Roadha Mihaaru
އެންމެ ފަހުން މާލެއަށް ސިންތެޓިކް ޓްރެކެއް

އެންމެ ފަހުން މާލެއަށް ސިންތެޓިކް ޓްރެކެއް، އެތައް ބައެއްގެ އުއްމީދު ފުރިހަމަވި ދުވަހެއް

16 ޖެނުއަރީ 2021

ބައިނަލްއަގުވާމީ ރޭސްތަކުގައި ދިވެހި އެތުލީޓުން ބައިވެރިވާން ފެށީއްސުރެ ދެކެމުން އައި ހުވަފެން، މާލޭގައި ސިންތެޓިކް ދުވާ ޓްރެކެއް އެޅުން، އެންމެ ފަހުން ހަގީގަތަކަށްވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވައިދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބައިނަލްއަގުވާމީ ރޭސްތަކުގައި ދިވެހި އެތުލީޓުން ބައިވެރިވާން ފެށީއްސުރެ ދެކެމުން އައި ހުވަފެން، މާލޭގައި ސިންތެޓިކް ދުވާ ޓްރެކެއް އެޅުން، އެންމެ ފަހުން ހަގީގަތަކަށްވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވައިދެއްވައިފި އެވެ.

އެކުވެނި ވެލި ޓްރެކްގެ ގޮތުގައި، 1990ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން މަޝްހޫރު، ޓްރެކް ޒަމާނީ ފެންވަރުގެ ސިންތެޓިކް ޓްރެކަކަށް ބަދަލުކުރީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާ އެކު، ފަސް މަހެއްހާ ދުވަހުގެ މަސައްކަތުންނެވެ.

މިއީ އިންޑިއާއިން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ 13 މިލިއަން ޑޮލަރު (200 މިލިއަން ރުފިޔާ)ގެ އެހީގެ ޕްރޮގްރާމްގެ ތެރެއިން އެއް މަޝްރޫއު އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސްއާ އެކު އިންޑިއާގެ ހައި ކޮމިޝަނަރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެން، ކްރިކެޓް މެޗެއް ވެސް ކުޅުއްވި އެވެ.

ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ބާއްވާ ގައުމީ ކަސްރަތު މުބާރާތްތަކާއި ސްކޫލުތަކުގެ ކަސްރަތު މުބާރާތްތަކުގެ ފެންވަރު، އާ ޓްރެކްގެ ސަބަބުން، އެތައް ގުނައަކަށް ރަނގަޅުވާނެ ކަމަށެވެ. އަދި ބޭރުގެ މުބާރާތްތަކަށް އެތުލީޓުން ތައްޔާރުކުރަން ވެސް ވަރަށް ބޮޑު އެހީއަކަށް، އާ ޓްރެކް ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ސިންތެޓިކް ޓްރެކް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ސިންތެޓިކް ޓްރެކް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އެކަމަކު ރައީސް ވިދާޅުވީ މިއީ ހަމައެކަނި އެތުލީޓުން ތަމްރީނުކުރަން ހާއްސަ ތަނެއް ނޫން ކަމަށެވެ. އެއީ މާލެ ސަރަހައްދުގައި ދިރިއުޅޭ އެންމެންގެ އާއްމު ސިއްހަތާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއްކަން ފާހަގަކުރެއްވި އެވެ.

އެކުވެނި ޓްރެކަށް ކުރިންސުރެ ވެސް އެތައް ސަތޭކަ އާންމުން ކޮންމެ ދުވަހަކު ވަދެ، ކަސްރަތުކުރަން ބޭނުންކުރި އެވެ. އަދި ދުޅަހެޔޮ ސިއްހަތުގެ މުހިންމުކަން ބޮޑުވެ، ހޭލުންތެރިކަން ވެސް ފެތުރެން ފެށުމުން، ފަތިހާއި ހަވީރާއި ރޭގަނޑު، އެ ޓްރެކަށް ދާ މީހުންގެ އަދަދު ގިނަ އެވެ.

