Roadha Mihaaru
90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކުރުމުން ލުޔެއް

ރަށުގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފި ނަމަ ޓެސްޓު ނުކޮށް ރަށަށް ދެވޭނެ

05 އޯގަސްޓް 2021

ކޮންމެ ރަށެއްގައި ވެސް ކޮވިޑް ވެކްސިން ޖަހަން ޖެހޭ އާބާދީގެ ތެރެއިން 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވާ ނަމަ އެ ރަށަކަށް ދަތުރުކުރާއިރު އަންނަ މަހުން ފެށިގެން ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭނެ ކަމަށް އެޗްއީއޯސީން މިއަދު ބުނެފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ކޮންމެ ރަށެއްގައި ވެސް ކޮވިޑް ވެކްސިން ޖަހަން ޖެހޭ އާބާދީގެ ތެރެއިން 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވާ ނަމަ އެ ރަށަކަށް ދަތުރުކުރާއިރު އަންނަ މަހުން ފެށިގެން ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭނެ ކަމަށް އެޗްއީއޯސީން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސެންޓަރުގެ ސްޕޯކްސްޕާސަން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ރަށްރަށުން ވެކްސިން ޖަހަން ޖެހޭ އާބާދީގެ ތެރެއިން 90 ޕަސެންޓު މީހުން ވެކްސިން ފުރިހަމަކޮށްފައި ވާ ނަމަ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށް ރަށްރަށުން އެ ރަށްރަށަށް އަންނަ މަހުން ފެށިގެން ޕީސީއާރު ޓެސްޓެއް ނެތި ދަތުރުކުރެވޭނެ ކަމަށެވެ.

އެގޮތުން ގެސްޓް ހައުސް ހިންގާ ރަށްރަށުގެ ތެރެއިން އެ ތަންތަނުގެ މުވައްޒަފުންގެ 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރަން ޖެހޭނެ ކަމަށާއި އުމުރުން 65 އަހަރުން މަތީގެ މީހުންގެ އާބާދީގެ ތެރެއިން 90 ޕަސެންޓު މީހުން ވެކްސިން ފުރިހަމަކުރަން ޖެހޭނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ނަމަވެސް ކޮވިޑުން ދިފާއު ވުމަށް ވެކްސިން ނުޖަހާ މީހުން އަންނަ މަހުން ފެށިގެން ރަށްރަށަށް ދަތުރު ކުރާއިރު ކަރަންޓީނު ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހާލަތުގައި ތިބި މީހުން ކަރަންޓީނުގެ މުއްދަތު ހަމަވުމަށް ފަހު ނަގާ ރިލީސް ސާމްޕަލް ނަގަން ޖެހޭނީ ވެސް ޑރ. ނަޒްލާ ވިދާޅުވިގޮތުގައި އަމިއްލަ ހަރަދުގަ އެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވުމުގެ ސަބަބުން މިދިޔަ މޭ މަހު ވެސް އެޗްޕީއޭ އިން ވަނީ ލުއިތަކެއް ދީފަ އެވެ. މީގެ ތެރޭގައި މާލޭގެ ކާފިއު އުވާލުމާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ 14 ދުވަސް ފަހުން ކަރަންޓީނުނުވެ ރަށްރަށަށް ދަތުރު ކުރެވޭ ގޮތް ހަމަޖެއްސުން ހިމެނެ އެވެ.