Roadha Mihaaru
ކާޕެޓް ރޯލް ދަށުވި ޒުވާނާ އިންޑިއާގައި މަރުވެއްޖެ

ވިޔަފާރި ބަނދަރުގައި ވެއްޓުނު ކާޕެޓް ރޯލް ދަށުވި ޒުވާނާ މަރުވެއްޖެ

17 ފެބުރުއަރީ 2021

މާލެ ވިޔަފާރި ބަނދަރުގައި ކްރޭނަކުން އުފުލި ކާޕެޓް ރޯލެއް ވެއްޓި އޭގެ ދަށުވި ޒުވާނާއަށް ފަރުވާ ދެމުން ދަނިކޮށް އިންޑިއާގައި ރޭ މަރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ވިޔަފާރި ބަނދަރުގައި ކްރޭނަކުން އުފުލި ކާޕެޓް ރޯލެއް ވެއްޓި އޭގެ ދަށުވި ޒުވާނާއަށް ފަރުވާ ދެމުން ދަނިކޮށް އިންޑިއާގައި ރޭ މަރުވެއްޖެ އެވެ.

މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި ސީރިއަސް ޒަހަމްތަކެއް ލިބުނީ ހދ. ނޮޅިވަރަން، ނައިޓްޑްރީމް، އިމްރާން އަލީ، 28، އަށެވެ. އައިޖީއެމްއެޗުން ފަރުވާ ދިނުމަށްފަހު މިިދިޔަ ހޯމަ ދުވަހު ވަނީ އޭނާ އިންޑިއާއަށް ފޮނުވާލައިފަ އެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ވަނީ އިންޑިއާގައި އިތުރު ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރު 1:30 ހާއިރު މަރުވެފައިވަކަން "މިހާރު" އަށް ޔަގީންކޮށްދީފަ އެވެ.

އިމްރާނަކީ "މިނާ އިންވެސްޓްމެންޓް" ގައި މަސައްކަތްކުރަމުން ދިޔަ މީހެކެވެ. ދަންވަރު 2:15 ހާއިރު އެކްސިޑެންޓް ހިނގީ ކްރޭނަކުން ދޯންޏަކަށް މުދާ އަރުވަނިކޮށެވެ.

އެމްޕީއެލް އިން އެ އެކްސިޑެންޓުގެ ތަހުގީގު ފަށައި، ވަކި ގޮތެއް އަންގަންދެން މިނާ އިންވެސްޓްމަންޓާއި އެ އޮޕަރޭޝަނުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ވެސް ސަސްޕެންޑްކުރި އެވެ.

މިދިޔަ މަހު ވެސް އެމްޕީއެލްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒަހަމްވި މީހަކު ވަނީ މަރުވެފަ އެވެ. ކޮންޓެއިނަރެއްގެ ތެރޭ ބިއްލޫރި ޕެލެޓެއް ފުރޮޅާލައި ތާށިވި މީހާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށިތާ ނުވަ ދުވަސް ފަހުންނެވެ.