ޒާހިރު ނަސީރުގެ އަގުވަޒަންކުރެއްވި

ސިންތެޓިކް ޓްރެކް ހުޅުއްވައިދެއްވަމުން ރައީސް ވަނީ، ކުޅިވަރުގެ އެއްވެސް ވަސީލަތެއް ނެތް ދުވަސްވަރު ވެސް ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން، އަލްމަރުހޫމް މުހައްމަދު ޒާހިރު ނަސީރު ކުރެއްވި މަސައްކަތްޕުޅުތަކަށް ތައުރީފުކުރައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު މި އޮތް ފެންވަރަށް ތަރައްގީވީ މާ ގިނަ ވަސީލަތެއް ނެތް ދަތި ދުވަސްވަރު ޒާހިރު ނަސީރު އިސްނަންގަވައިގެން ކޮށްދެއްވި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ކުޅިވަރުގެ ތަރައްގީއަށް އަޅާ ކޮންމެ ފިޔަވަޅެއްގައި "ދިވެހި ކުޅިވަރުގެ ބައްޕަ" ޒާހިރު ނަސީރުގެ ހަނދާން އާކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ، ކުޅިވަރުގެ ރޮނގުން އަޅުގަނޑުމެން ދެކޭ ހުވަފެންތައް، ހަގީގަތަކަށް ހެދޭނެ މަގު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން. އޭގެ އިތުރުން، ތޮއްޖެހިފައި އޮތް މި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާއްމު ސިއްހަތު ރަނގަޅުކުރުމަށްޓަކައި ކޮށްދެވެން ހުރި ކޮންމެ ކަމެއް ކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

ސިންތެޓިކް ޓްރެކް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދިރަށް ހަނދާނީ ފިލައެއް ހަދިޔާކުރައްވަނީ: އެ ޓްރެކް ތަރައްގީކުރީ އިންޑިއާ ސަރުކާރުގެ އެހީގައި.-- ފޮޓޯ: ރައީސް އޮފީސް

ސިންތެޓިކް ޓްރެކް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދިރަށް ހަނދާނީ ފިލައެއް ހަދިޔާކުރައްވަނީ: އެ ޓްރެކް ތަރައްގީކުރީ އިންޑިއާ ސަރުކާރުގެ އެހީގައި.-- ފޮޓޯ: ރައީސް އޮފީސް

އުމުރުން ދުވަސްވީ މީހުންނަށް ވެސް، ރައްކާތެރިކަމާ އެކު އެ ތަނުގައި ކަސްރަތުކުރެވޭނެ ގޮތަށް ރަނގަޅު ފެންވަރަކަށް ހަދާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެހެންވެ، މިހާތަނަށް ކަސްރަތުކުރަން ނުފަށައި ތިބި މީހުން ވެސް ޓްރެކަށް ގޮސް ރަނގަޅު ސިއްހަތެއްގައި އުޅުމަށް މަސައްކަތްކުރުން ބޭނުންތެރި ކަމަށް ވިދާޅުވި އެވެ.

ކުރިން އޮތް ވެލި ޓްރެކްގެ ފެންވަރު ދަށްވުމާއި، ދޭތެރެދޭތެރެއިން ވެލި އަޅައި އެއްވަރުކުރަން ޖެހުން ފަދަ، އަދި ގަވާއިދުން އެކަން ނުކުރެވިއްޖެ ނަމަ ތަމްރީންތަކަށް ހުރަސް އެޅުން ކަހަލަ އުނދަގޫތައް ދިމާވެ އެވެ. އެކަންކަމަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް އެ ފެންވަރުގައި ހުރެގެން ކުޅުންތެރިންނާއި އެތުލީޓުން ނުއުފެއްދޭނެ ކަމަށެވެ.

ސިންތެޓިކް ޓްރެކް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސިންތެޓިކް ޓްރެކް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑުމެން ޒުވާން ކުޅުންތެރިން ބައިނަލްއަގުވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތައް މިހާރު މަދެއް ނޫން. އެހެން ނަމަވެސް ކުޅުންތެރިން އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް، އެފަދަ ކާމިޔާބީތަކާ ފައިހަމަވާ މިންވަރާ ގާތަކަށް ވެސް ތަރައްގީކުރެވިފައެއް ނެތް،" ރައީސް ވިދާޅުވި އެވެ.

"ޓްރެކްތަކާއި ފަތާ ފެންގަނޑުތަކާއި ސްޓޭޑިއަމްތަކާއި އިންޑޯ ހޯލްތަކާއި ޖިމް ފަދަ ވަސީލްތްތައް އެކަށީގެންވާ މިންވަރަކަށް ނެތް."

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އުއްމީދަކީ ސަރުކާރުން ގާއިމްކުރާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ބައިނަލްއަގުވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ގިނަ ޒުވާނުންތަކެއް އުފެދުން ކަމަށެވެ.

މިރޭ ފަތިހުން ފެށިގެން މާލޭ ޓްރެކް އާންމުންނަށް ހުޅުވާލާނެ އެވެ. އެގޮތުން ހުޅުވިފައި ހުންނާނީ ފަތިހު 5:00 އިން ހެނދުނު 8:00 އަށް އަދި ހަވީރު 6:00 އިން ރޭގަނޑު 12:00 އަށެވެ.