Roadha Mihaaru
ޔާމީންގެ މަރު: ދެ އަހަރު ފަހުން އިސްތިއުނާފް ފަށައިފި

ޔާމީން ރަޝީދު މަރާލި މައްސަލާގެ އިސްތިއުނާފު ދެ އަހަރު ފަހުން ހައި ކޯޓުން ފަށައިފި

22 ޖުލައި 2024

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ކުށް ސާބިތުވެ، އުމުރަށް ޖަލަށްލި ދެ މީހުންނާއި ކުށް ސާބިތުނުވެ، ސަލާމަތްވި ދެ މީހުންގެ މައްސަލަ އިސްތިއުނާފް ކުރިތާ ދެ އަހަރު ފަހުން ހައި ކޯޓުން މިއަދު ޝަރީއަތް ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ކުށް ސާބިތުވެ، އުމުރަށް ޖަލަށްލި ދެ މީހުންނާއި ކުށް ސާބިތުނުވެ، ސަލާމަތްވި ދެ މީހުންގެ މައްސަލަ އިސްތިއުނާފް ކުރިތާ ދެ އަހަރު ފަހުން ހައި ކޯޓުން މިއަދު ޝަރީއަތް ފަށައިފި އެވެ.

ޔާމީން ރަޝީދު ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި އޭނާ އަށް ތޫނު އެއްޗެހިން އޭޕްރީލް 2017 ގައި ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒާއި މ. ތާއިފް، އިސްމާއިލް ރަޝީދުގެ އިތުރުން މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އޭގެ ތެރެއިން ހައިޝަމާއި ޒިހާންގެ މައްޗަށް ކުށް ސާބިތުވާތީ، އެ ދެ މީހުން އުމުރަށް ޖަލަށްލުމާ އެކު، މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމުން އޭގެ ތެރެއިން އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.

އެ މައްސަލާގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން މިއަދު ފެށީ އެންމެންގެ ބައި އެއްކޮށް ކުރިއަށް ގެންދާ ގޮތަށެވެ. އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ހައިޝަމާއި ޒިހާންގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފް ކުރަން އެ މީހުން ހުށަހެޅި މައްސަލަ އެވެ.

ހައިޝަމާއި ޒިހާންގެ ދިފާއީ ވަކީލުން ބުނީ ހެކިބަސް ދިން ސިއްރު ބައެއް ހެކިވެރިން އެ މީހުންގެ ހެކިބަސް އަނބުރާ ގެންދަން ދަށު ކޯޓަށް ސިޓީ ފޮނުވާފައި ވަނިކޮށް އެއަށް ރިއާޔަތް ނުކޮށް މައްސަލަ ނިންމުމަކީ ގާނޫނީ އުސޫލުތަކާ ހިލާފް ކަމެއް ކަމަށް ވަކީލުން ބުންޏެވެ. އަދި އިސްލާމީ ޝަރީއަތުގައި ވެސް ގަސްދު މަރުގެ މައްސަލަތަކުގައި ހެކިންގެ ހެކިބަސް އަނބުރާ ގެންގޮސްފިނަމަ އެއްވެސް ޝައްކެއް ނެތް މިންގަނޑުން ކުށް ސާބިތު ނުވާނެ ކަމަށް ވެސް ވަކީލުން ބުންޏެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުން

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުން

ވަކީލުން ބުނިގޮތުގައި އެ މައްސަލާގައި ހެކިބަސް ދިން ހެކިންގެ ހެކިބަހުގައި ވެސް ފުށުއެރުންތަކެއް ހުއްޓެވެ. އެގޮތުން ޔާމީން ރަޝީދު މަރާލި ސަރަހައްދުގައި ދައުވާލިބޭ ބައެއް މީހުން ތިބި ކަމަށް ހެކިން ތަހުގީގުގައި ބުނުމަށްފަހު ކޯޓުގައި އެއާ ތަފާތުކޮށް ހެކިބަސް ދިން ކަމަށް ވަކީލުން ބުންޏެވެ. އަދި އެއް ތަނެއްގައި އެއް ވަގުތެއްގައި ތިބި ކަމަށް ބުނާ ތިން ހެކިވެރިންގެ ބަހުގައި ވެސް ފުށުއެރުންތަކެއް ހުރި ކަމަށާއި އެކަންކަމަށް ދަށު ކޯޓުން ބަލާފައިނުވާ ކަމަށް ވަކީލުން ބުންޏެވެ.

ދިފާއީ ވަކީލުން ބުނިގޮތުގައި ވީޑިއޯއިން ފެނުނު މީހަކާ ޒިހާންގެ ހަށިގަނޑުގެ ސިފަތަކާ ދިމާވާ ކަމަށް ފުލުހުން ބުނެފައި ވިޔަސް، ވަކި އަދަދަކަށް ސިފަތަކެއް ދިމާވުމަކީ އެއީ ވަކި ކަމެއް ސާބިތުވާނެ ކަމެއް ނޫނެވެ. އަދި ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅީގައި ހުރި ކެމެރާއަކުން ނެގި ފިންގަޕްރިންޓް ހައިޝަމްގެ ފިންގަޕްރިންޓް ދިމާވާ ކަމަށް ފުލުހުން ބުންޏަސް، އޭގެ ޗެއިން އޮފް ކަސްޑަޓީއާ ގުޅިގެން ސުވާލު އުފެދި، އެއީ އުފައްދާފައިވާ އެއްޗެއް ކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ދިފާއީ ވަކީލުން ބުންޏެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި ހައިޝަމާއި ޒިހާން

ޔާމީންގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި ހައިޝަމާއި ޒިހާން

އެހެންވެ، ޒިހާނާއި ހައިޝަމްގެ ފަރާތުން އެދުނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށް ދިނުމަށެވެ.

މިއަދަށް ކަނޑައެޅި ވަގުތު ހަމަވުމުން، ދިފްރާނާއި އިސްމާއިލް ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ ބައި މިއަދު ކުރިއަކަށް ނުގެންދެ އެވެ. އެހެންވެ، އެ މައްސަލާގައި އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.