Roadha Mihaaru
ކޮވިޑް ވެކްސިން ޖަހަން ރަޖިސްޓަރީ ކުރަން ފަށައިފި

ކޮވިޑް ވެކްސިން ޖަހަން ރަޖިސްޓަރީވާން ހުޅުވާލައިފި، ފުރަތަމަ ސިއްހީ ޚިދުމަތްތެރިންނަށް

17 ޖެނުއަރީ 2021

ރާއްޖޭގެ ހުރިހާ އެންމެންނަށް ކޮވިޑު ވެކްސިން ޖެހުމަށް އަމާޒު ހިފައި، އެ ކަމަށް އެދި ރަޖިސްޓަރީވާން ސަރުކާރުން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ހުރިހާ އެންމެންނަށް ކޮވިޑު ވެކްސިން ޖެހުމަށް އަމާޒު ހިފައި، އެ ކަމަށް އެދި ރަޖިސްޓަރީވާން ސަރުކާރުން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

ވެކްސިން ޖެހުމަށް ރަޖިސްޓަރީވާން ހުޅުވާލާފައި ވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއޯއީސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ޖަހަން ހުޅުވައިލަނީ ސިއްހީ ޚިދުމަތްތެރިންނާއި ސޯޝަލް ކެއާ ވޯކަރުންނަށް ކަމަށާއި އެގޮތަށް ކަނޑައެޅީ ކުރިން ވެސް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ކަމަށެވެ. އެކަމަކު، ވެކްސިން ޖަހަން ފެށޭނެ ދުވަހެއް އަދި ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވިގޮތުގައި، ވެކްސިން ޖަހަން ފެށޭނީ މީހުން ތަމްރީނު ކުރުމާއި އާންމުން ހޭލުންތެރި ކުރުވުމާއި ބަލަން ޖެހޭނެ އިތުރު ކަންތައްތަކަށް ފަހު އެވެ. އެ މަސައްކަތް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވީހާ ވެސް އަވަހަށް ވެކްސިން ޖަހަން. އެހެން ނަމަވެސް ހަމައެކަނި އަވަސްކޮށް ޖެހުމަށް ވުރެ ރަނގަޅަށް ކުރަން. ރަނގަޅަށް ތައްޔާރުވެގެން ވެކްސިން ޖެހުމަށް މި ތައްޔާރުވަނީ. އަޅުގަނޑުމެންނަށް ދުވަހެއް ކަނޑައެޅުނުހާ އަވަހަކަށް އެކަން އިއުލާން ކުރާނަން،" އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރުގެ މަގާމު ވެސް ފުރުއްވާ ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ގައުމުތަކުން ވެކްސިން ޖަހައިގެން ރާއްޖެ އަންނަ ދިވެހިންގެ ކަރަންޓީނަށް ލުއި ދިނުމާއި ކޮވިޑް-19 އަށް ޓެސްޓް ކުރުމުން އިސްތިސްނާތަކެއް ދިނުމާ މެދު ވަކި ގޮތެއް އަދި ނުނިންމާ ކަމަށެވެ. ވެކްސިން ޖެހުމުގައި އެކި ގައުމުތަކުން އަމަލު ކުރަނީ އެކި އުސޫލުތަކަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ވެކްސިން ޖަހާ މީހުން ކަރަންޓީނުން އެގްޒެމްޓް ކުރުމާއި މި ކަހަލަ ކަންކަމަށް ގްލޯބަލް ލެވެލްއެއްގައި އަދި އެއްވެސް އިރުޝާދެއް ނާދޭ،" އޭނާ ވިދާޅުވި އެވެ.

My Health Portal

My Health Portal

COVID-19 Dhifaau campaign aims to vaccinate the entire population in the Maldives from COVID-19.

ކޮވިޑު ވެކްސިން ޖެހުމަށް ރަޖިސްޓަރީވާން އެދެންޖެހޭ ޕޯޓަލް

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނިޒޭޝަންގެ ޗެއާ ޑރ. އަހުމަދު ފައިސަލް ވިދާޅުވީ، ހުރިހާ ގައުމަކަށް ބޭނުންވާ ވަރަށް އަދި ހުރިހާ އުމުރަކަށް ބޭނުން ކުރެވޭ ގޮތަށް މިހާތަނަށް ވެކްސިން ނުލިބޭ ކަމަށެވެ. ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވާނީ ސިއްހީ ޚިދުމަތްތެރިންނަށް ކަމަށާއި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 50 އަހަރުން މަތީގެ މީހުންނާއި 50 އަހަރުން ދަށް ވިޔަސް، ބޮޑެތި ބަލިތައް ހުރި މީހުންނަށް ދެވަނަ ބުރުގައި ކޮވިޑް ވެކްސިން ޖަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ފައިސަލް ވިދާޅުވިގޮތުގައި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ މީހުންނަށް ތިން ވަނަ ބުރުގައި ވެކްސިން ޖަހާނެ އެވެ. އޭރުން އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް-19 ގެ ވެކްސިން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"މި ތިން ބައި އެއްކޮށްލީމާ ގާތްގަނޑަކަށް ރާއްޖޭގެ ދެބައިކުޅަ އެއްބައި އޭގެ ތެރޭގައި ހިމެނޭނެ،" ޑރ. ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވެކްސިން ބޭނުން ކުރަން ހުއްދަ ދެނީ ވަރަށް ގިނަ މަރުހަލާގެ ޓެސްޓުތަކަށް ފަހު ކަމަށާއި މަދު ހާލަތްތަކެއްގައި ގެއްލުމެއް ލިބުނަސް، އެއީ ވެކްސިންގެ ސަބަބުން ދިމާވި ގެއްލުމަކަށް ނުވެދާނެ ކަމަށެވެ. ކޮވިޑް-19 ވެކްސިން އުފެއްދީ އާންމުކޮށް ވެކްސިން އުފައްދަން ހޭދަވާ މުއްދަތަށް ވުރެ އަވަހަށް ކަމަށް ވިޔަސް، ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ފެތޭ ނަމަ، އެ ވެކްސިން އެކަށީގެންވާ ކަމަށް ބަލާނެ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

"ގިނަ ވެކްސިންތަކަކީ ތިން އަހަރާއި 10 އަހަރާ ދޭތެރޭގައި އާންމުކޮށް އުފައްދައި، ބޭނުންކުރާ އެއްޗެއް. އެކަމަކު ޕެންޑެމިކެއްގެ ތެރޭގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު އައިސީޔޫއަށް ލައި، މުޅި ދުނިޔެ ހުއްޓޭ ވަރަށް ބައްޔެއް ފެތުރޭ ކަމަށް ވަންޏާ އެބަޖެހޭ އެ ބައްޔަކުން ރައްކާތެރިވާން އަވަހަށް ވެކްސިން އުފައްދަން،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވެކްސިނަކީ ވަރަށް ގިނަ ޓެސްޓުތަކަށް ފަހު ހުއްދަ ދޭ އެއްޗަކަށް ވިޔަސް، ބައެއް ހާލަތްތަކުގައި ވެކްސިންގެ ސަބަބުން ބައެއް މީހުންނަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށެވެ. އެކަމަކު އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ، އެކަން ރިޕޯޓުކޮށް، އެއީ ކޮވިޑް-19 ގެ ވެކްސިންގެ ސަބަބުން ދިމާވި ކަމެއްތޯ ކަށަވަރު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.