން، އެ ކުދިންގެ ބައްޕައެއްގެ ޒިންމާ ނަގައި، އާއިލާގެ ގިނަ ހަރަދުތައް ބަލަހައްޓަމުން އައީ އޭނާ އެވެ. ގޭގެ ކުއްޔާއި ކަރަންޓާއި ފެނާއި އިތުރު ހަރަދުތަކާ އެކު، އެ އާއިލާ މާލޭގައި އުޅެނީ ވެސް ދަތިކޮށެވެ.

"އެ ކުދިންގެ މަންމަ އެކަނިމާއެކަނި، ކުދިންތައް ގޮވައިގެން އުޅުނީ. ފަހުން އާސިމްމެން ވަޒީފާއަށް ދާން ފެށީމާ އޭނާ ގިނަ ހަރަދުތައް ބަލަހައްޓާނީ،" އާސިމްގެ އާއިލާގެ މީހަކު ބުންޏެވެ.

ޒުވާނާ ކައިވެނިކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެކަމަކު ކައިވެންޏަށް ފަހު މާ ގިނަ ދުވަހެއް ނުވެ އަނބިމީހާ އިންޑިއާއަށް ދާން ޖެހުނު އިރު، އެކްސިޑެންޓުވީ ވެސް އެތަނުގައި ހުއްޓަ އެވެ. ހަބަރު ލިބުމާ އެކު އޭނާ މާލެ އަންނަން މަސައްކަތް ކުރި ނަމަވެސް، ކޮވިޑް-19އަށް ޕޮޒިޓިވްވެ، ދަތުރަށް ހުރަސް އެޅުނެވެ. މިއަދު މެންދުރު ނަމާދަށް ފަހު އާސިމް ވަޅުލި އިރު، އޭނާގެ މޫނު ވެސް އަނބިމީހާއަށް ފެންނަ ވަރެއް ނުވި އެވެ.

"ވަރަށް ދެރަކޮށް ހުރިހާ ކަމެއް ވެސް ދިމާވީ. އެ އާއިލާގެ މައި ތަނބު އެ ދިޔައީ،" އާއިލާގެ މީހާ ބުންޏެވެ.

އާސިމްގެ މަރަށް ފަހު، އޭނާގެ މަންމަގެ ހާލު ވަރަށް ދެރަ އެވެ. އަދި ރަށަށް އާއްމުކޮށް ދާ، ސަކަ މިޒާޖުގެ ޒުވާނާގެ ކުއްލި ވަކިވުމާ ގުޅިގެން ލަންދުއަށް ވެސް ވެރިވެފައިވަނީ ފުން ހިތާމައެއް ކަމަށް، ރަށު މީހުން ބުނެ އެވެ.