Roadha Mihaaru
ބިއްލޫރިތަކުގެ ދަށުވި މީހާ މަރުވެއްޖެ

ބިއްލޫރިތަކުގެ ދަށުވި މީހާ މަރުވެއްޖެ

16 ޖެނުއަރީ 2021

މި މަހު ހަތް ވަނަ ދުވަހުގެ ރޭ މާލޭ ވިޔަފާރި ބަނދަރުގައި ބިއްލޫރި ޕެލެޓެއްގެ ދަށުވި މީހާ މިއަދު މަރުވެއްޖެ އެވެ.

މި މަހު ހަތް ވަނަ ދުވަހުގެ ރޭ މާލޭ ވިޔަފާރި ބަނދަރުގައި ބިއްލޫރި ޕެލެޓެއްގެ ދަށުވި މީހާ މިއަދު މަރުވެއްޖެ އެވެ.

އެކަމަކު، ނ. ލަންދޫ ފޭރުގަސްދޮށުގޭ އަބްދުﷲ އާސިމް 27، މި މަރުވީ، ފުރާނަ އަށް ނުރައްކާތެރިވާ ހާލަތަކަށް ގޮސްފައި އޮތް ކަމަށް ނުބެލެވޭ ކަހަލަ މައުލޫމާތުތަކެއް އައިޖީއެމްއެޗުން މީޑިއާ އަށް ހާމަކޮށްފައި އޮއްވަ އެވެ. އާސިމް ސަލާމަތް ކޮށްގެން ފަރުވާ ދޭން ފެށި ފަހުން އެ ހޮސްޕިޓަލުން ބުނީ އޭރު ފަރުވާ ދެމުން އައީ ވޯޑަށް ބަދަލުކޮށްގެން ކަމަށެވެ. ބޮޑަށް ގެއްލުންވެފައި ހުރީ ކަށިތަކަށް ކަމަށް ވެސް ބުންޏެވެ.

ކޮންޓޭނަރެއްގެ ތެރޭގައި ހުރި ބިއްލޫރި ބޮޑެތި ޕެލެޓްތައް ފޯކްލިފްޓެއްގައި ނެރެން އުޅެނިކޮށް އޭގެ ތެރެއިން އެއް ޕެލެޓް ވެއްޓި ދެ މީހުން ތާށިވި އެވެ. އެކަމަކު އެކަކު ވަގުތުން ސަލާމަތްކުރި އެވެ. ބިއްލޫރިތަކުގެ ތެރޭގައި ބޮޑަށް ތާށިވި އާސިމް ސަލާމަތްކުރީ ކޮންޓޭނަރު ކަފާލައިގެންނެވެ.

އޭނާ ތާށިވެފައި އޮތް މަންޒަރު ފެންނަ ފޮޓޯތަކުން އެނގޭ ގޮތުގައި އޭރު ވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައި ހުއްޓެވެ.

އާސިމްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ މެންދުރުނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.

މަސައްކަތްކުރާ މީހުންގެ ސަލާމަތަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ހުއްޓަސް ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބަނދަރުގައި ދޭތެރެ ދޭތެރެއިން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަ އެވެ. އެގޮތުން 2017 ގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން އެމްޕީއެލް މުވައްޒަފެއްގެ ފައި ބުރިކޮށްލަން ޖެހުނެވެ.